Roadha Mihaaru
ޚުތުބާ ދެނިކޮށް ހަރަމްފުޅުގެ އިމާމަށް ހަމަލާދޭން އުޅެފި

ހަރަމްފުޅުގައި ހުކުރު ކުރަނިކޮށް އިމާމަށް ހަމަލާދޭން އުޅެފި

22 މެއި 2021

މައްކާގެ މާތްވެގެންވާ ހަރަމްފުޅުގައި ހުކުރު ޚުތުބާ ދެއްވަނިކޮށް "ކަނޑިއެއް" ހިފައިގެން މިމްބަރަށް އަރައި، އިމާމަށް ހަމަލާދޭން އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މައްކާގެ މާތްވެގެންވާ ހަރަމްފުޅުގައި ހުކުރު ޚުތުބާ ދެއްވަނިކޮށް "ކަނޑިއެއް" ހިފައިގެން މިމްބަރަށް އަރައި، އިމާމަށް ހަމަލާދޭން އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

މިއަދު ހުކުރު ނަމާދުގައި ޝެއިހް ބަލީލާ ޚުތުބާ ދެއްވަނިކޮށް މިމްބަރަށް އަރަން މަސައްކަތްކުރީ އިހްރާމް ހެދުމުގައި ހުރި ފިރިހެނެކެވެ. ހަރަމްފުޅާ ބެހޭ މައުލޫމާތު ހާމަކުރާ ހަރަމައިން ޝަރިފައިންގެ ޓުވީޓާގައި މި ހާދިސާގެ ވީޑިއޯ އާންމުކޮށްފައިވެ އެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި ޚަތީބު ޚުތުބާ ކުރިއަށް ގެންދަވަނިކޮށް ފިރިހެނަކު ކުއްލިއަކަށް ތެދުވެ މިމްބަރާ ދިމާލަށް ދުއްވައިގަނެ އެވެ. އޭނާގެ އަތުގައި ކަނޑިއެއް ކަހަލަ އެއްޗެއް އޮތެވެ. މިމްބަރާ އަރާ ހަމަވިތާ އެތަނުގައި ތިބި ޕަބްލިކް ސެކިއުރިޓީ އޮފިޝަލުން ވަނީ ވަރަށް ހުށިޔާރުކަމާ އެކު އެ މީހާ ހުއްޓުވައި ހައްޔަރުކޮށްފަ އެވެ.

ހަރަމްފުޅުގައި އިމާމަށް ހަމަލާދޭތަން ފެންނަ ވީޑިއޯ.

އެމީހާގެ އަތުގައި އޮތީ ކަނޑިއެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އަތުގައި އޮތީ ދަނޑިބުރިއެކެވެ.

އެމީހާ މިހާރު ހުރީ ސައުދީގެ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި އޭނާއާ މެދު ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ އޭޕްރީލް މަހު ވެސް އަސުރު ނަމާދު ވަގުތެއްގައި ހަރަމްފުޅަށް ވަޅިއެއް ހިފައިގެން ވަދެ މީހުނަށް ހަމަލާދޭން އުޅުނު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި ބާރު ސްޕީޑުގައި ކާރެއް ހަރަމްފުޅުގެ ގޭޓަށް އެކްސިޑެންޓުވެފައިވެ އެވެ.