Roadha Mihaaru
ޖަމީލުގެ ވިލިމާލޭގެ ތަސައްވުރު ލޯންޗުކޮށްފި

ޑރ. ޖަމީލުގެ ވިލިމާލޭގެ ތަސައްވުރު ލޯންޗުކޮށްފި

16 މާޗް 2019

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް، އެ ދާއިރާއާ ގުޅޭ ގޮތުން ގެންގުޅުއްވާ ތަސައްވުރު ރޭ އާންމު ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް، އެ ދާއިރާއާ ގުޅޭ ގޮތުން ގެންގުޅުއްވާ ތަސައްވުރު ރޭ އާންމު ކުރައްވައިފި އެވެ.

މި ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާ އަށް ކުރިމަތިލައްވާ ޖަމީލްގެ ތަސައްވުރު އާންމު ކޮށްދެއްވީ، އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގަ އެވެ.

ވިލިމާލޭގެ ތަރައްގީއާ ގުޅޭ ގިނަ ކަންތައްތަކެއް ޖަމީލްގެ ތަސައްވުރުގައި ހިމަނާފައި ވެ އެވެ. އޭގެ ތެރޭގައި މާލެ-ވިލިމާލެ ބްރިޖަކުން ގުޅާލުމާއި ޒަމާނީ ފެރީގެ ނިޒާމެއް ގާއިމްކުރުމާއި މާލެ އާއި ވިލިމާލެއާ ދެމެދު ގެންގުޅޭ ތަފާތުތައް ނައްތާލުން ހިމެނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ، ކުރިއަށް އޮތީ ވާދަވެރި އިންތިޚާބަކަށް ވާއިރު، ޖަޒުބާތުގައި ކަމެއް ނިންމައިގެން ނުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޯލިޝަންގެ ތެރެއިން ކޮންމެ ދިމާލަކުން ވެސް މީހަކު އައްޔަންކޮށްފި ނަމަ ސަރުކާރަށް އެކަމުގެ ފައިދާކުރާނެ ކަމަށެވެ. އެ މީހަކު ނިސްބަތްވާ ދާއިރާ އަށް ކަންތައްތައް ކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާ ކުރީގެ ނައިބު ރައީސް ޖަމީލާއެކު ޒުވާނަކު ފޮޓޯ ނަގަނީ.--ފޮޓޯ: ޖަމީލް ކެމްޕެއިން

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާ ކުރީގެ ނައިބު ރައީސް ޖަމީލާއެކު ޒުވާނަކު ފޮޓޯ ނަގަނީ.--ފޮޓޯ: ޖަމީލް ކެމްޕެއިން

ޖަމީލް ވިދާޅުވި ގޮތުގައި، ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލްތައް އިސްލާހު ކުރަން އިތުރު މަސައްކަތެއް ކުރުމެއް ނެތި، އެ ބިލް އޮންނަ ގޮތަށް ފާސްވެ އެވެ. ނަމަވެސް އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބުގައި ހޮވޭ ރައްޔިތުންގެ މަޖިލިހަކީ އުފެއްދުންތެރި މަޖިލީހަކަށް ވެ ބިނާކުރުވަނިވި ހިޔާލު ސަރުކާރަށް ދެވޭނެ ބަޔަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ ރައްޔިތުން މި އިންތިޚާބުގައި ޖަމީލަށް އެ ފުރުސަތު ދީފި ނަމަ އެ ތަފާތު ދައްކަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ، ވިލިމާލެ ދާއިރާގެ ތަސައްވުރުގައި އެންމެ އިސްކަމެއް ދީގެން ހިމަނާފައި ވަނީ އެ ދާއިރާގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ކަމަށެވެ. އަދި އެކަމަށް ހާއްސަ ފަންޑެއް ސަރުކާރާ ގުޅިގެން ގާއިމް ކުރާނެ ކަމަށް ވިދާޅުވި އެވެ. ގެދޮރު ނުހެދި ތިބި މީހުންނަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ވަކި މުއްދަތަކަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާ ކުރީގެ ނައިބު ރައީސް ޖަމީލާއެކު (ކ) މީހަކު ފޮޓޯ ނަގަނީ.--ފޮޓޯ: ޖަމީލް ކެމްޕެއިން

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާ ކުރީގެ ނައިބު ރައީސް ޖަމީލާއެކު (ކ) މީހަކު ފޮޓޯ ނަގަނީ.--ފޮޓޯ: ޖަމީލް ކެމްޕެއިން

ވިލިމާލެ ތަރައްގީކުރަން ވާނީ ޖަޒީރާ ވަންތަކަން ދައްކައިދޭ ގޮތަށް ކަމަށާއި އެ ރަށުގެ ސިއްހީ ހިދުމަތާއި ތައުލީމީ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.

މި އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ފަސް ކެންޑިޑޭޓަކު ވާދަކުރެ އެވެ. އެއީ ޖަމީލުގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި ޔާމީން އަހުމަދާއި އަމިއްލަ ގޮތުން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި އަމިއްލަ ގޮތުން އަބްދުލް ވަދޫދާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މުހައްމަދު ހުސައިނެވެ.