Roadha Mihaaru
ހައްގު ހޯދަން މާލޭ ރަށްވެހިންގެ ޖަމިއްޔާ ތެދުވެއްޖެ

ބޯހިޔާވަހިކަމުގެ މައްސަލަ ހިފައިގެން މާލޭ ރަށްވެހިންގެ ޖަމިއްޔާ ތެދުވެއްޖެ

27 ފެބުރުއަރީ 2020

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މާލޭގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާއި މާލޭގެ މައްސަލަތަކުގައި އަޑުއުފުލައި ހައްލު ހޯދަން މާލޭގެ ރަށްވެހިންގެ ޖަމިއްޔާ އިން ތެދުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މާލޭގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާއި މާލޭގެ މައްސަލަތަކުގައި އަޑުއުފުލައި ހައްލު ހޯދަން މާލޭގެ ރަށްވެހިންގެ ޖަމިއްޔާ އިން ތެދުވެއްޖެ އެވެ.

އެ ޖަމިއްޔާ އިން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާ އެކު، އިސްކަންދަރު ސްކޫލްގައި މިރޭ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. މި ބައްދަލުވުމުގައި، ވާހަކަ ދައްކަން ހަމަޖައްސާފައި ވަނީ މާލޭގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާ ގުޅޭގޮތުންނެވެ.

މި ޖަމިއްޔާ އިން މާލޭގެ ރައްޔިތުންނާ މި ބައްދަލުކުރަނީ، މާލޭގެ މޭޔަރު ޝިފާ މުހައްމަދާ ބައްދަލުކޮށް، މުހިއްމު ހުށަހެޅުންތަކެއް ވެސް ހުށަހެޅުމަށް ފަހު އެވެ. އެ ޖަމިއްޔާ އިން އާއްމުކުރި ބަޔާނުގައި ބުނީ އެ ބައްދަލުވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާ ގުޅިގެން ކަމަށެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދޭން މާލެ އިން ބިން ހިއްކާފައިވާ އިރު، އެ ބިންތަކުގެ ހައްގުވެރިންނަށް ނުލިބޭ ކަމަށް އެ ޖަމިއްޔާ އިން ޝަކުވާކޮށްފައިވެ އެވެ.

އިސްކަންދޭން އެދި މޭޔަރަށް ހުށަހެޅުންތަކެއް

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މާލޭ ރަށްވެހިންގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަން ޖަމިއްޔާ އިން ވަނީ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ. އެކަމަށް އޮތް ހައްލެއްގެ ގޮތުގައި މާލޭގެ ރަށްވެހިންގެ ޖަމިއްޔާ އިން ހުށަހެޅީ މާލޭގެ ރަށްވެހިންނަށް މާލޭގެ ބިމުން ގޯތިދެވޭނެ ހަމައެކަނި ހައްލަކީ ހުޅުމާލޭގެ ހުސްބިމުން ގޯތި ދިނުމާއި ގުޅީފަޅު އަދި ފުށިދިއްގަރުފަޅު ހިއްކުމެވެ. މާލޭގެ ލޭންޑް ޔޫސް ޕްލޭން ހަދާއިރު އެކަމަށް ރިއާޔަތްކޮށްދޭން ވަނީ އެދިފަ އެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަކީ ކައުންސިލުން ވެސް އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް މޭޔަރު ޝިޔާ ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ. ޕްލޭނިން މިނިސްޓްރީން މިހާރު އެކުލަވައިލަމުން އަންނަ މާލޭގެ ލޭންޑް ޔޫސް ޕްލޭން އާއްމުކޮށް، މާލޭގެ ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވައިފަ އެވެ.

ރަށްރަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެ ރަށެއްގެ ރައްޔިތުންނަށް އިސްކަންދޭ އުސޫލުން މާލޭގައި ވެސް މާލޭގެ ރަށްވެހިންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅެން އެ ޖަމިއްޔާ އިން ވަނީ އެދިފަ އެވެ. އެގޮތުން ހުށަހެޅި އެއްކަމަކީ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ޕޮއިންޓް ދިނުމުގެ އުސޫލް ބަދަލުކޮށް މާލޭގެ ރަށްވެހިންނަށް އިސްކަން ދިނުމެވެ.

