Roadha Mihaaru
ކޯލް އޮފް ޑިއުޓީގެ ބޮޑެތި ލީގުތައް ޔޫޓިއުބަށް

ކޯލް އޮފް ޑިއުޓީ އާއި އޯވަވޮޗްގެ ލީގުތައް ޔޫޓިއުބުން

28 ޖެނުއަރީ 2020

އީސްޕޯޓްސްގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގޭމުތައް ކަމަށްވާ ކޯލް އޮފް ޑިއުޓީ އާއި އޯވަވޮޗާއި ހާތުސްޓޯންގެ ބޮޑެތި ބައެއް ލީގުތައް ހަމައެކަނި ޔޫޓިއުބުން ލައިވް ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އީސްޕޯޓްސްގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގޭމުތައް ކަމަށްވާ ކޯލް އޮފް ޑިއުޓީ އާއި އޯވަވޮޗާއި ހާތުސްޓޯންގެ ބޮޑެތި ބައެއް ލީގުތައް ހަމައެކަނި ޔޫޓިއުބުން ލައިވް ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީގެ ކުރިން މި ގޭމް ލީގްތައް ދެއްކީ ޓްވިޗް މެދުވެރިކޮށެވެ. ޔޫޓިއުބުން މި ލީގްތައް ލައިވްކުރަން އެއްބަސްވުމަކަށް އާދެވުމަކީ ޔޫޓިއުބަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

ގޭމް ލީގުތައް އިންތިޒާމްކުރާ އެކްޓިވިޒަން ބްލިޒާޑުން ޔޫޓިއުބާ އެކު އެއްބަސްވުމަކަށް އައުމުގެ ކުރިން އޯވަވޮޗް ލީގުގެ ފުރަތަމަ ދެ ސީޒަން ދެއްކީ ޓްވިޗުންނެވެ.

ޔޫޓިއުބާ އެކު އެއްބަސްވުމަކަށް އައިކަން އިއުލާނުކުރީ 12 ޓީމާ އެކު މި މަހުގެ 24 ވަނަ ދުވަހު މި އަހަރުގެ ކޯލް އޮފް ޑިއުޓީ ލީގް ފެށުމަށް ވަގުތު ކުޑަތަންވެފައި އޮއްވަ އެވެ.

ޔޫޓިއުބް ހިންގާ ގޫގުލް އިން ބުނީ ގޭމިންގެ ފެންވަރު ރަނގަޅުކުރުމަށް އޮންލައިންކޮށް ދިރާސާތައް ހަދައި މައުލޫމާތު އެއްކުރުމުގައި ގޫގުލް ކްލައުޑާއި އެކްޓިވިޒަން ބްލިޒާޑާ އެކު މަސައްކަތްކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ.

"ގޭމު އުފައްދާ އެންމެ ބޮޑެތި ޑިވެލޮޕަރުންނާ އެކު ގުޅުން އިތުރަށް ބަދަހިކުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ގޫގުލް ކްލައުޑްގެ ހެޑް ސުނިލް ރަޔަން ވިދާޅުވެފައިވެ އެވެ.

އެކްޓިވިޒަން ބްލިޒާޑްގެ ގޭމުތަކުގެ ލައިބްރަރީ އެއްކޮށް، ޔޫޓިއުބްގައި ހޮސްޓްކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

ޔޫޓިއުބަކީ އެންމެ ބޮޑު ވީޑިއޯ ސައިޓް ކަމަށް ވިޔަސް ޓްވިޗް ފަދަ ވެބްސައިޓްތަކުން ދޭ ހިދުމަތްތަކާ ވާދަކުރުމުގައި ޔޫޓިއުބަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ އެވެ. އެކަމަކު ޔޫޓިއުބަށް ވެސް ބޮޑެތި ބައެއް ބަދަލުތައް މިހާރު ގެނެ އެވެ.