Roadha Mihaaru
ލޯންޗަކުން ޖެހި ޒަހަމްވި ޓޫރިސްޓަކު ބަދަލު ހޯދަނީ!

ލޯންޗަކުން ޖެހި ޓޫރިސްޓެއްގެ މުޅި ދިރިއުޅުމަށް ލޮޅުން، އެދެނީ ބޮޑު ބަދަލަކަށް!

05 ފެބުރުއަރީ 2023

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހިނގި ހާދިސާއެކެވެ. ޗުއްޓީ ދަތުރެއްގައި ރާއްޖެ އައިސް އުޅުނު އުމުރުން 46 އަހަރުގެ ރަޝިއާގެ އަންހެނަކު އއ. ތޮއްޑޫ ބިކިނީ ބީޗު ސަރަހައްދުން ސްނޯކްލިން އަށް ފައިބައިގެން އުޅެނިކޮށް ކުއްލިއަކަށް ކައިރިން ދިޔަ ލޯންޗަކުން ޖެހި ބޮޑެތި ޒަހަމްތަކެއްވި އެވެ. ލޯންޗު ދުއްވަން ހުރީ އެ ދުއްވުމުގެ ލައިސެންސް ނެތް އުމުރުން 18 ވަރަކަށް އަހަރުގެ ޒުވާނެކެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހިނގި ހާދިސާއެކެވެ. ޗުއްޓީ ދަތުރެއްގައި ރާއްޖެ އައިސް އުޅުނު އުމުރުން 46 އަހަރުގެ ރަޝިއާގެ އަންހެނަކު އއ. ތޮއްޑޫ ބިކިނީ ބީޗު ސަރަހައްދުން ސްނޯކްލިން އަށް ފައިބައިގެން އުޅެނިކޮށް ކުއްލިއަކަށް ކައިރިން ދިޔަ ލޯންޗަކުން ޖެހި ބޮޑެތި ޒަހަމްތަކެއްވި އެވެ. ލޯންޗު ދުއްވަން ހުރީ އެ ދުއްވުމުގެ ލައިސެންސް ނެތް އުމުރުން 18 ވަރަކަށް އަހަރުގެ ޒުވާނެކެވެ.

ރިލެކްސް ރެޒިޑެންސް ގެސްޓް ހައުސްގެ ލޯންޗެއް ކަމަށް ބުނާ އެ ލޯންޗުގެ ބުރަފަތިން އަންހެން މީހާގެ ގައިގައި ޖެހި އޭނާގެ އަތަކާއި ފައެއް ބުރި ނުވެ ސަލާމަތްވީ ކިރިޔާ އެވެ. އޭނާ މޫދުން ނެގުނު އިރު އެއް ފައިގެ ކަށިތައް ހުރީ ފެންނާށެވެ. ކޮނޑުގައި ވެސް ބޮޑެތި ޒަހަމްތަކެކެވެ. ބުރަފަތިން ޖެހި ބުރަކަށީގައި ވެސް ޒަހަމްތަކެއް ހުއްޓެވެ.

އާއިލާ އިން ދިން ޗުއްޓީ ދަތުރެއްގައި އެކަނި ރާއްޖެ އައިސް އުޅުނު އެ އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރެވުނީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ކުރި ކާމިޔާބު އޮޕަރޭޝަންތަކެއްގެ ސަބަބުންނެވެ. ޒަހަމްތަކަށް ފަރުވާދެމުން ދިޔަ އިރު އާއިލާއާ ދުރުގައި ފަސް ހަފުތާ ވަންދެން އޭނާ އެކަނި ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.

އެ ހާދިސާ ހިނގި އިރު، ތޮއްޑޫގައި ޗުއްޓީ ހޭދަކުރަމުން އައި ރަޝިއާގެ ވަކީލެއް ކަމަށްވާ އިލާރިއޮން އިގޮރެވިޗް ގީރްސް އަކީ މިހާރު އެ އަންހެންމީހާގެ ވަކީލެވެ. އަންހެންމީހާގެ ނަން ހާމަކުރާކަށް ބޭނުމެއް ނުވެ އެވެ.