ޕޮއިންޓް ދިނުމުގެ އުސޫލު ބަދަލުކުރަން ސިސްޓަމެއް ތައްޔާރުކުރަމުން އަންނަ ކަމަށް ޝިފާއާ ހަވާލާ ދެއްވައި އެ ބަޔާނުގައި ވެ އެވެ. އެ ސިސްޓަމް ހަދަނީ، މާލޭގައި އެންމެ ނިކަމެތި ހާލުގައި އުޅޭ ރައްޔިތުން ދެނެގަނެވޭ ގޮތަށެވެ.

މާލޭގެ ރަށްވެހިންގެ ޖަމިއްޔާ އިން މޭޔަރަށް ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހެޅި އަނެއް ކަމަކީ މާލޭގެ ދަފްތަރާ ހެދި، މާލޭގެ ރައްޔިތުންގެ ހައްގުތަކެއް ގެއްލުމެވެ. ރަށްރަށުގެ މީހުން މާލޭގެ ދަފްތަރުގައި ޖެހުން ހުއްޓުވައިދޭން އެ ޖަމިއްޔާ އިން ވަނީ އެދިފަ އެވެ.

އުސޫލްތަކުގެ ބޭރުން ދަފްތަރުގައި ޖެހެން އުޅުނު ގިނަ ބަޔަކު ހުއްޓުވާފައިވާ ކަމަށް ޝިފާ ވިދާޅުވި ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. އަދި ދަފްތަރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން، ގާނޫނަށް އިސްލާހު ހުށަހަޅައިގެން ނަމަވެސް ހުއްޓުވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"މި ޖަމިއްޔާގެ ފަރާތުން ދެކޭ ގޮތުގައި މާލޭގައި ދިމާވެފައިވާ ގިނަ މައްސަލަތަކަކީ ޒަމާންތަކަކަށް އެ ކަމުގައި ސަރުކާރާއި އާއްމު ރައްޔިތުންގެ ވެސް ވަަރަށް ބޮޑެތި އިހުމާލުތަކެއް ހިމެނިގެން ގޮސްފައިވާ މައްސަލަ އެކެވެ. އަދި މިކަމަކީ އެންމެ ތިން ހަތަރު ބައްދަލުވުމަކުން ހައްލު ކުރެވޭނެ މައްސަލަތަކެއް ވެސް ނޫނެވެ،" ބަޔާނުގައި ވެ އެވެ.

މާލޭގެ ރަށްވެހިންގެ ޖަމިއްޔާ އިން މާލޭގެ ރަށްވެހިންނަށް ދިން ޔަގީން ކަމަކީ، ހައްގުތައް ކަށަވަރުވަންދެން މައްސަލަތަކަށް ހައްލު ހޯދަން މުއައްސަސާތަކާ އެކު ދާއިމީ ބައްދަލުވުންތައް ބާއްވާނެ ކަމެވެ.

މާލޭ ރަށްވެހިންގެ ޖަމިއްޔާ އިން ހައްގުތައް ހޯދަން މި ތެދުވީ، މާލެ/ރާއްޖެތެރޭ ބަހުސް ހޫނުވެފައި އޮތް ދަނޑިވަޅެއްގަ އެވެ. މާލޭގެ ރަށްވެހިންނަށް ކުރިމަތިވެފައި ވަނީ ފަލަސްތީނަށް ވުރެން ވެސް ނިކަމެތި ހާލެއް ކަމަށް ވިދާޅުވެ މަޖިލީހުގެ މެމްބަރު ހުސެއިން ޝަމީމް ދެއްކެވި ވާހަކަތަކާ ހެދި އުފެދުނު އަރައިރުންތަކުގައި އޭނާ އަށް އެންމެފަހުން ވަނީ މާފަށް އެދިވަޑައިގެންފަ އެވެ. އޭނާގެ ވާހަކަތައް ތަރުޖަމާކުރީ ތަފާތުކުރުންތަކަށް ހިތްވަރު ދެއްވުމުގެ ވާހަކަތަކެއްގެ ގޮތުގަ އެވެ.