Roadha Mihaaru
ޝައްފާން އެއް ވަނައިގައި: ފެންނަނީ ވާދަވެރިކަން

ޝައްފާން ރޭންކިންގެ އެއް ވަނައިގައި: ފެންނަނީ ވާދަވެރިކަން

02 ފެބުރުއަރީ 2020

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މޫސާ މުންސިފް އަހުމަދު މިދިޔަ ހަފުތާގައި އެ ހޯދީ އޭނާގެ ކެރިއަރުގައި 10 ވަނަ ފަހަރަށެވެ. އެހެންވެ ފެންނަ ފެނުމުގައި ރާއްޖޭގެ ފިރިހެން ޓީޓީ ކުޅުންތެރިންގެ މެދުގައި ވާދަވެރިކަމެއް ނެތެވެ. އެކަމަކު، އަހަރަކު އެއް ފަހަރު އޮންނަ ގައުމީ މުބާރާތުން ބޭރަށް ނަޒަރު ހިންގާލައިފި ނަމަ ފެންނާނީ ތަފާތު މަންޒަރެކެވެ. ޒުވާން ކުޅުންތެރިޔާ ޝައްފާން އިސްމާއިލް މި ފަހަރުގެ ރޭންކިންގެ އެއް ވަނަ ހޯދުމަކީ އެ ވާދަވެރިކަން އޮތްކަން ދައްކުވައިދޭ ކަމެކެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މޫސާ މުންސިފް އަހުމަދު މިދިޔަ ހަފުތާގައި އެ ހޯދީ އޭނާގެ ކެރިއަރުގައި 10 ވަނަ ފަހަރަށެވެ. އެހެންވެ ފެންނަ ފެނުމުގައި ރާއްޖޭގެ ފިރިހެން ޓީޓީ ކުޅުންތެރިންގެ މެދުގައި ވާދަވެރިކަމެއް ނެތެވެ. އެކަމަކު، އަހަރަކު އެއް ފަހަރު އޮންނަ ގައުމީ މުބާރާތުން ބޭރަށް ނަޒަރު ހިންގާލައިފި ނަމަ ފެންނާނީ ތަފާތު މަންޒަރެކެވެ. ޒުވާން ކުޅުންތެރިޔާ ޝައްފާން އިސްމާއިލް މި ފަހަރުގެ ރޭންކިންގެ އެއް ވަނަ ހޯދުމަކީ އެ ވާދަވެރިކަން އޮތްކަން ދައްކުވައިދޭ ކަމެކެވެ.

ގައުމީ ފައިނަލުން މުންސިފް އަތުން 4-1 އަތުން ބަލިވިތާ ހަފުތާއެއް ނުވަނީސް ޝައްފާން ރޭންކިންގެ އެއް ވަނަ އަށް އެރީ، ލީގު އުސޫލުން ތިން ބުރު ކުޅެ 35 ޕޮއިންޓް ހޯދައިގެންނެވެ. މުންސިފް ދެ ވަނަ އަށް ދިޔައީ 34 ޕޮއިންޓާ އެކު އެވެ.

އަހަރަކު ހަތަރު ފަހަރު ކަނޑައަޅާ މި ރޭންކިންގެ އެއް ވަނަ، އުމުރުން 19 އަހަރުގެ ޝައްފާން މިދިޔަ އަހަރު ވެސް ހޯދި އެވެ. އެކަމަކު ގައުމީ ފައިނަލުން ބަލިވިތާ ކައިރީގައި ޝައްފާން މި ފަހަރު އެއް ވަނަ އަށް އެރުމަކީ، ހާއްސަ ކަމެކެވެ. ޝައްފާން "މިހާރު" އަށް ބުނީ އެއް ވަނައިގައި ހިފަހައްޓައި އަންނަ އަހަރުގެ ގައުމީ ޗެމްޕިއަންކަން ހޯދުމަކީ އެންމެ ބޮޑު ޓާގެޓް ކަމަށެވެ.

