Roadha Mihaaru
މިލިއަން ޑޮލަރުގެ ޓޫރިޒަމާއެކު ދިރިއުޅުން ފުނޑިއްޖެ!

މާފުށި: މިލިއަން ޑޮލަރުގެ ޓޫރިޒަމާ އެކު ދިރިއުޅުން ފުނޑިއްޖެ!

24 ނޮވެމްބަރ 2022

އޭނާ ވާހަކަ ފެށީ ވެސް ގޮތެއް އޮތް ނަމަ، މި ރަށުގައި ދަރިފުޅު ގޮވައިގެން ނުވެސް އުޅޭނެ ކަމަށް ބުނަމުންނެވެ. ފުރާވަރަށް އަޅާފައިވާ ކުއްޖެއްގެ މަންމަ އަހަރެމެންނަށް ސިފަކޮށްދޭން ފެށީ މާފުށީގެ ނަމާ އެކު ސިފަވާ ލޯކަލް ޓޫރިޒަމްގެ ކާމިޔާބީ އާއި ތަނަވަސްކަމުގެ ވާހަކައިން ފޮރުވިފައި އޮތް އަނދިރިކަމެވެ.

އަހުމަދު ހަމްދޫން ކ. މާފުށިން އަހުމަދު ހަމްދޫން

އޭނާ ވާހަކަ ފެށީ ވެސް ގޮތެއް އޮތް ނަމަ، މި ރަށުގައި ދަރިފުޅު ގޮވައިގެން ނުވެސް އުޅޭނެ ކަމަށް ބުނަމުންނެވެ. ފުރާވަރަށް އަޅާފައިވާ ކުއްޖެއްގެ މަންމަ އަހަރެމެންނަށް ސިފަކޮށްދޭން ފެށީ މާފުށީގެ ނަމާ އެކު ސިފަވާ ލޯކަލް ޓޫރިޒަމްގެ ކާމިޔާބީ އާއި ތަނަވަސްކަމުގެ ވާހަކައިން ފޮރުވިފައި އޮތް އަނދިރިކަމެވެ.

މީގެ 12 ވަރަކަށް އަހަރު ކުރިން ގެސްޓް ހައުސް ވިޔަފާރި ފަށައި އުންމީދުކުރި ތަނަވަސްކަން ލިބުނަސް އޭނާ ބުނީ މިއީ މިހާރު ކުޑަކުއްޖަކުގެ ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑުކުރުމަށް އެކަށީގެންވާ މާހައުލެއް އޮތް ތަނެއް ނޫން ކަމަށެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަނީ މާލެ އަތޮޅުގައި ފުލުހުން ތިބޭ އަށް ރަށުގެ ތެރެއިން ކުށްކުރުން އެންމެ ގިނައީ މާފުށީގައި ކަމެވެ. މުޅި އަތޮޅަށް ބަލާ ނަމަ 65-70 މައްސަލަތައް އަންނަނީ މި ރަށުންނެވެ.

ފުލުުހުން ކަންބޮޑުވާ ދަރަޖަ އަށް މާފުށީގައި މަސްތުވާތަކެއްޗާއި މާރާމާރީ އެބައޮތް ކަމަށް، މި ރިޕޯޓަށް ވާހަކަ ދައްކަވަމުން މާލެ އަތޮޅުގެ ކޮމާންޑަރު އިންސްޕެކްޓަ އޮފް ޕޮލިސް ސައީދު އަބްދުލްހަކީމް ވިދާޅުވި އެވެ.

"މިހާރު"ގެ ނޫސްވެރިން މިދިޔަ ހަފުތާގެ ބަންދުގައި މާފުއްޓަށް ކުރި ދަތުރުގައި އާންމުންގެ އެތައް ބަޔަކު ކަންބޮޑުވުމާ އެކު ދެއްކީ ވެސް ހަމަ މި ވާހަކަތަކެވެ. އެކަމަކު މާފުށީގެ ޓޫރިޒަމުން ލިބޭ ނަފާގެ ސަބަބުން މި ވާހަކަ ދައްކަން ގިނަ މީހުން ފަސްޖެހެނީ އެވެ.