ވަކީލު ކިޔައިދިން ގޮތުގައި އަންހެން މީހާއާ ދިމާލަށް ލޯންޗު ދާން ފެށުމުން އޭގައި ނުޖެހެން މަސައްކަތް ކުރިޔަސް، ދުއްވީ ރެކެވޭ ވަރަށް ވުރެ މާ ބާރަށެވެ. ވަރަށް ތިލަ އެ ތަނުގައި އޭނާ މަސައްކަތް ކުރީ އިތުރު ގޮތެއް ނެތިގެން އަޑިއަށް ފީނަން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އަންހެންމީހާގެ ފުރާނަ ސަލާމަތްވީ އޭގައި ނުޖެހެން އަމިއްލަ އަށް ކުރި މަސައްކަތުން ކަމަށެވެ.

އއ. ތޮއްޑޫ: އެ ރަށު ފަޅު ތެރެއިން ލޯންޗަކުން ޖެހި ޒަހަމްވި އަންހެނަކު ބަދަލު ހޯދަން ދައުވާ ކުރަން ވަނީ ނިންމާފައި -- ފޮޓޯ: އަހްމަދު ޝަރުވާން

އއ. ތޮއްޑޫ: އެ ރަށު ފަޅު ތެރެއިން ލޯންޗަކުން ޖެހި ޒަހަމްވި އަންހެނަކު ބަދަލު ހޯދަން ދައުވާ ކުރަން ވަނީ ނިންމާފައި -- ފޮޓޯ: އަހްމަދު ޝަރުވާން

އެ މައްސަލަ ތަހުގީގުކޮށް، ފުލުހުން ދިން ރިޕޯޓުގައިވާ ގޮތުން އެ ހާދިސާ ހިނގާފައި ވަނީ ލޯންޗު ދުއްވަން އިން މީހާގެ ސަބަބުންނެވެ. އޭނާގެ އަތުގައި ލައިސެންސް ނެތް އިރު ދުއްވީ އެކަށީގެންވާ ވަރަށް ވުރެ ބާރަށް ކަމަށް އޭގައި ވެ އެވެ. އެ މައްސަލައިގައި ޒިންމާ ވާ ފަރާތްތަކަށް ޖިނާއީ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އެކަމަކު، ދައުވާ ކުރި ކަމެއް އަދި ނޭނގެ އެވެ.

އިލާރިއޮން މިހާރު ތައްޔާރުވަމުން އަންނަނީ ދިވެހި ވަކީލުންގެ އެހީގައި އަންހެން މީހާ އަށް ބަދަލު ހޯދަން ދައުވާ ކުރާށެވެ. ދައުވާ ކުރަން ނިންމާފައި ވަނީ ރިލެކްސް ރެޒިޑެންސް ގެސްޓް ހައުސްގެ ވެރިފަރާތާއި ތޮއްޑޫ ކައުންސިލާ ދެކޮޅަށެވެ.

ކޯޓަށް ދަނީ 300،000 ޑޮލަރުގެ ބަަދަލެއް ހޯދަން

ވަކީލު އިލާރިއޮން ބުނި ގޮތުގައި ދިރިއުޅުން ބަދަލުކޮށްލި އެ ހާދިސާގެ ސަބަބުން އަނިޔާވި އަންހެން މީހާއަށް، މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށް ވަނީ ހުރަސްއެޅިފަ އެވެ. ބޮޑެތި ސާޖަރީތަކަށްފަހު މިހާރު އޭނާއަށް މަޖުބޫރުވެފައި ވަނީ ފިޒިއޯތެރަޕީއާއެކު އަލުން ހިނގައި، އާންމު ދިރިއުޅުމުގެ ކަންކަން ކުރާނެ ގޮތް އަލުން ދަސްކުރާށެވެ. އެގޮތުން، މިހާރު އޭނާ ގެންދަނީ ގޭގައި 18 މަހުގެ ރިހެބިލިޓޭޝަނެއް ހަދަމުންނެވެ. އަދި ލިބިފައިވާ ޖިސްމާނީ އަނިޔާތަކަށް ފަރުވާ ކުރަން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ އިރު އަދި އިތުރު ސާޖަރީތަކެއް ވެސް ކުރަން ޖެހެ އެވެ.

