Roadha Mihaaru
މާފުށިން ޓޫރިސްޓަކު ހައްޔަރުކުރުން: މިހާރު ތައުރީފް!

މާފުށިން ޓޫރިސްޓަކު ހައްޔަރުކުރުން: މިހާރު ފުލުހުންނަށް ތައުރީފް!

08 ފެބުރުއަރީ 2020

މާފުށީ މަގުމަތީގައި ބިކިނީގައި ހުރި އަންހެން ޓޫރިސްޓަކު ހައްޔަރުކުރި ގޮތުން، އިއްޔެއާ ހަމައަށް ފުލުހުންނަށް އޮތީ ފާޑުކިޔުމެވެ. އެ ޓޫރިސްޓާ މެދު ފުލުހުން އަމަލުކޮށްފައި ވަނީ ގޯސްކޮށް ކަމަށް ބުނެ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ރޭ ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާފުށީ މަގުމަތީގައި ބިކިނީގައި ހުރި އަންހެން ޓޫރިސްޓަކު ހައްޔަރުކުރި ގޮތުން، އިއްޔެއާ ހަމައަށް ފުލުހުންނަށް އޮތީ ފާޑުކިޔުމެވެ. އެ ޓޫރިސްޓާ މެދު ފުލުހުން އަމަލުކޮށްފައި ވަނީ ގޯސްކޮށް ކަމަށް ބުނެ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ރޭ ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.

އެކަމަކު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ، އަންހެން މީހާ ހައްޔަރުކުރަން އުޅެނިކޮށް ނަގާފައިވާ ވީޑިއޯގެ "އަނެއް ފަރާތް" ކަމަށް ބުނެ އެހެން ވީޑިއޯއެއް މިއަދު އާއްމުވުމާއެކު މިހާރު ގިނަ ބައެއްގެ ހިޔާލު އެކަމުގައި ތަފާތު ވެއްޖެ އެވެ. އެއީ އެފަދަ ދަނޑިވަޅެއްގައި ކަން ކުރެވޭނެ ގޮތް ކަމަށް ބުނެ، ފުލުހުންނަށް މިހާރު ކުރަނީ ތައުރީފެވެ.

އިއްޔެ ހަވީރު، އެންމެ ފުރަތަމަ ދައުރުވި ވީޑިއޯގައި ފެންނަނީ ޔުނީފޯމުގައި ތިބި ދެ ފުލުހަކާއި އާއްމުންގެ ބަޔަކު ވެގެން އެ މީހާ ހުއްޓުވަން އުޅޭ ތަނެވެ. އޭރު އަންހެން މީހާ ދިޔައީ އޭނާ ދޫކޮށްލަން ގޮވާލައި ގަދަ ދައްކަމުންނެވެ.

ފުލުހުން ފަހުން އޭނާ ގެންދިޔައީ އަތުގައި ބިޑި އަޅުވައި ތުވާއްޔެއް ގައިގައި އޮޅާލައިގެންނެވެ.

އެ ވީޑިއޯ ބެލި ގިނަ މީހުން އިއްޔެ އެންމެ ބޮޑަށް ފާޑުކީ، އެއްވެސް އަންހެން ފުލުހަކު، ނެތި މުޅިން ވެސް ފިރިހެން ފުލުހުންތަކެއް ވެގެން. އިހާނެތި ގޮތަކަށް އަންހެން މީހާ ހައްޔަރު ކުރަން އުޅުނު ކަމަށް ބުނެ އެވެ. ހައްޔަރު ކުރުމުގެ ކުރިން، އެ މީހާއަށް ނަސޭހަތްދީ ހުއްޓުވަން އުޅުނު ނަމަ، މަންޒަރު އެއަށް ވުރެ ރީތި ވާނެ ކަމަށް އެ މީހުން ބުންޏެވެ.

އަސްލު ކަން ހިނގިގޮތް ކަމަށް ބުނެ މިހާރު ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި، ބިކިނީގައި އަންހެން މީހާ މަގުމައްޗަށް ނިކުތުމުން، ފުލުހުންނާއި އާއްމުން ގޮސް އެއީ މަނާކަމެއް ކަމަށް ބުނެ އަންހެން މީހާއަށް ނަސޭހަތްދެ އެވެ. އެކަމަކު އަންހެން މީހާ އެކަމަށް ހެދީ ދެކޮޅެވެ.

