Roadha Mihaaru
މާލޭގެ މީހުންނަށް ގޯތި ދޫކުރުމުގެ އުސޫލު އާންމުކުރަނީ

މާލޭގެ މީހުންނަށް 4،000 ގޯތި ދޫކުރުމުގެ އުސޫލު ވަރަށް އަވަހަށް އާއްމުކުރަނީ

02 ޖެނުއަރީ 2022

ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މާލޭގެ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން ގޯތި ދޫކުރުމުގެ އުސޫލު އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މާލޭގެ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން ގޯތި ދޫކުރުމުގެ އުސޫލު އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މާލޭގެ މީހުންނަށް ގޯތި ދޫކުރާނީ އަމިއްލަ ކުޑަ ބިންކޮޅު ދޫކޮށްލުމުންތޯ ނުވަތަ ހިލޭތޯ ކަނޑައެޅޭނީ އެ މަޝްވަރާތައް ނިމުމުން ކަމަށެވެ. އަންނަ ހަފުތާގައި އެ އުސޫލު ނިމޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

"އުސޫލުގައި ކަނޑައެޅޭނެ ގޯތިތައް ދޫކުރެވޭނެ ގޮތް، މަޝްވަރާއިން ގޮތެއް ކަނޑައަޅައި އާއްމުކުރާނެ،" އަކްރަމް ވިދާޅުވި އެވެ.

ހުޅުމާލެ އިން 60 ބިން މާލޭގެ މީހުންނަށް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކުރުމާ އެކު، މާލެ އިން ގޯތި ދޫނުކުރާ މައްސަލައިގައި ހިތްހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ. މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ ހަފުތާގައި ވިދާޅުވީ، ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.

މި ބުރުގައި ގޯތި ދޫކުރުމުގައި އިސްކަންދޭން ނިންމާފައި އޮތް އެއް ބަޔަކީ އަސްލަމް އިޝާރާތް ކުރެއްވި ގޮތުގައި މާލޭގެ ރަަށްވެހިންގެ ތެރެއިން 700 އަކަފޫޓަށް ވުރެ ކުދި ތަންތަން ދޫކޮށްލާ މީހުންނަށެވެ. ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރާނެ ގޯތިތަކުގެ އަދަދެއް އަދި ކަނޑައެއް ނާޅަ އެވެ.

އެމްޑީޕީން ކުރިން ވައުދުވެފައި އޮތީ ވެސް މާލެ އިން ލިބިފައިވާ ބިންކޮޅެއް ސަރުކާރަށް ދޫކޮށްލުމުން އޭގެ ބަދަލުގައި މާލެ ސަރަހައްދުން ގޯއްޗެއް ނުވަތަ ފްލެޓެއް ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ. ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މީހުންނާއި ކުދި ފްލެޓްތަކާއި ކުދި ބިންކޮޅުގައި ދިރިއުޅޭ މީހުންނަށް ހުޅުމާލެ/ގުޅީފަޅު ނުވަތަ ތިލަފުށިން އެކަށީގެންވާ ވަރުގެ ގޯތި ދޫކުރެވޭނެ އުސޫލްތައް ގާނޫނުގައި ކަނޑައަޅާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

މާލެ ހިމެނޭ ގޮތް ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.

"އިރާދަކުރެއްވިއްޔާ މި ސަރުކާރުން، ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ބޯހިޔާވަހިކަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފޯރުކޮށްދޭނަން. އެއީ ވެށިފަހި މަޝްރޫއަށް ވިއަސް، ހިޔާ މަޝްރޫއަށް ވިއަސް އެއިން ގޯއްޗަކަށް، ފްލެޓަށް އެދިފައި ތިބި ކޮންމެ ފަރާތަކަށް ވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން،" ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެ އެވެ.