އެ ހާދިސާ އަށް ފަހު ލޯންޗު ޑްރައިވަރާއި ލޯންޗު ނިސްބަތްވާ ގެސްޓް ހައުސްއިން އަންހެން މީހާގެ ކިބައިން މައާފަށް ނޭދޭ އިރު އެންމެ ކުޑަމިނުން ހަމްދަރުވީ ވެސް ފާޅުނުކުރާ ކަމަށް އިލާރިއޮން ވިދާޅުވި އެވެ. އަދި މަސައްކަތް ކުރަނީ ޒިންމާއިން ރެކެން ކަމަށް ވިދާޅުވި އެވެ. އެގޮތުން، ހާދިސާ ހިނގި ކަމަށް ބުނާ ގޮތް ވެސް ފަހުން ބަދަލުކުރި ކަމަށް ވިދާޅުވި އެވެ.

ޓޫރިސްޓުންތަކެއް މޫދަށް ފައިބަން ތައްޔާރުވެގެން ހިނގާފައި ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓޫރިސްޓުންތަކެއް މޫދަށް ފައިބަން ތައްޔާރުވެގެން ހިނގާފައި ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިލާރިއޮން ވިދާޅުވި ގޮތުގައި ގެސްޓްހައުސްގެ ވެރިފަރާތާ ދެކޮޅަށް ދައުވާ ކުރަނީ ލައިސެންސް ނެތް ކުޑަކުއްޖަކާ ލޯންޗު ހަވާލު ކުރުމުން އެ ހާދިސާގެ ޒިންމާ ޒިންމާ އުފުލަން ޖެހޭނެތީ އެވެ. ލޯންޗު ދުއްވަން އިން ކުއްޖާއަކީ އާންމުކޮށް އެ ލޯންޗު ދުއްވާ މީހާ ނޫނަސް އޭގައި މަސައްކަތް ކުރި އެކަކެވެ.

ތޮއްޑޫ ކައުންސިލާ ދެކޮޅަށް ދައުވާ ކުރަނީ ރައްކާތެރިކަން ކަށަވަރުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިނުވާތީ އެ ފަރުވާކުޑަ އަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދާށެވެ. އެގޮތުން، މޫދަށް ފައިބާ ޓޫރިސްޓުންގެ ސަލާމަތަށް ރަށުގައި އުސޫލުތަކެއް ހެދިފައި ހުރި ނަމަ އެފަދަ ހާދިސާއެއް ނުހިނގާނެ ކަމަށް ދެކޭ ކަމަށް ވިދާޅުވި އެވެ.

ކޯޓަށް ނުގޮސް 75،000 ޑޮލަރުގެ ބަދަލެއް ދިނުމުން މައްސަލަ ނިންމާ ގޮތަށް ގެސްޓްހައުސްގެ ވެރިފަރާތާ ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް، އެކަމުގައި ކުރިއެރުމެއް ނުލިބުނު ކަމަށް އިލާރިއޮން ވިދާޅުވި އެވެ.

އެ އަންހެން މީހާގެ ފަރާތުން މިހާރު ދައުވާ ކުރަން ނިންމާފައި ވަނީ ޖުމްލަ 300،000 ޑޮލަރުގެ (4.6 މިލިއަން ރުފިޔާ) ބަދަލެއް ހޯދުމަށެވެ. އޭގެ ތެރެއިން ދެބަައިކުޅަ އެއްބަޔަކީ އޭނާގެ ބޭސްފަރުވާގެ ހަރަދެވެ. އޭގެ އިތުރުން، ލިބުނު ޖިސްމާނީ އަދި ނަފްސާނީ ގެއްލުމާއި އަނިޔާގެ ސަބަބުން މަސައްކަތް ނުކުރެވި ގެއްލޭ އާމްދަނީ އާއި ވަކީލު ފީ ވެސް ހިމެނެ އެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު ރަޝިއާއިން ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަކަން ފާހަގަކޮށް އިލާރިއޮން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި ހުރި ނިޒާމީ މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކުގައި ފަތުރުވެރިން ފެތުމާއި ސްނޯކްލިންއަށް ފައިބާއިރު ރައްކާތެރިކަން ކަށަވަރުކުރެވޭނެ އުސޫލުތަކެއް ކަނޑައަޅާފައި ނުހުންނަކަން ފާހަގަކުރެއްވި އެވެ. އަދި ލައިސަންންސް ނުހުންނަ މީހުންނާއި ކުޑަކުދިން ވެސް ލޯންޗު ދުއްވާއިރު އެކަން ނުބެލޭ ކަމަށާއި ތާޑްޕާޓީ ބޯޓް އިންޝުއަރެންސް ނުހުންނަކަން ފާހަގަކުރެއްވި އެވެ.

ހާދިސާ ހިނގީ ވަކިކޮށްފައި އޮންނަ ސަރަހައްދެއްގައި: ކައުންސިލް

މި ހާދިސާގެ ތަހުގީގު ރިޕޯޓުގައި ފުލުހުން ފާހަގަ ކުރި އެއް ކަމަކީ، ރަށުގެ ހުޅަނގު ފަރާތަށް އަވަހަށް ދިޔުމަށް ސްނޯކްލިންއަށް ފައިބާ ސަރަހައްދުގެ ތެރެއިން ބައެއް މީހުން ލޯންޗުތަކުގައި ދަތުރުކުރާއިރު އެކަށީގެންވާ ވަރަަށް ނުބަލައި ދުއްވާ ކަމެވެ. އަދި ތޮއްޑޫގެ ފަތުރުވެރިން މޫދަށް ފައިބައި އުޅޭ ސަރަހައްދުގައި އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކައުންސިލުން އެއްވެސް ސިޔާސަތެއް އަދި އުސޫލެއް ނެތް ކަމަށް ވެސް އޭގައި ވެ އެވެ.

އެކަމަކު، ތޮއްޑޫ ކައުންސިލުގެ ރައީސް އަހުމަދު ކަރަމް ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގީ ވޯޓާ ސްޕޯޓްސް ކުރިއަށްގެންދާތީ ކުރިން ބޮއިތަކެއް ޖަހައި ވަކިކޮށްފައި އޮންނަ ސަރަހައްދެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ދުވަސްވަރު އެ ސަރަހައްދު ވަކި ކުރަން ޖަހާފައި ހުރި ބޮއިތައް ހުރީ އޮޔާއެކު ކަނޑައިގެން ގޮސްފަ އެވެ.

އއ. ތޮއްޑޫ: އެ ރަށު ފަޅު ތެރެއިން ލޯންޗަކުން ޖެހި ޒަހަމްވި އަންހެނަކު ބަދަލު ހޯދަން ދައުވާ ކުރަން ވަނީ ނިންމާފައި

އއ. ތޮއްޑޫ: އެ ރަށު ފަޅު ތެރެއިން ލޯންޗަކުން ޖެހި ޒަހަމްވި އަންހެނަކު ބަދަލު ހޯދަން ދައުވާ ކުރަން ވަނީ ނިންމާފައި