ޓޫރިސްޓުންނާ އެކު އެންމެ އާންމުކޮށް ދެކެވޭ، ނިވާކަން ކުޑަކޮށް ރަށުތެރޭ އުޅޭ މައްސަލަ އަކީ މިހާރު މާފުށީގައި "އެއްވެސް ކަމެއް ނޫން" ކަމަކަށް ވެއްޖެ އެވެ. އެއަށް ވުރެ މާ ބޮޑެތި އިޖުތިމާއީ މައްސަލަތައް އާންމުވެއްޖެ އެވެ.

"ގަވައިދުތަކެއް ހުއްޓަސް އެއްވެސް ކަމެއް ތަންފީޒެއް ނުވޭ. ބިކިނީގައި އުޅެން ސަރަހައްދެއް އޮތަސް މުޅި ރަށު ތެރޭގައި ވެސް ގެސްޓުން އެ އުޅެނީ ބިކިނީގައި އަހަރެމެންގެ ކުދިކުދި ދަރިންގެ ކުރިމަތީގައި. އެއްޖިންސުގެ މީހުން ވެސް ކުޑަކުދިންނަށް ފެންނަ ހިސާބުގައި ވެސް ގައިގޯޅިވެ ކިސްކުރުން ފަދަ ކަންކަން ކުރާތީ ވެސް ފެނޭ،" މާފުށީގެ ސްކޫލުގެ ބެލެނިވެރިއަކު ބުންޏެވެ.

މާފުށީގެ މަގެއްގެ މަތީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

މާފުށީގެ މަގެއްގެ މަތީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރަށުގެ މަގުތައް މަތީގައި ބިކިނީގައި އުޅޭ މީހުން އާންމެވެ. ރިސޯޓުތަކުގައި ޓޫރިސްޓުން އުޅޭ ގޮތަށް ނިވާކަން ކުޑަކޮށް މަގުމަތިން ވަރަށް ގިނައިން ފެނުނެވެ. މާފުށީގެ މީހުންނާއި ޓޫރިސްޓުން ފެންނަނީ މަސްހުނިކޮށް އުޅޭ ތަނެވެ. ރަށުގައި އެންމެ ބޮޑެތި ހޮޓާތައް ހިންގާ ސަރަހައްދު ނުވަތަ އާންމުކޮށް ޓޫރިސްޓުން އުޅޭ ސަރަހައްދުން މާފުށީގެ ކުޑަކުދިން ފެނެ އެވެ. އެ ކުދިންނާއި މާފުށީގެ ބޮޑެތި މީހުންނަށް ވެސް މިހާރު އެއީ އާދައިގެ ކަމެކެވެ. އެ ސަރަހައްދުތަކަށް އާންމުންނާއި ކުޑަކުދިން ވަދެ ނުކުތުމުގައި އެއްވެސް ހުރަހެއް ނެތެވެ.

މާފުށިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، އެ ރަށުގައި މިހާރު އޮތީ ކުޑަކުދިން ބޮޑުކުރަން އެކަށީގެންވާ މާހައުލެއް ނޫނެވެ. ދާދިފަހުން ދިމާވި އެއް މައްސަލައަކީ މާފުށީ ސްކޫލުގެ ތެރެއިން ކުއްޖެއްގެ އަތުން މަސްތުވާތަކެތި ފެނުމެވެ. ރަށުގެ ބައެއް ތަންތަނުގެ ތެރޭގައި ސްކޫލުގެ ބައެއް ކުދިން ވޭޕް ބޯ މަންޒަރު ފެނިފައިވާ ކަމަށް އެއް ބެލެނިވެރިއަކު ބުންޏެވެ.

"ރަށުގެ އާންމު ތަންތަނުގައި ޑީޖޭ އެބަ ބާއްވާ ކޮންމެ ރެއަކު. ބައެއް ރޭރޭ ސްކޫލު ކުދިން އެ ތަންތަނުން ފެނޭ. ޑީޖޭގެ ތެރޭގައި ސްކޫލު ކުދިންނާ ނުގުޅޭ ކަންކަން ކުރާ ތަން މި ރަށުގެ މީހުންނަށް ވެސް ފެނިފައިވޭ. ސަފާރީތަަކަށް ބަނގުރާ އަރުވާ މަންޒަރާއި އަންހެންކުދިން ގެންދާ މަންޒަރު ވެސް އެ ކުދިންނަށް ފެނޭ،" އޭނާ ބުންޏެވެ.

