Roadha Mihaaru
ސަމާ އައިލެންޑްގެ ޑޮކްޓަރު ވެސް އެކަހެރިކޮށްފި

ސަމާ އައިލެންޑުގެ ހަތަރު މުވައްޒަފެއްގެ ގައިން ވެސް ކޮވިޑް-19 ގެ އާލާމާތްތައް ފެނުނު

07 މާޗް 2020

ސަމާ އައިލެންޑް ރިސޯޓަށް އައި ފްރާންސްގެ ދެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އެ ރިސޯޓު ކަރަންޓީނު ކުރި އިރު، ރިސޯޓުގެ ޑޮކްޓަރާއި ތިން މުވައްޒަފަކު ވެސް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ކަމަށް އެ ތަނުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަމާ އައިލެންޑް ރިސޯޓަށް އައި ފްރާންސްގެ ދެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އެ ރިސޯޓު ކަރަންޓީނު ކުރި އިރު، ރިސޯޓުގެ ޑޮކްޓަރާއި ތިން މުވައްޒަފަކު ވެސް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ކަމަށް އެ ތަނުން މިއަދު ބުނެފި އެވެ.

ސަމާ އައިލެންޑުން ނެރުނު ބަޔާނެއްގައި ބުނީ އެ ރިސޯޓަަށް އައި ފްރާންސްގެ، އުމުރުން 30 އަހަރުގެ ދެ ޓޫރިސްޓަކު ހުން އައިސްގެން، ރިސޯޓުގެ ޑޮކްޓަރަށް ދެއްކީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެ ހިސާބުން އެކަން ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އަށް އެންގި ކަމަށެވެ. އަދި އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް އެ ދެމީހުން ތިބީ އެ މީހުންގެ ކޮޓަރީގައި ކަރަންޓީނު ކޮށްފައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ހަފުތާ ބަންދާ ދިމާކޮށް، ގިނަ ދިވެހިންތަކެއް ޗުއްޓީ ހޭދަކުރަން ދާ ސަމާ އައިލެންޑުގައި މަސައްކަތް ކުރާ، އުމުރުން 33 އަހަރުގެ އިންޑިއާގެ ޑޮކްޓަރު ކެއްސައި ނޭވާ ކުރުވާތީ އެންގީ އިއްޔެ އެވެ. އޭނާ ވެސް އެ ހިސާބުން ފެށިގެން ހުރީ ކޮޓަރީގައި އެކަހެރި ކޮށްފަ އެވެ. އަދި އޭގެ ފަހުން ރިސޯޓުގެ އެހެން ތިން މުވައްޒަފަކުވެސް އާދައިގެ ވަރަކަށް ކެއްސާތީ ތިބީ އެކަހެރިކޮށްފަ އެވެ.

އެޗްޕީއޭގެ ޓްވީޓް

ސަމާ އައިލެންޑުން ބުނީ، ދެ ޓޫރިސްޓުންގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު ހިސާބުން ފެށިގެން، އެކަމާ ގުޅޭ ގޮތުން ރިސޯޓުން އެޅި ހުރިހާ ފިޔަވަޅެއް ވެސް އަޅާފައި ވަނީ އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ. އެޗްޕީއޭގެ ހުއްދަ ނެތި ރިސޯޓަށް މީހުން ދިއުމާއި ރިސޯޓުން މީހުން ފުރުން މިހާރު ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އެހެންވެ، އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ހަމަޖެހިގެން ރާއްޖެ އަށް ދެން އަންނަ މީހުން ފޮނުވާނީ އެހެން ރިސޯޓް ތަކަށް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެޗްޕީއޭ އިން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނީ ފްރާންސްގެ ދެ ޓޫރިސްޓުންގެ ގައިން، ކޮވިޑް-19 އަށް ޝައްކުރެވޭ އަލާމާތްތައް ފެނުމުން އެމީހުން މޮނިޓާ ކުރުމަށާއި ޓެސްޓް ކުރުމަށް ކަނޑައަޅާފައިވާ މަރުކަޒަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސަމާ އައިލެންޑަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކުރީ އެއީ އެ ހާލަތުގައި އަމަލުކުރަން އޮންނަ އުސޫލުކަމަށް ވާތީ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ތިން ޓޫރިސްޓަކު އެ ބައްޔަށް ޝައްކު ކުރެވިގެން އިއްޔެ ވަނީ ކަރަންޓީނު ކޮށްފަ އެވެ. އަދި ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިޓަލީ އަށް ދިޔަ ޓޫރިސްޓަކު އެ ބައްޔަށް ޕޮޒިޓިވް ވެގެން، އެ ރިސޯޓްގައި އެ މީހާ އަށް ފަރުވާ ދިން ޑޮކްޓަރު ވެސް ވަނީ ކަރަންޓީނު ކޮށްފަ އެވެ.

އަދި ތިނަދޫ އާއި ކުރެއްދޫ އަށް އަރައި ފޭބުން ވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ. ސަމާ އައިލެންޑާއި ތިނަދު އާއި ކުރެއްދޫ، ކަރަންޓީނުން ދޫކޮށްލާނީ ޓެސްޓުގެ ނަތީޖާ ލިބުމުންނެވެ.