"މުންސިފް ސާ އަށް ރަނގަޅު ފައިޓެއް ދެވޭ. ރޭންކިން މެޗުތަކުގައި ފަސޭހަވި މުނިއުފާގައި ކުޅުމުން. އެއީ އަބަދު އެތަނުގައި ފަރިތަކުރާތީ އެތަނަށް ހޭނިފައި ހުރީ. އުއްމީދުކުރަން ނެޝަނަލް ޓައިޓަލް ހޯދަން ދެން އަހަރަކު. އެކަމަށް މަސައްކަތްކުރާނަން،" މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި ކުޅުނު ޝައްފާން ބުންޏެވެ.

ކުރީގެ ޓީޓީ ޗެމްޕިއަން އަދި ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ސީވީޑް އަހުމަދު ލަތީފަށް ބޮޑުބޭބެ ކިޔާ ޝައްފާން ބުނީ ޓީޓީ އަށް ނިސްބަތްވާ އޭނާގެ އާއިލާގެ ފަރާތުން ވަރަށް ސަޕޯޓް ލިބޭ ކަމަށެވެ.

"އާއިލާގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބޭ. ވަރަށް ގިނަ ފުރުސަތުތައް ވެސް ހޯދައިދޭ،" ޝައްފާން ބުންޏެވެ.

ފިރިހެން ރޭންކިންގެ ގަދަ ފަހެއް

1- ޝައްފާން އިސްމާއިލް (35 ޕޮއިންޓް)

2- މޫސާ މުންސިފް އަހުމަދު (34 ޕޮއިންޓް)

3- ޒީސްތު ނަސީމް (ސްކޮލަޝިޕެއްގައި ހުރުމުން ޖާގަ ލޮކްކުރެވިފައި)

4- އަޚްޔާރު އަހުމަދު ހާލިދު (28 ޕޮއިންޓް)

5- މައިޒަރު އާދަމް ޒާހިރު (28 ޕޮއިންޓް)

މި ފަހަރުގެ ރޭންކިންގައި ޝައްފާން އާއި މުންސިފްގެ ފަހަތުން ތިން ވަނައިގައި އޮތީ، މި ވަގުތު ސްކޮޓްލެންޑުގައި ސްކޮލަޝިޕެއް ފުރިހަމަކުރަމުން އަންނަ ޒީސްތު ނަސީމެވެ. އުސޫލެއްގެ ގޮތުން ސްކޮލަޝިޕެއްގައި ހުންނަ ކުޅުންތެރިޔަކު އެންމެ ފަހުގެ ރޭންކިންގައި އޮތް މަގާމުގައި ދެމި އޮންނާނެ އެވެ. ޒީސްތުގެ ކުރީގެ ޑަބަލްސް ޕާޓްނަރު މައިޒަރު އާދަމް ޒާހިރު ދުވަސްތަކަށް ފަހު އަލުން ކުޅެން ފަށައި މި ފަހަރު ރޭންކިންގެ ފަސް ވަނަ ހޯދި އެވެ. އޭނާގެ ކުރިން ހަތަރު ވަނަ ހޯދީ ގައުމީ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން އަޚްޔާރު އަހުމަދު ހާލިދެވެ.

