Roadha Mihaaru
"ރެޑްބުލް ކެމްޕަސް ކްލަޗް" މުބާރާތެއް ބާއްވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް "ރެޑްބުލް ކެމްޕަސް ކްލަޗް" މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރ 2022

ރެޑްބުލް އިން ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ "ކެމްޕަސް ކްލަޗް" އީ-ސްޕޯޓް މުބާރާތް ރާއްޖޭގައި ބޭއްވުމަށް ނިންމައި، ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރެޑްބުލް އިން ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ "ކެމްޕަސް ކްލަޗް" އީ-ސްޕޯޓް މުބާރާތް ރާއްޖޭގައި ބޭއްވުމަށް ނިންމައި، ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

އެއީ ޔުނިވާސިޓީ އަދި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންގެ މެދުގައި ގޭމިން އަށް އޮތް ލޯބި އިތުރުކޮށް، ގޭމިން އިން ކުރިއަށް ދިޔުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށް ރާއްޖޭގައި އެ މުބާރާތް އިންތިޒާމު ކުރާ ޔޫރޯ ސްޓޯރުން ބުންޏެވެ. ގައުމީ އަދި ދުނިޔޭގެ ފެންވަރުގައި ރެޑްބުލް އިން ބާއްވާ އެ މުބާރާތުގައި މި ފަހަރު ރާއްޖެ އިން ވާދަކުރާނީ ހަމައެކަނި ގައުމީ ފެންވަރުގައި ކަމަށް ޔޫރޯ ސްޓޯރުން ބުންޏެވެ.

އެ ފިހާރައިން ބުނިގޮތުގައި، މިއީ ކެމްޕަސް ކްލަޗުގެ ފުރަތަމަ މުބާރާތަށް ވާތީ، ދުނިޔޭގެ ފެންވަރުގައި ވާދަކުރާ މުބާރާތަށް އަމާޒު ހިފާނީ މި ފަހަރުގެ ތަޖުރިބާއަށް ބެލުމަށް ފަހު އެވެ.

ޔޫރޯ ސްޓޯރުން ބުނިގޮތުގައި، އެއީ ގޭމިންގެ ތަޖުރިބާ ނެތް މީހުންނަށް ވެސް ބައިވެރިވެވޭނެ މުބާރާތެކެވެ. މުބާރާތުގައި ކުޅޭނީ މަޝްހޫރު ފަސްޓް ޕާސަން ޝޫޓިން ގޭމެއް ކަމަށްވާ "ވަލޮރަންޓް" އެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ރާއްޖޭގެ ޔުނިވާސިޓީއެއް ނުވަތަ ކޮލެޖެއްގައި ކިޔަވާ، އުމުރުން 18 އަހަރުން މަތީގެ ދަރިވަރުންނަށެވެ.

މުބާރާތަށް ރަޖިސްޓަރީ ކުރާއިރު، ޔުނިވާސިޓީ ނުވަތަ ކޮލެޖެއްގެ ދަރިވަރެއްކަން އަންގައިދޭ ސްޓޫޑެންޓު ކާޑު ބޭނުން ވާނެ އެވެ.

އެ މުބާރަތުގައި ވާދަކުރެވޭނީ 8 މީހުން ހިމެނޭ ޓީމުތަކަށެވެ. މުބާރާތަށް ރަޖިސްޓަރީ ކުރާއިރު، ހުށަހަޅާ ފަރާތާއެކު، ޓީމު ހަދާނެ ބައިވެރިން ނެތް ނަމަ، އެކަން އެންގުމުން ބައިވެރިން ނެތް މީހުންގެ މެދުގައި، ރެޑްބުލް އިން ޓީމު ހަދައިދޭނެ އެވެ.

މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ކޮލިފައިރައުންޑުން މޮޅުވާ 8 ޓީމެކެވެ. ފައިނަލް މެޗުތައް އޮންނާނީ ގޭމިން ރޫމުގަ އެވެ.

"ވަލޮރަންޓު" ގޭމަކީ އީސްޕޯޓްސްގައި އެންމެ ކުރިއަރަމުން އަންނަ އެއް ގޭމެވެ. އެއީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޓުވިޓާ މެދުވެރިކޮށް ބެލި ގޭމު ވެސް މެ އެވެ.

"ކެމްޕަސް ކްލަޗް" މުބާރާތަށް ކަނޑައަޅާފައި ވަނީ 30،000ރ. ގެ ޕްރައިސް ޕޫލެކެވެ.