Roadha Mihaaru
"އިމްރާންގެ ޓްވީޓުން ތަފާތު ކުރުން އޮންނަކަން ހާމަވޭ"

އިމްރާންގެ ޓްވީޓުން ޖަލުގައި ތަފާތު ކުރުން އޮންނަ ކަން ހާމަވޭ: ޝަހީމް

26 ޖެނުއަރީ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓުން ޖަލުގައި ތަފާތު ކުރުން އޮންނަކަން ދޭހަކޮށްދޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓުން ޖަލުގައި ތަފާތު ކުރުން އޮންނަކަން ދޭހަކޮށްދޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނަށް ޖަލުގައި އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެހިފައި ނެތް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ޔާމީން ޖަލުގައި ހުންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވި ގޮޅި އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް ފަހު އެ ތަނުގައި ކަމަށެވެ.

ޝަހީމް ހިތްހަމަޖެހިވަޑައިނުގަތީ، އިމްރާންގެ ޓްވީޓްގައި ނަޝީދާއި މައުމޫންގެ ނަންފުޅުގެ ކުރިއަށް ރައީސް ބޭނުން ކުރެއްވިޔަސް، ޔާމީންގެ ނަންފުޅުގެ ކުރިއަށް ރައީސް ނުޖެއްސެވުމުންނެވެ. އިމްރާންގެ ޓްވީޓްގައި ޔާމީނަށް މުޚާތަބު ކުރެއްވީ "މއ. ކާމިނީ ހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް" ގެ ނަމުންނެވެ. އެކަމާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީނަކީ ވެސް ކުރީގެ ރައީސެއް ކަމަށާއި އެހެންވެ، އެމަނިކުފާނުގެ ނަންފުޅުގެ ކުރިއަށް ރައީސް ބޭނުން ކުރައްވާފައި ނެތީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.

ޝަހީމްގެ ޓްވީޓަށް ބައެއް މީހުން ދިން ރައްދުގެ ޖަވާބުގައި އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ޖަލުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުންނެވި ވަޒީރު ތިން ރައީސަކާ މެދު މުޚާތަބު ކުރިގޮތުން ޖަލުގައި ތަފާތު ކުރުން އޮންނަ ކަން ދޭހަކޮށްދޭ ކަމަށެވެ. އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޝަހީމް ވިދާޅުވީ، ކުރީގެ ރައީސްގެ ލަގަބު ޔާމީނަށް ވެސް އޮންނާނެ ކަމަށާއި އެމަނިކުފާނަށް ހުކުމް ކޮށްފައި ވަނީ ބޭ އިންސާފުން ކަމަށެވެ.

ޝަހީމްގެ ޓްވީޓް

ޝަހީމްގެ ޓްވީޓް

ޖަލުގައި ޔާމީނަށް އެކަށީގެންވާ ޚިދުމަތްތައް ނުލިބޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގާނޫނުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ގައިދީންނަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް ޔާމީނަށް ވެސް ދެމުން ގެންދާ ކަމަށެވެ. އަދި އެކަންކަމާ ގުޅޭ އެއްވެސް ޝަކުވާއެއް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވެސް ހުށަހަޅުއްވާފައި ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އަދި އެ މައްސަލާގެ ޝަރީއަތް އަންނަ އަންގާރަ ދުވަހު ފަށަން އެ ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.