Roadha Mihaaru
ވާދަވެރި ފިނާލޭއަކުން މޮޅުވީ ގަތަރުގެ ޓީމް

އުރީދޫ ނޭޝަން ގްލޯބަލް ފޭސް އޮފް: ވާދަވެރި ފިނާލޭއަކުން މޮޅުވީ ގަތަރުގެ ޓީމް

11 އޯގަސްޓް 2024

އުރީދޫ ނޭޝަންއިން ބޭއްވި ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތުގެ ޗެމްޕިއަންކަން ގަތަރުގެ ޓީމު ހޯދައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫ ނޭޝަންއިން ބޭއްވި ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތުގެ ޗެމްޕިއަންކަން ގަތަރުގެ ޓީމު ހޯދައިފި އެވެ.

ރާއްޖެ އާއި ގަތަރުގެ ޓީމުން ވާދަކުރި ގޭމިން މި މުބާރާތުގެ ރޮކެޓް ލީގުގައި ދިވެހި ކުޅުންތެރިން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ހޫނު ތަރުހީބެއް ލިބުނު މި މުބާރާތުގައި ވާދަވެރި މެޗުތަކެއް ކުރިއަށް ދިޔަ އެވެ.

އުރީދޫން ބުނިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ އެ ކުންފުނީގެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަކީ ފޯރިގަދަ، ކާމިޔާބު މުބާރާތެކެވެ. އަދި މި މުބާރާތަކީ ފެށުމެއް ކަމުގައި ސިފަކޮށް، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މުބާރާތްތައް ރާވާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މި މުބާރާތަކީ ކުރިއަށް އޮތް ތަނުގައި އިތުރު ބައިނަލްއަގްވާމީ އީސްޕޯޓްސް މުބާރާތްތައް ބޭއްވުމަށް މަގު ފަހިކޮށްދިން މުބާރާތެއް ކަމަށެވެ. ހަމާދީ ވިދާޅުވީ ޑިޖިޓަލް ކުޅިވަރުތަކުގައި ދުނިޔެއާ ކުރިމަތިލާން ރާއްޖޭގެ ގޭމިން ކުޅުންތެރިން ތިބީ ތައްޔާރަށް ކަން މި މުބާރާތުން ފެނިގެން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގޭމު ކުޅޭ ކުޅުންތެރިންނަށް މިފަދަ ޕްލެޓްފޯމެއް ފަހިކޮށްދީ، ރާއްޖެއާއި ގަތަރާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެވިގެން ދިއުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

އުރީދޫން މި ގޭމިން މުބާރާތް ވަނީ ޔޫޓިއުބް ޗެނަލްއިން ލައިވްސްޓްރީމް ވެސް ކޮށްފަ އެވެ.

އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މި މުބާރާތުގެ އިނާމަކަށް ހުށަހަޅާފައި ވަނީ 1،919 ޑޮލަރު (29،590ރ.) އެވެ.