Roadha Mihaaru
ޗައިނާގެ ލޮލުގެ ސެންޓަރަށް ވަރަށް ބާރު ބޮޑު!

ޗައިނާގެ ލޮލުގެ ސެންޓަރަށް ވަރަށް ބާރު ބޮޑު، އެޕޮއިންޓްމަންޓަށް އެދި 900 އަށް ވުރެ ގިނަ މީހުން!

19 ޖެނުއަރީ 2020

ހުޅުމާލޭ ހޮސްޕިޓަލުގައި ޗައިނާ ސަރުކާރުން ގާއިމް ކޮށްދިން ލޮލުގެ ފަރުވާދޭ ސެންޓަރުގެ ޚިދުމަތް ފެށިތާ 10 ވަރަކަށް ދުވަސްވީއިރު، ޑޮކްޓަރުގެ އެޕޮއިންޓްމަންޓަށް އެދި 900 އަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭ ހޮސްޕިޓަލުގައި ޗައިނާ ސަރުކާރުން ގާއިމް ކޮށްދިން ލޮލުގެ ފަރުވާދޭ ސެންޓަރުގެ ޚިދުމަތް ފެށިތާ 10 ވަރަކަށް ދުވަސްވީއިރު، ޑޮކްޓަރުގެ އެޕޮއިންޓްމަންޓަށް އެދި 900 އަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެ އެވެ.

ސަފީރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޑރ. އެންޑީ އަބްދުﷲ އަބްދުލް ހަކީމްގެ ނަން ދީފައިވާ އެ ސެންޓަރުން މިހާތަނަށް 1،000 މީހުން ސްކްރީން ކޮށްފައިވާ ކަމަށެވެ. އަދި 94 އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް، ލޮލުގެ ސެންޓަރު ހިންގުމުގައި އިސްކޮށް ހުންނެވި ޑރ. ޗެން ވެއިރޮންގްގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ލޮލުގެ ސެންޓަރުގައި މަސައްކަތް ކުރާނެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް މިހާރު ވެސް އަންނީ ދެމުންނެވެ. އޭނާ ކުރިން ވިދާޅުވެފައި ވަނީ ލޮލުގެ ފަރުވާ ދިނުމާއި އެތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގަައި ބޭނުން ކުރާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޓެކްނޮލޮޖީ ކަމަށެވެ.

ޗައިނާ އިން 11 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރި ލޮލުގެ ސެންޓަރު ރަސްމީކޮށް ހުޅުވީ މިދިޔަ ހޯމަ ދުވަހެވެ. ނަމަވެސް މި މަހުގެ އަށް ވަނަ ދުވަހު އެ ތަނުގެ ޚިދުމަތް ވަނީ ފަށައިފަ އެވެ. އެ ދުވަހު އެކަނި ވެސް 30 އޮޕަރޭޝަން ކުރި އެވެ.

ސެންޓަރުން ފަރުވާދޭ ބަލިތަކުގެ ތެރޭގައި ލޯފުސްވުން، ގުލުކޯމާ، އޮސްކިއުލާ ސާފޭސް ޑިޒީޒް ފަދަ ބަލިތައް ހިމެނެ އެވެ.

ލޮލުގެ ސެންޓަރުގައި އިސްވެ މަސައްކަތް ކުރައްވާ ޗައިނާގެ ޑރ. ޗެން ވެއިރޮންގް އަކީ މިދިޔަ 30 އަހަރު، ލޮލުގެ ފަރުވާ ދިނުމުގައި އުޅުއްވާފައިވާ އަދި އެ ދާއިރާގެ މަޝްހޫރު ޑޮކްޓަރެކެވެ. ލޮލުގެ 100،000 އަށް ވުރެ ގިނަ އޮޕަރޭޝަން އޭނާ ވަނީ ކޮށްފައި ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެ އެވެ.