Roadha Mihaaru
ދެ ގައުމެއްގައި އުޅޭ ދިވެހިން ރަޖިސްޓްރީވާން އެދެފި

މެލޭޝިއާ އާއި އިންޑިއާގައި ތިބި ދިވެހިން އެމްބަސީގައި ރަޖިސްޓްރީވާން އެދެފި

26 ޖެނުއަރީ 2020

ހަލުވިކަމާ އެކު ފެތުރެން ފެށި ކޮރޯނާވައިރަސް ނުވަތަ ވުހާން ވައިރަސްއާ ގުޅިގެން، އިންޑިއާ އާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހިން އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ވާން މިއަދު އަންގައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހަލުވިކަމާ އެކު ފެތުރެން ފެށި ކޮރޯނާވައިރަސް ނުވަތަ ވުހާން ވައިރަސްއާ ގުޅިގެން، އިންޑިއާ އާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހިން އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ވާން މިއަދު އަންގައިފި އެވެ.

ޗައިނާގެ ވުހާންގައި ފެތުރެން ފެށި މި ވައިރަސްއާ ގުޅިގެން މިހާތަނަށް 40 މީހުން ވަނީ މަރުވެފަ އެވެ. ފަރުވާއެއް ހޯދިފައި ނުވާ މި ބައްޔަށް އެކި ގައުމުތަކުން 1،700 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. މިދިޔަ ހަފްތާ ބަންދަކީ ޗައިނީސް އާ އަހަރު ކަމަށް ވުމުން، އެ ގައުމުގެ އެތެރޭގެ އަދި ގައުމުން ބޭރަށް މީހުން ކުރާ ދަތުރުކުރާ މީހުންގެ އަދަދު އިތުރުވި އެވެ. ގައިންގަޔަށް ފަސޭހަކަމާ އެކު ވާރަތުވާ މި ވައިރަސް އެހެންކަމުން ދަނީ ބާރު ސްޕީޑުގައި ފެތުރެމުންނެވެ.

މެލޭޝިއާގައި ހުންނަ ރާއްޖެ އެމްބަސީން ކުރި ޓްވީޓެއް

މެލޭޝިއާ އެމްބަސީ އާއި އިންޑިއާ އެމްބަސީން ޓްވިޓާ މެދުވެރިކޮށް އެދިފައި ވަނީ، އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން އެ ގައުމުގައި ހުރި ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ވާށެވެ. މެލޭޝިއާ އެމްބަސީގެ ހޮޓްލައިން 60126557895+ އަށް ގުޅުމުން އެތަނުގެ ކޮންސިއުލާ ހިދުމަތްތައް ލިބޭނެ ކަމަށް އެމްބަސީން ބުންޏެވެ. އިންޑިއާގެ އެމްބަސީން އެދުނީ، އެ މީހެއްގެ ނަމާއި އެ މީހަކު ދިރިއުޅޭ ސިޓީ އަދި އިމަޖެންސީ ހާލަތެއްގައި ގުޅޭނެ އާއިލާ މީހެއްގެ ނަންބަރު ވެސް އިންޑިއާ އެމްބަސީއާ ހިއްސާ ކުރާށެވެ.

ޖަޕާނު އެމްބަސީން ވެސް ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިން، އެމްބަސީގައި ރަޖިސްޓްރީ ވާން މިއަދު އެދިފަ އެވެ. އަދި ވުހާން ވައިރަސް އިން ރައްކާތެރިވާން ކުރެވޭނެ ކަންތައްތަކަށް ސަމާލުކަން ބަހައްޓާ، ވައިރަސް ޖެހުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެދިފައި ވެ އެވެ.

ބާރު ސްޕީޑުގައި އޭޝިއާގެ ގައުމުތަކުގައި ފެތުރެމުންދާ ވުހާން ވައިރަސް މެލޭޝިއާ އިން އިއްޔެ ފެނުނު ނަމަވެސް، މި ބަލިި އަދި އިންޑިއާ އަކުން ނުފެނެ އެވެ. ނަމަވެސް މި ބައްޔަށް ޝައްކުކުރެވޭ 11 މީހަކު ތިބި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.