ކ. މާފުށީގައި އުޅޭ ބިދޭސީއެއްގެ ގެއަކުން 2019 ގައި ފުލުހުން އަތުލައިގަތް ބިޔަރު ދަޅުތަކެއް: މި ވެސް މި ރަށުގައި ވަރަށް އާންމު ކަމަށް ފުލުހުން ބުނޭ.--- ފޮޓޯ: ފުލުހުން

ކ. މާފުށީގައި އުޅޭ ބިދޭސީއެއްގެ ގެއަކުން 2019 ގައި ފުލުހުން އަތުލައިގަތް ބިޔަރު ދަޅުތަކެއް: މި ވެސް މި ރަށުގައި ވަރަށް އާންމު ކަމަށް ފުލުހުން ބުނޭ.--- ފޮޓޯ: ފުލުހުން

މުޅި ރާއްޖެ އާއި ދުނިޔެ އަށް ވެސް މާފުށި މަޝްހޫރު ވެފައި ވަނީ "ޓޫރިސްޓް އައިލެންޑް" ގެ ގޮތުގަ އެވެ. ހެސް ކިޔާފައި ޑޮލަރު "އޮހެ" އެވެ. ފެންނަން ހުރީ ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓްތަކެވެ. އެކަމަކު، މާފުށީގެ މީހުންގެ ވާހަކަތަކާއެކު ފެންނަނީ ރަށުގެ އަނދިރި ފަރާތެވެ.

ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ހަށިވިއްކުން ފަދަ ކަންކަން ކުރުމަކީ ވެސް އެ ރަށުގައި މިހާރު "އެންމެން ދަން ބޮޑު ސިއްރެ"ކެވެ.

މާފުއްޓަށް ދެން އޮތީ "ގުރޫޕެއް" ގެ ބިރެވެ. މި ރިޕޯޓަށް ވާހަކަ ދެއްކި މީހުން ޖެހިލުން ވެފައި ތިބި ވަރަކީ އެ "ގުރޫޕު" ގެ ނަން ވެސް ކިޔަން ނުކެރުމެވެ. އެކަމަކު، އެ ގުރޫޕުގެ ތެރެއަށް މި ރަށުގެ ކުޑަކުދިން ވަދެ، އެކި ޖަރީމާތަކުގައި ބައިވެރިވާ ކަމުގެ ތުހުމަތު އެބައޮތެވެ. ރަށުގެ އެކި މީސްމީހުން ތުންތުންމަތިން އެ ވާހަކަ ދައްކަ އެވެ.

"މާލޭގެ ބައެއް ގުރޫޕްތަކާ މި ބުނާ ގުރޫޕާ ގުޅުން އޮންނަ ކަން މާފުށީގެ ވަރަށް ގިނަ މީހުންނަށް އެނގޭނެ. ރަށުގައި ވަރަށް ފަހުން ހިންގި ހަމަނުޖެހުމެއް ވެސް ކޮންޓްރޯލް ކުރީ މާލެ އިން ސީދާ ގުރޫޕެއް އައިސް. މި ރަށުގައި އޮންނަ ގުރޫޕުގެ ތެރެއަށް ކުޑަކުދިން ވައްދައިގެން ތަފާތު ކުށްތައް އެބަ ހިންގާ. އެކަމަކު އެ ކަން ފެންނަ މީހަކު ނެތް. އެ ވާހަކަ ފާޅުގައި ދައްކަން ކެރޭނެ މީހަކު ވެސް މި ރަށުގައި ނޫޅޭނެ،" މާފުށީގެ އާންމު މީހަކު ބުންޏެވެ.

މާފުށީގެ އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތައް އޮތަސް ކަމާ ބެހޭ އިދާރާތަކަށް އެކަން ނުފެންނަ ފަދަ އެވެ. "މިހާރު" އާ ވާހަކަ ދެއްކި މާފުށީގެ އާންމު މީހަކު ބުނީ، އެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ދާދި ފަހުން ބޭއްވި ބައްދަލުވުމަށް ކައުންސިލްގެ އެއްބާރުލުމެއް ވެސް ނުލިބުނު ކަމަށެވެ.

