Roadha Mihaaru
ރަށު ޓީމު ކޮޅަށް ސައްޓު 13 މިނެޓުން ހެދި ހެޓްރިކް

ރަށު ޓީމު ކޮޅަށް ސައްޓު 13 މިނެޓުން ހެދި ހެޓްރިކް

05 މާޗް 2020

ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގައި ބ. އޭދަފުށި ވަރެއް ނެތެވެ. އެ ރަށު ޓީމު ނުވަދިހައިގެ ކުރީކޮޅު ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް އަދި ފަހުން ގައުމީ ޓީމަށް އެ ރަށުން ވަރަށް ގިނަ ކުޅުންތެރިން ނެރުނެވެ. އެކަމަކު ކްލަބް އޭދަފުށީގެ ނަމުގައި ރަށު ކައުންސިލުން ކްލަބެއް އުފައްދައި އަލުން މަތީ ހަރުފަތަށް އަރަން ފެށި މަސައްކަތުގައި މިއަދު ދިމާވީ ހިތްދަތި ގޮތެކެވެ. ފުރަތަމަ ޑިވިޝަނުގެ ގަދަބާރު ޓީސީ އަތުން 13-0 އިން ބަލިވެ އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ކެޓީ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގައި ބ. އޭދަފުށި ވަރެއް ނެތެވެ. އެ ރަށު ޓީމު ނުވަދިހައިގެ ކުރީކޮޅު ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް އަދި ފަހުން ގައުމީ ޓީމަށް އެ ރަށުން ވަރަށް ގިނަ ކުޅުންތެރިން ނެރުނެވެ. އެކަމަކު ކްލަބް އޭދަފުށީގެ ނަމުގައި ރަށު ކައުންސިލުން ކްލަބެއް އުފައްދައި އަލުން މަތީ ހަރުފަތަށް އަރަން ފެށި މަސައްކަތުގައި މިއަދު ދިމާވީ ހިތްދަތި ގޮތެކެވެ. ފުރަތަމަ ޑިވިޝަނުގެ ގަދަބާރު ޓީސީ އަތުން 13-0 އިން ބަލިވެ އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ކެޓީ އެވެ.

އެކަމަކު އެ ރަށު ޓީމު ބަލިވި މެޗުން ވެސް އަނެއްކާ ވެސް ފާހަގަކުރެވުނީ އެ ރަށުގެ ކުޅުންތެރިންގެ ހުނަރުވެރިކަމެވެ. މިއަދުގެ މެޗުގައި ޓީސީން ޖެހި 13 ގޯލުގެ ތެރެއިން ފުރަތަމަ ތިން ލަނޑު ޖަހައި ހެޓްރިކެއް ހެދީ އެ ރަށަށް އުފަން އިޝާން އިބްރާހިމް (ސައްޓު) އެވެ.

ސައްޓު ފުރަތަމަ ގޯލް ވައްދާލީ ފުރަތަމަ މިނެޓުގެ ތެރޭގަ އެވެ. މިއީ ރާއްޖޭގެ ރަސްމީ މެޗެއްގައި ޖެހި އެންމެ އަވަސް އެއް ގޯލަށް ވާނެ އެވެ. އެ ނިމުނީއެއް ނޫނެވެ. ސައްޓު 10 ވަނަ މިނެޓާއި 13 ވަނަ މިނެޓުގައި އިތުރު ދެ ގޯލް ޖަހައި ހެދި ހެޓްރިކަކީ ބެލެވޭ ގޮތުގައި ރާއްޖޭގެ ރަސްމީ މެޗެއްގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަދި މެޗެއް ފަށައިގެން އެންމެ އަވަހަށް ހެދި ހެޓްރިކެވެ.

އެހާ އަވަހަށް، އެހާ ގާތްގާތުގައި ތިން ލަނޑު ޖެހުމުގެ ސިއްރަކީ ރަށު ޓީމާ ދެކޮޅަށް ކުޅެން ޖެހުމުން، ތަފާތު ރޫހެއް އައުންތޯ އެހުމުން ސައްޓު އެކަމުގެ އެއްވެސް ކްރެޑިޓެއް ނުނެގި އެވެ. އޭނާ ބުނީ ޓީމުން މެޗު ފެށިލެއް ރަނގަޅީ ކަމަށެވެ.

"މިހާ ތަފާތު ބޮޑުކޮށް މޮޅުވީ ވެސް އެހާ ކުރީކޮޅު ލަނޑުތަކެއް ޖެހުނީމާ،" ފުރަތަމަ ޑިިވިޝަނުގައި ހެދި ދެ ވަނަ ހެޓްރިކަށް ފަހު ސައްޓު ބުންޏެވެ.

އޭދަފުށީ ޓާފް ދަނޑު ހުޅުވި މެޗުގައި ސައްޓު (ވ) އެ ރަށު ޓީމަށް ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭދަފުށީ ޓާފް ދަނޑު ހުޅުވި މެޗުގައި ސައްޓު (ވ) އެ ރަށު ޓީމަށް ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ސައްޓު އަކީ ފަހަކަށް އައިސް އުފަން ރަށުގެ ޓީމު ކޮޅަށް ފުރަތަމަ ޑިވިޝަނުގައި ހެޓްރިކެއް ހެދި ދެ ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ކުޅުންތެރިޔަކީ އދ. މަހިބަދޫ ކޮޅަށް ހެޓްރިކް ހެދި އެ ރަށަށް އުފަން، މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ އެވެ.

ރަށު ޓީމާ ދެކޮޅަށް ކުޅޭތީވެ މިއަދުގެ މެޗުގައި ޓީސީން ކެޕްޓަން ބޭންޑް ދިނީ ވެސް ސައްޓު އަށެވެ. އެހެންވެ އޭދަފުށި މިއަދު ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް އެ ރަށުގެ ކުޅުންތެރިޔަކު އިދިކޮޅު ޓީމުގައި ވިދާލުމަކީ، މިއަދުގެ މެޗު ޓީވީން ވަގުތުން ބެލި އޭދަފުށީ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމަކަށް ވާނެ އެވެ. ފުރަތަމަ ޑިވިޝަނުގައި ދާދި ފަހުން ކުޅެން ފެށި ނަމަވެސް ސައްޓު އައީ މީގެ 15 ވަރަކަށް އަހަރު ކުރިން ފެށިގެން އެ ރަށުގެ މުބާރާތްތަކާއި އަތޮޅު މުބާރާތްތަކުގައި މޮޅަށް ކުޅެމުންނެވެ. އޭނާ އަށް ފުރަތަމަ ޑިވިޝަނުން ލިބުނު ފުރުސަތުތައް އޭރު ދޫކޮށްލީ ވަޒީފާގެ ގޮތުން މާލެ އާދެވެން ނެތުމުންނާއި ފުރަތަމަ ޑިވިޝަނުގައި ކުޅެން ޖެހިލުންވާތީވެ އެވެ.

އޭނާ 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމަށް ކުޅެން އައީ ޕްރެކްޓިސް ނުކޮށް ސީދާ މެޗުގައި ކުޅޭށެވެ. އެ ޓީމަށް އޭނާ ކުޅުނު ފުރަތަމަ މެޗަކީ ގަލޮޅު ދަނޑުގައި ވެސް ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުގެ ދެ ވަނަ ހާފުގައި އަރައި ދެ ލަނޑު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އެއާ އެކު ބިރު ކެނޑުނެވެ. އަދި ވަޒީފާ ވެސް މާލޭން ހަމަޖެހުމާ އެކު ޖެހިގެން އައި އަހަރު ޓީސީއާ ގުޅުނެވެ.

އެ ޓީމަށް ދެ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު ސައްޓު މިހާރު ނިންމާފައިވަނީ ފުރަތަމަ ޑިވިޝަނަށް އަލްވަދާއު ކިޔުމަށް ފަހު ރަށަށް ބަދަލުވާޑެވެ. ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗުގެ މެނޭޖަރުގެ ވަޒީފާ ލިބިފައި އޮތުމާ އެކު އެވެ. އެހެންވެ އޭނާގެ ކުރު ކެރިއަރު ނިންމާލުމުގެ ކުރިން މިއަދު ލިބުނީ ހާއްސަ އުފަލެކެވެ. ރަށު ޓީމާ ދެކޮޅަށް މަތީ ފެންވަރުގައި ކުޅެ ހެޓްރިކެއް ހަދާލެވުނީ އެވެ. ސީޒަން ނިންމާލުމުގެ ކުރިން ދެން އޮތީ އޭއެފްސީ ކަޕުގައި ޓީސީ އަށް ކުޅުމާއި ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ފުރުސަތު ހޯދުމެވެ.

Sattu qaumee jersey ga kulhun: uhmeedheh!

Sattu qaumee jersey ga kulhun: uhmeedheh!

The most trusted news source in the Maldives

Mihaaru

ސައްޓުއާ ބެހޭގޮތުން "މިހާރު" ނޫހުގައި ފެބްރުއަރީ 14، 2020 ގައި ޝާއިއުކުރި ރިޕޯޓް.

އެއަށް ފަހު ސީޒަން ނިމުމުން އޭދަފުށްޓަށް ބަދަލުވެ ދެން އަނެއްކާ ވެސް ސައްޓު ފެންނާނީ ރަށު ޓީމުންނެވެ. އޭދަފުށީ ޓީމުގައި މިއަދު ހިމެނުނު ޒުވާން ކުޅުންތެރިން ކުރިއަރުވަން ސައްޓުގެ އެހީ ބޭނުންވާނެ އެވެ. ސައްތައިން ސައްތަ އޭދަފުށީ ކުޅުންތެރިން ހިމެނުނު މި ޓީމުގެ އަމާޒަކީ ޖަޒީރާ ޗެމްޕިއަންޝިޕުން ފަށައި ކުރިއަރަމުން ގޮސް ދިވެހި ޕްރިމިއާ ލީގާ ހަމަޔަށް އައުމެވެ. އޭގެ ކުރިން، މިއަދު ވެސް ސައްޓު އެ ކުޅުންތެރިންނަށް ދޭން އޮތީ ހިތްވަރެވެ.

"މި ލެވެލްގައި އަލަށް ކުޅެ ތަފާތު ބޮޑުކޮށް ބަލިވުމަކީ މައްސަލައެއް ނޫން. އެއްވެސް ވަރަކަށް މާޔޫސްވާކަށް ނުޖެހޭ. ވަރަށް އުއްމީދީ ކުޅުންތެރިންތަކެއް މިއީ،" 23 އަހަރުން ދަށުގެ ކުޅުންތެރިން ގިނައިން ތިބި އެ ޓީމުގެ ކުޅުންތެރިންނަށް ސައްޓު ބުނެލި އެވެ.