Roadha Mihaaru
ދެ ފަރާތުން އެއްބަސްވާނަމަ،އެއްދުވަހުން ހެކިބަސް ނަގަނީ

ދެ ފަރާތުން އެއްބަސްވާ ނަމަ، އެއް ދުވަހެއްގައި ހެކިބަސް ނަގައި ނިންމާލަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި

06 ފެބުރުއަރީ 2020

ޖިނާއީ މައްސަލަތަކުގައި ދެ ފަރާތުން ދެކޮޅު ނަހަދާ ނަމަ، މައްސަލަތައް އަވަސް ކުރުމުގެ ގޮތުން ހުރިހާ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް، ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ މައްސަލަތަކުގައި ދެ ފަރާތުން ދެކޮޅު ނަހަދާ ނަމަ، މައްސަލަތައް އަވަސް ކުރުމުގެ ގޮތުން ހުރިހާ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް، ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އެ ކޯޓުން ނެރުނު ބަޔާނެއްގައި ވަނީ އިބްތިދާއީ އަޑުއެހުންތައް ނިންމައިލައި، މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމާ އެކު، ޝަރީއަތުގެ އަޑުއެހުންތައް ގެންދާނެ ގޮތުގެ ތާވަލެއް މިހާރު ވެސް އަމަލުކުރާ އުސޫލުން ދެ ފަރާތަށް ދިނުމަށް ފަހު، ދެ ފަރާތުން ދެކޮޅު ނަހަދާ ނަމަ އަދި ހެކިން ހާޒިރު ކޮށްދޭން ދެ ފަރާތުން އެއްބަސްވާ ނަމަ، ހުރިހާ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނަގަން ކޯޓުން މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތަށް، ދެ ފަރާތުން އެއްބަސްވާ މައްސަލަތަކުގައި އެންމެ ފުރަތަމަ ދައުލަތުން ހެކިންގެ ހެކިބަސް ނެގުމަށް ފަހު ހަމަ އެ ދުވަހު ދިފާއީ ހެކިންގެ ހެކިބަސް ނަގާނެ ކަމަށާއި އެއް ދުވަހެއްގައި ހުރިހާ ހެކިބަހެއް ނުނިމިއްޖެ ނަމަ، ޖެހިގެން އަންނަ ދުވަހު ވެސް ހެކިބަސް ނެގުން ކުރިއަށް ގެންދާނެ ކަމަށް އެ ބަޔާނުގައި ވެ އެވެ. އަދިި ހެކިބަސް ނަގައި ނިމުމާ އެކު، ދެ ފަރާތުން ދެކޮޅު ނަހަދާ ނަމަ، އެ ދުވަހެއްގައި ޚުލާސާ ބަޔާން ހުށަހެޅޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެ ކޯޓުގެ ބަޔާނުގައިވާ ގޮތުން، އެގޮތަށް އަމަލު ކުރުމުން މައްސަލައިގެ އެންމެ އަޑުއެހުމަކުން އެ މައްސަލައެއްގެ ހުރިހާ އަޑުއެހުންތަކެއް ނިންމައި ލެވޭނެ އެވެ. އަދި އަޑުއެހުންތައް ނިންމާލާތާ 30 ދުވަސް ތެރޭގައި ހުކުމް ކުރެވޭނެ ކަމަށް ބުންޏެވެ.

މެދުކެނޑުމެއް ނެތި ޝަރީއަތްތައް ގެންދަން ޖެހޭނެ ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނެފައިވާތީ، ކޮންމެ މައްސަލައެއްގައި ވެސް ދެ އަޑުއެހުމުގެ ދެމެދުގައި ގިނަ ދުވަސްތަކެއް ހޭދަ ނުވާނެ ގޮތަށް މިހާރު ވެސް އަމަލު ކުރަމުންދާ ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ. އެގޮތުން، ކުށަށް އިއުތިރާފްވާ މައްސަލަތައް ފަސް ދުވަސް ތެރޭގައި ނިންމަމުންދާ ކަމަށާއި އަދި އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދެ ފަރާތަށް މިހާރު ވެސް ދުރާލާ ދެވޭ ކަމަށް ކޯޓުން ބުންޏެވެ. އަދި އަލަށް އުސޫލެއް ހަމަޖެއްސީ އެކަން އިތުރަށް ތަރައްގީ ކުރުމަށް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ވެ އެވެ.

އެކަމަކު، އެގޮތަށް އަމަލު ކުރެވޭނީ ކަމާބެހޭ ގުޅޭ ހުރިހާ އިދާރާތަކެއްގެ އެއްބާރުލުން ލިބިގެން ކަމަށާއި އެކަމަށް އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ބުންޏެވެ.