Roadha Mihaaru
ޑރ. ޖަމީލް، ޖޭޕީން ވަކިވެވަޑައިގެންފި

ޖަމީލްގެ ސިޔާސީ ފިކުރާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ނެތުމުން ޖޭޕީ ދޫކުރައްވައިފި

17 ފެބުރުއަރީ 2020

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސިޔާސީ ފިކުރާ އެކު، މަސައްކަތްޕުޅު ކުރެއްވުމުގެ ފުރުސަތު ނެތް ކަމަށް ވިދާޅުވެ، އެ ޕާޓީގެ މެމްބަރުކަމުން އިއްޔެ އެމަނިކުފާނު ވަކިވެވަޑައިގެންފި އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސިޔާސީ ފިކުރާ އެކު، މަސައްކަތްޕުޅު ކުރެއްވުމުގެ ފުރުސަތު ނެތް ކަމަށް ވިދާޅުވެ، އެ ޕާޓީގެ މެމްބަރުކަމުން އިއްޔެ އެމަނިކުފާނު ވަކިވެވަޑައިގެންފި އެވެ.

ޖަމީލް މިއަދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ބަަދަލުވެފައިވާ ގޮތާއި ސިޔާސީ ދާއިރާ އަށް އަންނަ ބަދަލުތަކަށް ބަލާއިރު އެމަނިކުފާނުގެ ސިޔާސީ ވިސްނުމާއި ދިވެހި ގައުމާ މެދު ހިތުގައި ބިންވަޅު ނެގިފައިވާ ތަސައްވަރު ފުރިހަމަކުރެއްވޭނެ ފަދަ މަސައްކަތްތަކެއް ޖުމްހޫރީ ޕާޓީގެ ތެރެއިން ކުރެއްވުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު އެންމެ ރަނގަޅު ގޮތަކީ ޖޭޕީއާ ދުރަށް ވަޑައިގަތުން ކަމަށް ވިދާޅުވި އެވެ.

ޖަމީލް، ޖޭޕީގައި އެދިވަޑައިގަތީ ޕާޓީގެ ދަފްތަރުން ނަން އުނިކުރުމާ އެކު މަގާމްތަކުން ވެސް ވަކިކޮށްދެއްވުމަށެވެ.

ޖުމްހޫރީ ޕާޓީން ޖަމީލް ރަސްމީކޮށް ވަކިވެވަޑައިގަތް އިރު އޭނާ މި ފަހުން ސިޔާސީ މަސައްކަތްޕުޅު ކުރައްވަނީ ޕީޕިއެމާ އެކުގަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމަކީ ތާރީޚް ދެކިފައި ނުވާ ފަދަ އަނދިރި ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވައި، ބާރު މިނެއްގައި ރާއްޖެއަށް ގެނެސްދެއްވީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ކަމަށް ވެސް ޖަމީލް ކުރިން ވިދާޅުވެފައިވެ އެވެ. އެއާ އެކު ޖަމީލް ތުހުމަތުކުރެއްވި ގޮތުގައި، އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ޒިންމާ އުފައްލަވަން ޖެހިވަޑައިގަންނަވާނީ ސީދާ ޔާމީނެވެ. އެކަމުން، އެމަނިކުފާނަށް ރެކެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މި ހުރިހާ ތުހުމަތުތަކެއް ކުރެއްވި ނަމަވެސް މިހާރު ވިދާޅުވަމުން އަންނަނީ ޔާމީންގެ ވެރިކަމަށް ވުރެން މި ވެރިކަން ގޯސް ކަމަށެވެ.

އެކަމަކު އެ އަނިޔާ އާއި ހިތްދަތިކަމާއި ގެއްލުން އެއްކައިރިކުރައްވައި ޔާމީނާ އެއް އޮޑިއެއްގައި މިއަދު އެ ހުންނެވީ، ޖަމީލް ވިދާޅުވެފައިވާ ގޮތުގައި، "ގައުމަށް ލިބޭ ގެއްލުންތައް މާ ބޮޑުވުމުން"ނެވެ. ސިޔާސީ ހުރިހާ އޮއިވަރުތަކެއްގެ ތެރެއިން އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި މިހާތަނަށް އިސްކުރައްވާފައި ވާނީ ގައުމު ކަމަށް ވިދާޅުވެފައިވެ އެވެ.