"އެއްވެސް މީހަކު އަހަރެންގެ ޕާސަނަލް ސްޕޭސްގެ ތެރެއަށް ވަދެއްޖެ ނަމަ މައްސަލައާ ކުރިމަތިލާން ޖެހޭނެ،" އަންހެން މީހާއަށް ނަސޭހަތް ދޭން މަސައްކަތް ކުރި ފުލުހުންނާ ދިމާއަށް ބުނެ އެވެ.

އޭރު އެތަނަށް އާއްމުން ވެސް ވަނީ އެއްވެފަ އެވެ.

ހައްޔަރު ކުރުމުގެ ކުރިން، އަންހެން މީހާ އެތަނުގައި ހުރި ފުލުހެއްގެ ބޯމަތީގައި ބާއްވާފައި އޮތް އައިނެއް ވެސް ނެގި އެވެ.

"އަންހެން މީހާ އުޅުނީ ބިކިނީގައި ރަށުތެރޭގައި ހިނގަން. ފުލުހުން އޭނާ ހައްޔަރު ކުރީ، ނަސޭހަތްދިނުމުން ވެސް އެކަމާ ދެކޮޅު ހެދުމުން. ހައްޔަރު ކުރަން އުޅުމުން ވެސް ގަދަ ދެއްކީ. ދެން ވެސް ވީއޭނާ ދިޔަދޭންތަ؟،" ޓްވިޓާގައި ހިޔާލުފާޅު ކުރި މީހަކު ބުންޏެވެ.

"އަހަރެން ދެކޭގޮތުގައި މި ފަދަ ދަނޑިވަޅެއްގައި ހެދޭނެ އިތުރު ގޮތެއް ނެތް،"

އެ މައްސަލައާ ގުޅޭގޮތުން، ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ފޭސްބުކްގައި ލިޔުއްވި ގޮތުގައި ފުލުހުން އަދާ ކުރީ އެ މީހުންގެ ވަޒީފާގެ ދައުރެވެ. އަދި އެކަމުގައި ފުލުހުންގެ މައްސަލައެއް ނެތް ކަމަށާއި އެކަމުގެ އަގު ވަޒަން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީންއެއް އުފެއްދީ ޓޫރިސްޓު މީހާ. ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން އަމަލު ކުރީ ޕްރޮފެޝަނަލްކޮށް. ގަދަބާރު ދައްކައި، ވަޔަލަންޓް ވަންޏާ ފުލުހުން އަމަލު ކުރަން ޖެހޭނީ އެ ފަދަ ގޮތަކަށް،" ނަވާޒު ވިދާޅުވި އެވެ.

"[ފުލުހުންނަށް] ސެލިއުޓް."

މާފުށީގައި ހިނގި މި ހާދިސާއަށް ބޭރުގެ މީޑިއާތަކުގެ ސަމާލުކަން ވެސް ލިބުނެވެ. އެކަމަކު އެ ހަބަރުތަކަށް ކޮމެންޓް ކުރި ގިނަ މީހުން ދެކޭ ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުން، ގައުމުގެ އާއްމު ގާނޫނާއި ގަވައިދުތަކަށް އިހްތިރާމް ކުރަން ޖެހޭނެ އެވެ.

މި މައްސަލައިގައި ރޭ ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ފުލުހުން އަމަލު ކުރީ ގޯސްކޮށް ކަމަށާއި އެކަމަށް އަންހެން މީހާ އާއި އާއްމުންގެ ފަރާތުން މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އެންމެ ބޮޑު މަސައްކަތުގެ ގޮތުގައި ނަގާފައިވަނީ ފުލުހުންގެ މުއައްސަސާ ޕްރޮފެޝަނަލް ތަނަކަށް ހެދުން. އެ މަސައްކަތް އަންނަނީ ކުރަމުން. އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ. ފުލުހުންގެ ގަވާއިދުގައި އޮންނަ ގޮތުން، އަންހެނަކު ހައްޔަރު ކުރެވޭނީ އަންހެން ފުލުހަކަށެވެ. ނަމަވެސް، ޓޫރިސްޓް މީހާ ހައްޔަރުކޮށްފައި ވަނީ ފިރިހެން ފުލުހުންނެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފުށީގައި މިވަގުތު އަންހެން ފުލުހެއް ނެތް ކަމަށެވެ.