އެހެންވެ މައިޒަރު ކުރީގެ ފޯމަށް އެނބުރި އަތުވެއްޖެ ނަމަ ރާއްޖޭގެ ގައުމީ ފިރިހެން ޕޫލުގައި، ދާދި އެއް ފެންވަރެއްގެ ސީނިއާ ހަތަރު ކުޅުންތެރިންނާއި އުއްމީދީ ކުޅުންތެރިޔަކު ހުންނާނެ އެވެ. ކުރީގެ ޓީޓީ ޗެމްޕިއަން އިބްރާހިމް ޝިއުރީ އެކަމަށް އެއްބަސްވި އެވެ. އޭނާ ދެކޭ ގޮތުގައި ގައުމީ ޗެމްޕިއަންކަން އެއް ކުޅުންތެރިޔަކު ހޯދި ނަމަވެސް ހަގީގަތަކީ ރާއްޖޭގައި މިހާރު ކުރިއާ ހިލާފަށް އެއް ފެންވަރުގެ ކުޅުންތެރިންތަކެއް ތިބިކަން ކަމަށާއި އޭގެ ސަބަބުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ފައިދާކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުޅުނުއިރު ވެސް ތަފާތު ބޮޑު އެއް ކުޅުންތެރިޔަކު އަބަދުވެސް ހުންނާނީ. އެކަމަކު މިހާރު އެބަތިބި އެއް ފެންވަރެއްގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް. މުންސިފާއި ޝައްފާނާއި ޒީސްތަކީ ދާދި އެއް ފެންވަރެއްގެ ތިން ކުޅުންތެރިން. އަޚްޔާރަކީ ވެސް ވަރަށް އުއްމީދީ ކުޅުންތެރިޔެއް. މައިޒަރު އެނބުރި އައުމަކީ ވެސް އުފާވެރި ހަބަރެއް،" ޝިއުރީ ބުންޏެވެ.

ސައުތު އޭޝިއަން ގޭމްސްގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ޝައްފާން (ކ-2) އާއި ޒީސްތު (ކ-3) އަދި މުންސިފް  (ވ-2) ތައްޔާރުވެފައި. -- ފޮޓޯ: އެމްއޯސީ/ ހުސެއިން ވަހީދު

ސައުތު އޭޝިއަން ގޭމްސްގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ޝައްފާން (ކ-2) އާއި ޒީސްތު (ކ-3) އަދި މުންސިފް (ވ-2) ތައްޔާރުވެފައި. -- ފޮޓޯ: އެމްއޯސީ/ ހުސެއިން ވަހީދު

މި ހުރިހާ ކުޅުންތެރިންނަކީ ވެސް ޒުވާން ކުޅުންތެރިންނަށް ވުމާ އެކު ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަނގަޅު ކާމިޔާބެއް ހޯދަން މިހާރުން ފެށިގެން ރަނގަޅު ޕްލޭނަކާ އެކު މަސައްކަތްކުރެވިއްޖެ ނަމަ ކާމިޔާބުވުމުގެ ފުރުސަތު އެބައޮތެވެ.

އަންހެން ޓީޓީން ފެންނަނީ އެ މަންޒަރެވެ. މީގެ އަހަރުތަކެއް ކުރިން ހުރީ ވަރަށް ތަފާތު ބޮޑު އެންމެ ކުޅުންތެރިޔެއް ކަމަށްވާ މުއީނާ މުހައްމަދެވެ. އެކަމަކު މިހާރު ޖޫނިއާ ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ތަފާ ނާޒިމް ތިބުމާ އެކު ފެންނަނީ ވާދަވެރި އަދި ވަރުގަދަ ސްކޮޑެވެ. އޭގެ ފައިދާ ރާއްޖޭގެ ޓީޓީ އަށް ކުރި އެވެ. މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީމު އިވެންޓުން ރަން މެޑަލް އަދި ސިންގަލްސް އާއި ޑަބަލްސް އިން ރަނާއި ރިހި ވެސް ހޯދީ ރާއްޖެ އެވެ. ދީމާ ސިންގަލްސް ރަން މެޑަލް ހޯދީ ފައިނަލުގައި ރަފާ ބަލިކޮށްގެންނެވެ. އަދި އެ ދެ ކުޅުންތެރިން އެކުގައި ކުޅެ ޑަބަލްސް ރަން މެޑަލް ނެގީ މުއީނާ އާއި ފާތިމަތު ޖުމާނާ ނިމާލް ބަލިކޮށްފަ އެވެ. އަންހެން ޓީމު އިވެންޓުން ރަން މެޑަލް ނެގީ އެ ހަތަރު ކުޅުންތެރިންގެ ޓީމުންނެވެ.