"އެ ބައްދަލުވުމަށް ފުރަތަމަ ކައުންސިލްގެ އެއްވެސް މެމްބަރަކު ވަޑައެއް ނުގަތް. ވަޑައިގަތް ދެ ބޭފުޅުން ވެސް ބައްދަލުވުމަށް ވަޑައިގަތީ ގުޅައިގެން. ކައުންސިލްގެ އެއްބާރުލުމެއް ހަގީގަތުގައި ނުލިބޭ،" އޭނާ ބުންޏެވެ.

މި ރަށު ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ، ހައި ސީޒަނާ ދިމާކޮށް ގިނަ ބަޔަކު މާފުއްޓަށް ޒިޔާރަތް ކުރާއިރު، ކުށްކުރުން އިތުރުވާ ކަމަށެވެ. ހަފުތާ ބަންދާ ދިމާކޮށް، ވަރަށް ގިނަ ބަޔަކު ރަށަށް އަރައި، މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ރެސްޓޯރަންޓްތަކުގައި އަޑުގަދަ ކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި ކަންބޮޑުވާ ދަރަޖައަކަށް އެ މައްސަލައެއް ނެތެވެ.

އެކަމަކު ރަށުގެ އާންމުންގެ ފަރާތުން އިވުނީ ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވިއިރު ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރުމުގެ ކުޅަދާނަކަން ކަމާބެހޭ އިދާރާތަކުގައި ނެތް ކަމުގެ ޝަކުވާތަކެވެ. ފުލުހުން ވެސް އާންމުކޮށް މާފުށީގެ މަގުތަކުން ނުފެނެ އެވެ. ނަމާދު ގަޑީގައި ބާރަށް ބާރަށް ލަވަ ޖެހިޔަސް އެކަން ހުއްޓުވާ ނުލެވޭ ކަމަށް އާންމުން ބުންޏެވެ. ނަމާދު ވަގުތައް ބައެއް ފިހާރަތައް ބަންދެއް ނުކުރެ އެވެ. އެ ވެސް އާންމު ކަމަކަށް ވަނީ ވެފަ އެވެ.

"ސައިކަލްގައި އާންމު މީހަކު ތިން މީހުން ގޮވައިގެން ދުއްވާފައި ދިޔަޔަސް ފުލުހުން އެ މީހަކު ހުއްޓުވާ. އެކަމަކު ޓޫރިސްޓުންނާ ގުޅޭ އެއްވެސް ކަމެއްގައެއް ފިޔަވަޅެއް ނާޅާ،" އާންމު މީހަކު ޝަކުވާ ކުރި އެވެ.

ނަމަވެސް ކައުންސިލްގެ ރައީސް ވިދާޅުވީ، ޓޫރިސްޓުންނާ ގުޅޭ ޝަކުވާތައް ލިބޭތީ ކައުންސިލްގެ ފަރާތުން ޓޫރިސްޓުން ކައިރި އަށް ވެސް ގޮސް ކަންކަން ހުއްޓުވާ ކަމަށެވެ.

"އެކަމަކު، މިހާ ޓޫރިސްޓުން އުޅޭ ތަނަކާ ބަލާއިރު ޝަކުވާ މަދު،" އޭނާ ވިދާޅުވި އެވެ.

ސޮލާހު ވިދާޅުވިގޮތުގައި ކައުންސިލުން މިހާރު ގަސްދުކުރަނީ "ވަޔަލޭޝަން ސްޓިކާތަކެއް" ހަދާށެވެ.

