Roadha Mihaaru
މާރާމާރީ ހިންގި ބަޔަކަށް ދައުވާ ލަސްވެ ސަލާމަތްވެއްޖެ

ނުރައްކާތެރި މާރާމާރީއެއް ހިންގި ބަޔަކަށް ދައުވާކުރުން ލަސްވުމުން ސަލާމަތްވެއްޖެ

21 ފެބުރުއަރީ 2020

މީގެ ތިން އަހަރު ކުރިން ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ދައުވާ ލިބުނު ތިން މީހަކަށް ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ލަހުން ދައުވާ އުފުލާފައި ވާތީ، ކްރިމިނަލް ކޯޓުން ދައުވާ ބާތިލްކުރުމުން އެ ތިން މީހުން މިނިވަންވެއްޖެ އެވެ.

މީގެ ތިން އަހަރު ކުރިން ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ދައުވާ ލިބުނު ތިން މީހަކަށް ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ލަހުން ދައުވާ އުފުލާފައި ވާތީ، ކްރިމިނަލް ކޯޓުން ދައުވާ ބާތިލްކުރުމުން އެ ތިން މީހުން މިނިވަންވެއްޖެ އެވެ.

މިއީ މެއި 23، 2016 ގައި، ލަޓިބުރިއަކާއި ރެންޗަކުން މީހެއްގެ ބޮލާއި ކަންފަތްމަތީގައި ތަޅައި އަދި ހަށިގަނޑުގެ އެތަންމިތަނުގައި ލަޓިބުރިންނާއި ދަނޑިބުރިއަކުންނާއި ކޮޅުފައިން ތަޅައި މާރާމާރީ ހިންގި މައްސަލައެއްގައި ކުރި ދައުވާއެކެވެ. މި މައްސަލާގައި ހިމެނުނު ތިން މީހުންގެ މައްޗަށް ކުރީ، މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މި މީހުންގެ މައްޗަށް ޑިސެމްބަރު 6، 2016 ގައި ދައުވާކުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްހި ގެންގުޅުމުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ ދަށުންނެވެ.

މި މަހުގެ 16 ވަނަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން ދައުވާ ލިބުނު ތިން މީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދި މާރާމާރީ ހިންގި ކަމަށް ދައުވާގައި ބުނާ ވަގުތު އެ ތިން މީހުން ވެސް ތިބީ ތިން ތަނެއްގައި ކަމަށާއި މާރާމާރީ ހިންގި ތަނުގައި ނެތް ކަމަށް ވެސް، ދައުވާ އަށް ޖަވާބުދާރީ ވަމުން ބުނެފައިވެ އެވެ. އަދި އެ މީހުން ބުނެފައިވަނީ ދައުވާގައި ބުނާ ރެންޗާއި ހަތިޔާރުގެ ފޮޓޯއެއް ވެސް ތަހުގީގަށް ހުށަހަޅާފައި ނުވާ ކަމަށާއި ތަހުގީގު ރިޕޯޓްގައި ވެސް އޭގެ ވާހަކައެއް ނެތް ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާ އަށް އަނިޔާވި ދުވަހެއް އަދި އެއީ ކާކުގެ ފަރާތުން ލިބުނު އަނިޔާއެއްކަން ވެސް މެޑިކަލް ރިޕޯޓްގައި އެނގެން ނެތް ކަމަށް، ދައުވާ ލިބުނު މީހުން ވަނީ ބުނެފަ އެވެ.

ގާޒީ މުހައްމަދު ސަމީރު، މި ދައުވާ ބާތިލް ކަމަށް ހުކުމް ކުރެއްވީ ދައުވާކުރި ގާނޫނުގައި ހަވާލާދީފައިވާ މާއްދާ އަށް ބަލާއިރު އެއީ ތުހުމަތުގައި މީހާ ހައްޔަރުކުރާތާ 15 ދުވަހުގެ ތެރޭގައި ދައުވާކުރަންޖެހޭ މައްސަލައަކަށް ވެފައި، ދައުވާ އުފުލާފައި ވަނީ ތުހުމަތުގައި މީހުން ހައްޔަރުކުރިތާ ހަ މަސް ދުވަސް ފަހުން ނޮވެމްބަރު 29، 2016 ގައި ކަމަށް ވާތީ އެވެ. އަދި ދައުވާކުރި މާއްދާގައި ބުނާ ބާވަތުގެ ކުށްތަކުގައި، މީހާ ހައްޔަރުކުރާތާ 15 ދުވަހުގެ ތެރޭގައި ދައުވާކޮށް 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަންޖެހެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ވަނީ، ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާ އުފުލިފައި ނުވާ ކަމަށާއި ގާނޫނުގައި ބުނާ ގޮތަށް، ދައުވާކުރުމަށް އިތުރު މުއްދަތެއް ދިނުމަށް ވެސް އެދިފައި ނުވާ ކަމަށް ޝަރީއަތުގައި އެއްބަސްވެފަ އެވެ. އެހެންވެ އެދުނީ މިކަމުގައި ޝަރީއަތުން ގޮތެއް ކަނޑައަޅައިދިނުމަށެވެ.

މި ކަންކަމަށް ރިއާޔަތްކޮށް ގާޒީ ހުކުމް ކުރެއްވީ ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ފަހުން ދައުވާ އުފުލާފައި ވާތީ، މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވެން ނެތް ދައުވާއެއް ކަމަށެވެ.