Roadha Mihaaru
"ބޭރުގައި ތިބި ދަރިވަރުންގެ ހާލަތު އެބަ ބަލަން"

ބޭރުގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު މިދަނީ ބަލަމުން: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

26 ޖެނުއަރީ 2020

ހަލުވިކަމާ އެކު ފެތުރެމުންދާ ވުހާން ވައިރަސްއާ ގުޅިގެން، ރާއްޖެ އިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހަލުވިކަމާ އެކު ފެތުރެމުންދާ ވުހާން ވައިރަސްއާ ގުޅިގެން، ރާއްޖެ އިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޗައިނާގެ ވުހާން ސިޓީން ފެނުނު އެ ވައިރަސްގައި އެތައް ބަޔަކު މަރުވެފައިވާއިރު، ގިނަ ބައެއްގެ ގައިން އެ ވައިރަސް ވަނީ ފެނިފަ އެވެ. އެކަމާ ގުޅިގެން ވުހާން ސިޓީ ވަނީ ބަންދުކޮށްފަ އެވެ. ޗައިނާގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް އެ ވައިރަސް މިހާރު ވަނީ ފެނިފަ އެވެ.

މިކަމާ ގުޅިގެން، ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ވައިރަސް ފެތުރެން ފެށުމާ އެކު، އެ މިނިސްޓްރީގެ ލޯނާއި ސްކޮލާޝިޕްގެ ދަށުން ރާއްޖެ އިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި ޗައިނާގައި މި ވަގުތު ދިވެހި 50 ދަރިވަރަކު ކިޔަވަމުންދާ ކަމަށާއި އެ އެންމެންގެ ހާލަތު ވެސް ބަލާފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، ޗައިނާގައި މިހާރު ތިބި ހުރިހާ ދަރިވަރުން ވެސް ފޮރިން މިނިސްޓްރީން އެދިފައިވާ ގޮތަށް، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓަރީ ވުމަކީ އެ މިނިސްޓްރީގެ އެދުމެކެވެ. އަދި ޗައިނާގައި ތިބި ބޭރު ގައުމުތަކުގެ ކިޔަވާ ކުދިންނަށް އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދީފައިވާ ކަމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ، ކޮރޯނާ ވައިރަސް ނުވަތަ ވުހާން ވައިރަސް އެކި ގައުމުތަކުގައި ވެސް ފެތުރެމުން ދާއިރު، ހުރިހާ ދަރިވަރުން ވެސް އެމްބަސީތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން އެދޭ ކަމަށެވެ.

ވައިރަސްގެ ސަބަބުން ބަންދު ކޮށްފައިވާ ވުހާން ސިޓީގައި ހަ ދިވެއްސަކު މިހާރު އެބަތިއްބެވެ. އެ މީހުންނަށް މާލީގޮތުން އެހީތެރިކަން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.