Roadha Mihaaru
ކަރަންޓީނުކުރާ ސިވިލް ސާވަންޓުންނަށް ޚާއްސަ ޗުއްޓީއެއް

ކޮރޯނާވައިރަސްގައި ކަރަންޓީނު ކުރާ ސިވިލް ސާވަންޓުންނަށް ޚާއްސަ ޗުއްޓީއެއް ދެނީ

02 ފެބުރުއަރީ 2020

ޗައިނާ އިން އުފަންވެ، އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގައި ރާއްޖެ އިން ކަރަންޓީނު ކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޗައިނާ އިން އުފަންވެ، އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގައި ރާއްޖެ އިން ކަރަންޓީނު ކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

ރާއްޖެ އިން ކޮރޯނާ އަށް ޝައްކު ކުރެވޭ އެކަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އިން ފެށިގެން އެކަހެރިކޮށް، އޭނާގެ ޓެސްޓުތައް ހަދަން ސާމްޕަލް ވަނީ ބޭރަށް ފޮނުވައިފަ އެވެ. ޗައިނާ އަށް ދަތުރުކުރި އުމުރުން 20 އަހަރުގެ ދިވެހި އެ ފިރިހެންމީހާ އަށް ކޮރޯނާވައިރަސް ޖެހިފައިވޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް އޭނާގެ ސާމްޕަލްތައް ފޮނުވީ އިންޑިއާގެ ޕޫނޭ އަށެވެ. އެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ މާދަމާ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ، ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނު ކުރަން ސަރުކާރުން ނިންމާފައި ވާތީ، މި ރޯގާއާ ގުޅިގެން ކަރަންޓީނު ކުރާ ސިިވިލް ސާވަންޓުންނަށް އޮފީހަށް ހާޒިރު ނުވެވޭ މުއްދަތަށް ޚާއްސަ ޗުއްޓީއެއް ދޭން ނިންމާފައިވާ ކަމަށެވެ. މި ރޯގާއާ ގުޅިގެން ކަރަންޓީނު ކުރާ މުވައްޒަފުންގެ ޗުއްޓީގެ ކަންކަން ހަމަޖައްސައިދޭން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަންގައިފަ އެވެ.

ރާއްޖެ އިން ކޮރޯނާވައިރަސް އަށް ޝައްކު ކުރެވުނު ދިވެހި ޒުވާނާގެ އިތުރުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެހެން ބައެއްގެ ސާމްޕަލްތަކެއް ވެސް ޓެސްޓު ހެދުމަށްޓަކައި ވަނީ އިންޑިއާ އަށް ފޮނުވައިފަ އެވެ. އެކަމަކު، ކަރަންޓީނު ކޮށްގެން ފަރުވާ ދެނީ 20 އަހަރުގެ ޒުވާނާ އަށް އެކަނި ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭނާގެ ހާލު ވެސް ކުރިއަށް ވުރެ ރަނގަޅު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވި އެވެ.

ޗައިނާގެ ވޫހާން ސިޓީން އަލަށް ފެނުނު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދަަކީ މިއަދާ ހަަމައަށް 13،816 އެވެ. އެ ވައިރަހުގެ ސަބަބުން މިހާތަނަށް 304 މީހަކު ވަނީ މަރުވެފަ އެވެ.

މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ރާއްޖޭގައި ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން، ޗައިނާ އިން ރާއްޖެ އަށް މީހުން އައުން ވެސް ދިވެހި ސަރުކާރުން ވަނީ މިރޭ ދަންވަރު 12:00 ން ފެށިގެން މަނާކޮށްފަ އެވެ.