Roadha Mihaaru
ގެފުޅު ވަށައިގެން ދޫނި އުދުހޭ ވީޑިއޯއަކަށް ސަމާލުކަން!

ގެފުޅު ވަށައިގެން ދޫނިތަކެއް އުދުހޭ ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް

13 މާޗް 2020

ކޮވިޑް-19 ފެތުރެން ފެށުމާ އެކު އާންމުން ވަނުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާ ހަރަމްފުޅު މަތީގައި ދޫނިތަކެއް ބުރުޖަހަމުންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކޮވިޑް-19 ފެތުރެން ފެށުމާ އެކު އާންމުން ވަނުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާ ހަރަމްފުޅު މަތީގައި ދޫނިތަކެއް ބުރުޖަހަމުންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެ އެވެ.

ދެ ހަރަމްފުޅާ ބެހޭ ގޮތުން އެކި މައުލޫމާތުތައް ގެނެސްދޭ ބައެއް ޓްވިޓާ އެކައުންޓްތަކުން މި ވީޑިއޯ ޓްވީޓްކޮށް ބުނެފައިވަނީ މިއީ އިއްޔެ ފަތިސް ނަމާދަށް ދިޔަ މީހަކު ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ. ހަރަމްފުޅު ސަރަހައްދުގައި ކޮތަރު ފަދަ ދޫނި އުދުހި އުޅުމަކީ އާންމު ކަމެކެވެ. އެކަމަކު މި ވީޑިއޯގައި، ދޫނިތައް އުދުހި ބުރުޖަހަމުން ދިޔައީ މުސްލިމުން ގެފުޅު ވަށައިގެން ތަވާފްކުރާއިރު އިރު ބުރުޖަހާ ގޮތަށް، ސީދާ ވަށް ބުރަކަށް ނުވާ ގޮތަށްކަން ޓްވީޓްގައި ފާހަގަކޮށްފައިވެ އެވެ.

އެކަމަކު މި ވީޑިއޯ އެހާ ބޮޑަށް ސަމާލުކަމަށް އައީ ހަރަމްފުޅަށް މީހުން ވަނުން ކޮންޓްރޯލްކުރުމާއި މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެންނެވެ.

ގެފުޅު ވަށައިގެން ދޫނިތައް ބުރުޖަހަނީ

އެތައް ހާސް ބަޔަކު މި ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވެ އެވެ. ބައެއް މީހުން ބުނެފައި ވަނީ އިންސާނުން ނޫނަސް އެހެން މަހުލޫގުން ވެސް ހަރަމްފުޅުގައި ތަވާފްކުރާނެ ކަމަށެވެ. މިއީ ދުނިޔެ އަށް ކުރިމަތިވެފައިވާ ދަތި މި ވަގުތުގައި ފެނުނު ރަނގަޅު އުންމީދީ ނިޝާނެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަކޮށްފައިވެ އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެން ފެށުމުން އެ ބަލިން ރައްކާތެރިވުމަށް، މީހުން އެއްތަންވެ ނޫޅުމަށާއި ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ސިއްހީ ތަޖުރިބާކާރުން ދޭ ލަފަޔާ އެކު މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ސައޫދީން ވަނީ ހަރަމްފުޅު ސަރަހައްދަށް މީހުން ވަނުން ކޮންޓްރޯލްކޮށް، އުމްރާ އަށް އެހެން ގައުމުތަކުން މީހުން އައުން ވެސް މަނާކޮށްފަ އެވެ. އަދި މިހާރު ގެންދަނީ ވަކި ވަގުތުތަކެއްގައި ހަރަމްފުޅު ބަންދުކޮށް ޑިސްއިންފެކްޓްކޮށް ސާފުކުރުމުގެ މަސައްކަތްކުރަމުންނެވެ.

އުމްރާގެ އަޅުކަން މިދުވަސްވަރު ހުއްޓާލާފައިވާތީ މައްކާގެ ގެފުޅު ވަށައިގެން އޮންނަ ސަރަހައްދު ހުސްވެފައި: އުމްރާގެ އަޅުކަން މެދުކަނޑާލީ ކޮރޯނާވައިރަހުގެ ބިރަށް. --ފޮޓޯ:އޭއެފްޕީ

އުމްރާގެ އަޅުކަން މިދުވަސްވަރު ހުއްޓާލާފައިވާތީ މައްކާގެ ގެފުޅު ވަށައިގެން އޮންނަ ސަރަހައްދު ހުސްވެފައި: އުމްރާގެ އަޅުކަން މެދުކަނޑާލީ ކޮރޯނާވައިރަހުގެ ބިރަށް. --ފޮޓޯ:އޭއެފްޕީ

އަބަދުވެސް އެތައް ހާސް ބަޔަކު އަޅުކަމުގައި ތިބޭ ހަރަމްފުޅު ސަރަހައްދު، މި ފިޔަވަޅުތަކާ އެކު ވަނީ ގާތްގަނޑަކަށް ހުސްވެފަ އެވެ.

މަސްޖިދުލް ހަރާމް އާއި މަސްޖިދުއް ނަބަވީ، ކޮންމެ ރެއެއްގެ އިޝާ ނަމާދުގެ އެއް ގަޑިއިރު ފަހުން ބަންދުކޮށް ފަތިސް ނަމާދުގެ އެއް ގަޑިއިރު ކުރިން ހުޅުވަ އެވެ. ހަރަމްފުޅުގެ މަތާފް ނުވަތަ ތަވާފްކުރަން ހާއްސަކޮށްފައި އޮންނަ ސަރަހައްދުގެ ވެސް ބޮޑު ބައެއް ވަނީ ބަންދުކޮށްފަ އެވެ. އެ ތަނަށް ވަދެވެނީ އުމްރާގެ އަޅުކަމުގައި ނޫން ގޮތަށް އަންނަ މައްކާ މީހުންނަށް އެކަންޏެވެ. އިއުތިކާފަށް ތިބުމާއި ނިދުން ދެ ހަރަމްފުޅުގައި ވެސް ވަނީ މަނާކޮށްފަ އެވެ.