Roadha Mihaaru
ޗައިނާ އިން ހަދިޔާކުރި ތަކެތީގެ ފުރަތަމަ ބެޗް ގެނެސްފި

ކޮވިޑް-19: ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ފުރަތަމަ ޝިޕްމެންޓް ގެނެސްފި

27 މާޗް 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖެ އިން އަޅާ ފިޔަވަޅުތަކަށް އެހީތެރިވުމަށް ޗައިނާ އިން ހަދިޔާކުރާ އިމަޖެންސީ ސާމާނުގެ ފުރަތަމަ ޝިޕްމަންޓް ގެނެސްފައިވާ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޒާން ލިޒޯން މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖެ އިން އަޅާ ފިޔަވަޅުތަކަށް އެހީތެރިވުމަށް ޗައިނާ އިން ހަދިޔާކުރާ އިމަޖެންސީ ސާމާނުގެ ފުރަތަމަ ޝިޕްމަންޓް ގެނެސްފައިވާ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޒާން ލިޒޯން މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު އުފަންވި މި ބަލި މިހާރު ވަނީ މުޅި ދުނިިޔެ އަށް ފެތުރިފަ އެވެ. މި ބަލިން ސަލާމަތްވުމަށްޓަކައި ޗައިނާ އިން އަންނަނީ އެކި ގައުމުތަކަށް އެހީ ވަމުންނެވެ.

ޗައިނާ ސަފީރު މިއަދު ކުރި ޓްވީޓެއް

ޗައިނާގެ ސަފީރު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އެކު މި މަހު 15 ގައި ބޭއްވި ބައްދަލުވުމަށްކަށް ފަހު، ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރާނެ ތަކެތީގެ ތަފްސީލީ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މި ތަކެތި ގެނައުމުގައި ލަސްތަކެއް ދިމާވެގެން އުޅެނީ، މި ބަލީގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް އައި ބަދަލުތަކާ އެކު ކަމަށް މިނިސްޓަރު ޝާހިދު މި ހަފްތާގައި ވިދާޅުވި އެވެ. އަދި ރާއްޖެއަށް ގެންނަން ކަނޑައަޅާފައި ހުރި ތަކެތި ހުރީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާ އިން ފޮނުވި ތަކެތި ކްލިއާކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ވަނީ ބައިވެރިވެފަ އެވެ. ރާއްޖެ އަށް ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި އެކި ބާވަތުގެ ބޭހާއި އިމަޖަންސީ ހާލަތެއްގައި ބޭނުންވާ ތަކެތި ހިމެނެ އެވެ.

ކޮރޯނާވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވި 13 މީހުން (ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީން/ ޓޫރިސްޓުން) ގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. ނަމަވެސް މި ބަލި ހަލުވި ކަމާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި އަދިވެސް ފެތުރެމުންދާތީ، މިކަމާ މެދު އަޅަމުންދާ ފިޔަވަޅުތައް އަދިވެސް ދަމަހައްޓަން ޖެހޭނެ ކަމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންޏެވެ.