Roadha Mihaaru
ދިއްލީގެ ހަމަނުޖެހުމުގެ ޒިންމާ ނަގަންޖެހޭނީ އަމިތު ޝާހު

ދިއްލީގެ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަން ޖެހޭނީ އަމިތު ޝާހު، އިސްތިއުފާ ދޭން ޖެހޭ: ސޯނިއާ

27 ފެބުރުއަރީ 2020

ނިއު ދިއްލީ (ފެބްރުއަރީ 27) - ނިއު ދިއްލީގައި ހިންދޫން މިހާރު ހިންގާ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަން ޖެހޭނީ ހޯމް މިނިސްޓަރު އަމިތު ޝާހު ކަމަށާއި އޭނާ ވަގުތުން އިސްތިއުފާ ދެއްވުމަށް ކޮންގްރެސް ޕާޓީގެ ލީޑަރު ސޯނިއާ ގާނދީ ގޮވާލައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ފެބްރުއަރީ 27) - ނިއު ދިއްލީގައި ހިންދޫން މިހާރު ހިންގާ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަން ޖެހޭނީ ހޯމް މިނިސްޓަރު އަމިތު ޝާހު ކަމަށާއި އޭނާ ވަގުތުން އިސްތިއުފާ ދެއްވުމަށް ކޮންގްރެސް ޕާޓީގެ ލީޑަރު ސޯނިއާ ގާނދީ ގޮވާލައްވައިފި އެވެ.

ދިއްލީގެ އިރުއުތުރުގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިންގާ ހަމަނުޖެހުންތަކުގައި 33 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

"މިދިޔަ ހަފުތާގައި ހޯމް މިނިސްޓަރު ކުރެއްވީ ކޮން ކަމެއް؟ މި ހަފުތާގެ ކުރީކޮޅު ހޯމް މިނިސްޓަރު ކުރެއްވީ ކޮން ކަމެއް؟ ދިއްލީގެ ހާލަތު ގޯސްވަމުން ދިޔަތަން ހޯމް މިނިސްޓަރަށް ފެނިވަޑައިގެންނެވި އިރު އެކަން ހުއްޓުވަން ސިފައިންނާއި ފުލުހުން ނުނެރުނީ ކީއްވެ؟" ކޮންގްރެސްގެ ހެޑްކްއާޓަރުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޯނިއާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ހަމަނުޖެހުންތަކުގެ ޒިންމާ އުފުލަން ޖެހޭނީ ހޯމް މިނިސްޓަރު ހިމެނޭ ގޮތަށް ބީޖޭޕީގެ މަރުކަޒީ ސަރުކާރު ކަމަށެވެ.

"ހޯމް މިނިސްޓަރު އަމިތު ޝާހު ވަގުތުން އިސްތިއުފާ ދެއްވަންޖެހޭ،" ކޮންގްރެސް ޕާޓީން ކަންކަން ނިންމާ ވޯކިން ގްރޫޕުގެ ބައްދަލުވުމަކަށް ފަހު ސޯނިއާ ވިދާޅުވި އެވެ.

ދިއްލީގެ ހަމަނުޖެހުން ކޮންޓްރޯލް ނުކުރެވުމުގެ ޒިންމާ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވެސް އުފުއްލަވަން ޖެހޭނެ ކަމަށް ސޯނިއާ ވިދާޅުވި އެވެ.