ކަރަމް ވިދާޅުވި ގޮތުގައި އަންހެން މީހާގެ ގައިގައި ލޯންޗުން ޖެހުނީ އޭނާ މުރަކަތައް ހުންނަ ދިމާލަށް ވުރެ ބޭރަށް ބައުންޑްރީގެ ބޭރުން ގޮސް އުޅެނިކޮށެވެ. އަދި ލޯންޗު ދުއްވަން ތިބި މީހުންނަށް ވެސް އަންހެން މީހާ ފެނުނީ މާ ފަހުން ކަމަށް އެ މީހުން ބުނާކަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ފޭބޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި ގަވައިދު ހަދާފައި ނެތަސް، އެ ސަރަހައްދު ބެލެވިފައި އޮންނަނީ ވަކި ތަނެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެން ވެސް ފަށަމުން މަޑުމަޑުން ކަންކަން ޑިވޮލޮޕްކުރަމުން މިދަނީ، ސީދާ ގެޒެޓުކޮށްފައި ވަކި ގަވައިދެއް ނެތަސް ވެސް މި ދަންނަވާހެން އެއީ އެންމެންގެ އަންޑަސްޓޭންޑިން އޮންނަ ސަރަހައްދެއް އެއީ، މޮޓޮރައިޒްޑް އޭރިއާއެއްގެ ގޮތުގައި. އަނެއްކާ ކުރިން ބޮއި ޖަހާފައި ހުރި ސަރަހައްދެއް އެއީ،" ކަރަމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޓޫރިސްޓުން އަމިއްލައަށް މަންޓާ ބަލަން ސްނޯކްލިންއަށް ނުކުމެގެން މާ ބޭރަށް ނުކުމެވިގެން އޮޔާ ގޮސް، ސަލާމަތް ކުރަން ޖެހިފައި އެބަ ހުރި ކަމަށް ކަރަމް ވިދާޅުވި އެވެ. އެހެންވެ، އެފަދަ ހާދިސާތައް މަދު ކުރަން މިހާރަށް ވުރެ ރަނގަޅަށް ގަވައިދުތަކެއް ހަދައި ހޭލުންތެރިކަން ފަތުރައި މޮނިޓަރިން ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޓޫރިސްޓުންތަކެއް މޫދަށް ފައިބަން ތައްޔާރުވެގެން ހިނގާފައި ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓޫރިސްޓުންތަކެއް މޫދަށް ފައިބަން ތައްޔާރުވެގެން ހިނގާފައި ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ ހާދިސާ ހިނގި ސަރަހައްދުގައި ވަގުތީ ބޮއިތަކެއް ޖަހާފައިވާއިރު، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ދާއިމީ ބޮއިތަކެއް ޖަހާނެ އެވެ. އަދި ޓޫރިސްޓުން ތިބޭ ސަރަހައްދުގައި ރެސްކިއު/ލައިފް ގާޑް ސްޓޭޝަނެއް ވެސް ހަދަން މިހާރު މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ރިލޭކްސް ރެޒިޑެންސް ގެސްޓް ހައުސްގެ ވެރިފަރާތާ ގުޅޭ ގޮތެއް ނުވުމުން އެ ހާދިސާއާ ގުޅިގެން އޭނާގެ ބަހެއް ނުލިބެ އެވެ.

މިފަދަ ހާދިސާތަކަކީ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ ކަންކަމެވެ. މިދިޔަ ބުދަ ދުވަހު ވެސް ކ. ތުލުސްދޫ ކައިރިން މޫދުގައި އޮތް ޕޮލެންޑުގެ ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި އެ މީހާ މަރުވެފައިވެ އެވެ. އުމުރުން 52 އަހަރުގެ އެ މީހާ މަރާ ގުޅިގެން ލޯންޗު ދުއްުވަން އިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ، ޓޫރިސްޓުންގެ ރައްކާތެރިކަމުގެ މައްސަލަ ހައްލު ކުރަން ބޭނުންވަނީ ކަމެއް ދިމާވުމުން "ފެން ޖަހާފައި ނިއްވާލާ" އުސޫލުން ނޫން ކަމަށެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ލިބޭ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި އަހަރު އެކަމަށް ހާއްސަ އަހަައްމިއްޔަތު ކަމެއް ދީގެން މިނިސްޓްރީން މަަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކުރިއަށް ވަރަށް އަވަހަށް ސްޓޭކްހޯލްޑާ ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.