"މިހާރު އިންނަނީ 500ރ. އާއި 5،000ރ. އާ ދެމެދުގެ ޖޫރިމަނާއެއް. އަޅުގަނޑުމެން މިހާރު އެބަ ކަނޑައަޅަން މިވެނި ކަމެއް ކޮށްފިއްޔާ މިވެނި އަދަދަކުންނޭ ޖޫރިމަނާ ކުރާނީ. އޭރަށް ނުޖެހޭނެ އެކަމާ [ޖޫރިމަނާ ކުރާނެ އަދަދަކާ މެދު] ޑިސްކަސް ކުރާކަށް. މިސާލަކަށް ނަމާދު ގަޑީގައި ލަވަ ޖަހައިފިއްޔާ 200 ޑޮލަރުން ޖޫރިމަނާވާނެއޭ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މާފުށި ކައުންސިލްގެ ރައީސް ސޮލާހު މިދިޔަ ހުކުރު ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މާފުށި ކައުންސިލްގެ ރައީސް ސޮލާހު މިދިޔަ ހުކުރު ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޭނާގެ ވާހަކައިން އަހަރެމެންނަށް ބޮޑަށް ދޭހަވީ، މާފުށީގައި މާ ބޮޑެތި މައްސަލަތަކެއް ނެތް ކަމެވެ. ކައުންސިލްގެ ރައީސްގެ އިބާރާތުން ނަމަ މި ރަށުގައި އޮތީ "[ރޭގަނޑު] 10 ޖަހާއިރު ނިދާ ޓޫރިޒަމް" އެކެވެ. ނަމަވެސް "މިހާރު" ގެ ނޫސްވެރިންނަށް ފެނުނީ އެ ގަޑިއަށް ހޭލާ ޓޫރިޒަމެކެވެ. އާންމު ތަންތާނގައި ރޭގަނޑު 10 ގެ ފަހުން ބާރަށް ލަވަ ޖަހައި، ޑީޖޭ ބާއްވަ އެވެ.

"ބައެއް ރޭރޭ އަހަރެމެން ޖެހޭ ފުލުހުންނަށް ގުޅައިގެން ހުއްޓުވަން. ދަންވަރު 12 ޖަހާއިރު ވެސް ހުއްޓައެއް ނުލާ. އަހަރެން އުޅޭ ގެއާ ދުރު ނޫން ހިސާބެއްގައި ހުންނަ ތަނެއްގައި ވަރަށް ގިނައިން ޑީޖޭ ބާއްވާ. ބާރަށް ލަވަ ޖަހާ. މާފުށީގައި ބައެއް ގެސްޓް ހައުސް ހުންނަ ތަންތަނާއި އާންމުން ދިރިއުޅޭ ގެތަކާ އެހާ ދުރެއް ނުވާނެ. ބުޑުގައި ގެސްޓް ހައުސް ހުރޭ. އެކަމަކު ކިތަންމެ ބާރަށް ލަވަ ޖެހިޔަސް ކައުންސިލަށް ވެސް އޯކޭ މިހާރު،" މާފުށީގައި މަސައްކަތް ކުރާ ސަރުކާރުގެ މުވައްޒަފަކު ބުންޏެވެ.

ކަންބޮޑުވާ ހުރިހާ ކަމެއް "ނޯމަލް" ވެއްޖެ

މާފުށީގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ފުލުހުންނާ ވާހަކަ ދެއްކުމުން އެނގުނު މައިގަނޑު އެއް ކަމަކީ މި ރަށުގެ ހާލަތު އަދި މާ ބޮޑަށް ގޯސްވެފައިވާ ކަމެވެ. މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެން ކަންކަމާ އަޅާނުލުމުގެ ނަތީޖާ ރަނގަޅު ނޫން ކަން ކ. އަތޮޅުގެ ކޮމާންޑަރު އިންސްޕެކްޓާ އޮފް ޕޮލިސް ސައީދުގެ ވާހަކަ އިން ވަރަށް ސާފެވެ.

އުމުރުން ވަރަށް ހަގު ކުދިން މަސްތުވާތަކެތީގެ ވިޔަފާރީގައި ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ލޯކަލް ޓޫރިޒަމާ ގުޅިގެން އެ ކަންކަން މިހާރު ވަނީ ބޮއްސުންލައިފަ އެވެ.

