Roadha Mihaaru
600 އަށް ވުރެ ގިނަ ކަރަންޓީނު ފެސިލިޓީ ހަދައިފި

ކޮވިޑް-19: 600 އަށް ވުރެ ގިނަ ކަރަންޓީނު ފެސިލިޓީ ހަދައިފި

15 މާޗް 2020

ކޮވިޑް-19 މުޅި ރާއްޖެ އަށް ފެތުރިއްޖެ ހާލަތެއްގައި އެކަހެރި ކުރަންޖެހޭ މީހުން ބައިތިއްބުމަށްޓަކައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކަރަންޓީން ފެސިލިޓީ ގާއިމްކޮށްފި އެވެ. އެގޮތުން، މިހާތަނަށް 600 އަށް ވުރެ ގިނަ ތަންތަން އަތޮޅުތަކުގައި ހަދާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 މުޅި ރާއްޖެ އަށް ފެތުރިއްޖެ ހާލަތެއްގައި އެކަހެރި ކުރަންޖެހޭ މީހުން ބައިތިއްބުމަށްޓަކައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކަރަންޓީން ފެސިލިޓީ ގާއިމްކޮށްފި އެވެ. އެގޮތުން، މިހާތަނަށް 600 އަށް ވުރެ ގިނަ ތަންތަން އަތޮޅުތަކުގައި ހަދާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، މާލެ ސަރަހައްދުގައި ކުރިން ހުރި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ޖުމްލަ 641 ފެސިލިޓީ މިހާރު ގާއިމް ކޮށްފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ގާއިމް ކޮށްފައި ވަނީ ވިލިވަރު ކަރަންޓީނު ފެސިލިޓީއައި ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ އެވެ. އޭގެ އިތުރުން އއ. ވެލިދޫ އައިލެންޑް ރިސޯޓް ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ، މިވަގުތު ބަންދުކޮށްފައި އޮތް ރިސޯޓެކެވެ.

މަބްރޫކް ވިދާޅުވީ އެ ތަންތަނުގެ އިތުރުން، ހުޅުލޭ އައިލެންޑް ހޮޓާ (އެޗްއައިއެޗް) ވެސް ކަރަންޓީނު ފެސިލިޓީއަަކަށް ބޭނުން ކުރެވިދާނެތޯ ބެލުމަށް އެ ހޮޓާ ހިންގާ ކުންފުންޏާ ސަރުކާރުން ވާހަަކަ ދައްކަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ޓޫރިސްޓުން ރާއްޖެ އައުމުގައި އަމަލުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ހަމަޖެއްސި އުސޫލުގައިވާ ގޮތުން، އެހެން އެެއްވެސް ތަނެއްގައި މަޑުނުކޮށް ޓޫރިސްޓުން ދާން ޖެހޭނީ އެ މީހުން ތިބެން ހަމަޖެހިފައިވާ ރިސޯޓަކަށެވެ. އެ އުސޫލަށް އަމަލުކުރާ ނަމަ އެޗްއައިއެޗަށް އައުން ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވް ވި މީހުންގެ އަދަދު މިއަދު ވަނީ 11 އަށް އަރައިފަ އެވެ. އެކި ގައުމުތަކުގައި އެ ބަލި ޖެހުނު މީހުންގެ މިހާރުގެ އަދަދަކީ 156,533 އެވެ. އެ ބަލީގައި 5,835 މީހަކު މަރުވި އިރު 75,922 މީހަކު ރަނގަޅުވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުން:

1. ކުރެއްދޫ ރިސޯޓު- 5 މީހުން. 2. ބަތަލާ ރިސޯޓުން- 2 މީހުން. 3. ކުރަމަތި- 2 މީހުން. 4. އަންނަތަރާ ދިގު ރިސޯޓު- 2 މީހުން.