"ލޯކަލް ޓޫރިޒަމް ފުޅާވުމާ ގުޅިގެން ދިޔާ މަސްތުވާތަކެތި ހާއްސަކޮށް ރަލާއި ބިޔަރު ކަހަލަ އެއްޗެހި ވަރަށް ބޮޑަށް ރަށުތެރޭގައި އެކި ގޮތްގޮތުން އެބަ ދައުރުވޭ. އަޅުގަނޑުމެން ހިންގާ އޮޕަރޭޝަންތަކުގައި ފުދޭވަރަކަށް ގިނައިން އެ ތަކެތި އެބަ އަތުލެވޭ. އެހެން ނަމަވެސް ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ތަނަކަށް ވާތީ ރަށު ތެރޭގައި އެކި ކަންކަމުގައި އެ އެއްޗެހި އެބަ ދައުރުވޭ،" ސައީދު ވިދާޅުވި އެވެ.

ފުލުހުން ބުނިގޮތުގައި މާލޭގެ ބައެއް ގޭންގުތަކުގެ "ގޮފިތައް" މާފުށީގައި މިހާރު އެބަ އޮޕަރޭޓް ކުރެ އެވެ. ހާއްސަކޮށް ހަފުތާ ބަންދ ދުވަސްތަކާ މާލޭގެ ގޭންގުތަކުން މި ރަށަށް އައިސް ހަރަކާތްތެރިވާކަން ފުލުހުންނަށް ވެސް އެނގޭ ކަމަށް ސަައީދު ވިދާޅުވި އެވެ.

"އެއް ބަޔަކު އަނެއް ބަޔަކަށް މި ރަށުގެ ތެރޭގައި މާރާމާރީ ހިންގާފައި އެބަހުރި. މައްސަލަތައް ހުށަހެޅި، އަޅުގަނޑުމެންނަށް އަތުޖެހިއްޖިއްޔާ އެ މައްސަލަތައް އަޅުގަނޑުމެން ބަލަން. އަނިޔާ ލިބޭ މީހުންނަށް އަޅުގަނޑުމެން އެޓެންޑްވެ، މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ހާލަތުތަކުގައި ކުރިއަށް ގެންދަން. ގުރޫޕް މާރާމާރީތަކުގައި ދިމާވާ މައްސަލަތަކުގައި އާންމުކޮށް މައްސަލަ ކުރިއަށް ގެންދަން އެ މީހުން ބޭނުމެއް ނުވޭ،" ފުލުހުންގެ ކޮމާންޑަރު ވިދާޅުވި އެވެ.

ޕޭރެންޓިން ވަރަށް ދަށްކޮށް ފެންނަނީ. ސެޝަންތައް ނަގައިގެން ވެސް އެވެއާ ކުރެވޭތޯ އަޅުގަނޑުމެން ބަލަން. އެހެން ނަމަވެސް ވަޒީފާގެ ކަންކަން މާ ބޮޑަށް ތަނަވަސް ވެފައިވާ ތަނަކަށް ވާތީ މަންމަ، ބައްޕަ އަދި ފެމިލީގައި ދެން ތިބޭ މީހުން މަސައްކަތުގައި އަވަދި ނެތި އުޅޭތީ ކުދިން ތިބެނީ ވީއްލިފައި،"--- ފުލުހުންގެ ކޮމާންޑަރު

އޭނާ ވިދާޅުވީ، މާފުށީގައި މަސްތުވާތަކެއްޗާއި ގުރޫޕް މާރާމާރީގައި އުމުރުން 12 އަހަރާއި 14 އަހަރުގެ ކުދިން އުޅޭ ކަމަށެވެ.

"މަސްތުވާތަކެތި ވިއްކުމުގެ ކަންތައްތަކުގައި ބޭނުންކުރާ ކުދިންތަކެއް ވެސް އެބަތިބި،" ސައީދު ވިދާޅުވި އެވެ.

ފުލުހުން ބުނާގޮތުގައި، ގިނަ ބެލެނިވެރިން ހޭބޯނާރައި އުޅެނީ އާމްދަނީ ހޯދުމުގެ މަސައްކަތުގައި ކަމަށް ވާތީ ކުދިންނާ އަޅާލެވޭ ތަނެއް މާ ބޮޑަށް ނުފެނެ އެވެ.

"ޕޭރެންޓިން ވަރަށް ދަށްކޮށް ފެންނަނީ. ސެޝަންތައް ނަގައިގެން ވެސް އެވެއާ ކުރެވޭތޯ އަޅުގަނޑުމެން ބަލަން. އެހެން ނަމަވެސް ވަޒީފާގެ ކަންކަން މާ ބޮޑަށް ތަނަވަސް ވެފައިވާ ތަނަކަށް ވާތީ މަންމަ، ބައްޕަ އަދި ފެމިލީގައި ދެން ތިބޭ މީހުން މަސައްކަތުގައި އަވަދި ނެތި އުޅޭތީ ކުދިން ތިބެނީ ވީއްލިފައި،" ކަންބޮޑުވުމާއެކު ފުލުހުންގެ ކޮމާންޑަރު ވިދާޅުވި އެވެ.

މާފުއްޓަށް ލޯކަލް ޓޫރިޒަމް ތައާރަފުވުމުގެ ކުރިން ގިނައިން ފުލުހުންނަށް ހުށަހަޅަނީ ވައްކަމުގެ މައްސަލަތައް ކަމަށް ވިޔަސް މިހާރު އެ ޓްރެންޑް ވަނީ މަސްތުވާތަކެއްޗާއި ގުރޫޕް މާރާމާރީއާ ދިމާ އަށް މިސްރާބު ޖަހައިފަ އެވެ.

ފުލުހުންގެ ތަޖުރިބާއަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވަ އެހެން ރަށެއްގައި ނަމަ ޓޫރިސްޓުން ބިކިނީގައި އާންމު ތަނެއްގައި އުޅޭ ނަމަ ފުލުހުންނާ ހިސާބަށް ވަރަށް ގިނައިން އެ މައްސަލައެއް ގެންދާ ކަމެވެ. އެކަމަކު، މާފުށީގެ އާންމު ތަންތަނުގައި ޓޫރިސްޓުން ބިކިނީގައި އުޅުން އާންމުވެފައިވާ ވަރަކީ ކޮމާންޑަރު ސައީދު ވިދާޅުވިގޮތުގައި ވަރަށް މަދު ފަހަރަކު ނޫނީ ކަންބޮޑުވެން ފުލުހުންނާ ހިސާބަށް ވެސް އެ ކަމެއް ނުގެންދެ އެވެ.

"އެހެންވީމާ [މާފުށީގެ] ރައްޔިތުންނަށް ވަރަށް ބޮޑަށް އާންމު ކަމަކަށް ވެފައިވާ ކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް ފާހަގަވަނީ. އެއީ ނޯމަލް ކަމެއްގެ ގޮތުގައި މިހާރު ފީލް ވަނީ،" ސައީދު ވިދާޅުވި އެވެ.

މާފުށީގައި ލޯކަލް ޓޫރިޒަމް ފުޅާވެ، ކުށްކުރުން އާންމު ވެފައިވާ ރަށަކަށް ވެފައިވާއިރު، އެކަށީގެންވާ އަދަދަކަށް ފުލުހުންނެއް ނެތެވެ. މި ރަށުގައި މިހާރު ތިބީ 15 ވަރަކަށް ފުލުހުންނެވެ. އެއީ މާފުށީގައި ކުށް ކުރުމުގެ ރޭޓަށް ބަލާއިރު ވަރަށް މަދު އަދަދެއް ކަމަށް ކޮމާންޑަރު ވިދާޅުވި އެވެ.

"ސައުވީސް ގަޑިއިރު ކޮންޓިނިއުސްކޮށް ރަށުތެރެ ޕެޓްރޯލް ކުރަން އެއީ ވަރަށް މަދު އަދަދެއް. މިހާރު މި ރަށުގައި ތިބި ފުލުހުންގެ އަދަދުގެ ދެ ގުނަ މި ވަގުތަށް ވެސް ބޭނުންވޭ މި އޮތް ލެވެލްގައި މާފުއްޓަކީ އެންމެ ރައްކާތެރި ތަނެއްގެ ގޮތުގައި ބަލަހައްޓަން. މެކްސިމަމް ކުދިން ހަމަ ވީކެންޑްތަކުގައި ނުނިދައޭ ބުނެވިދާނެ. ވަރަށް ބުރަކޮށް، ބިޒީ ޝެޑިއުލެއްގައި މަސައްކަތް މި ކުރަނީ،" ސައީދު ވިދާޅުވި އެވެ.