Roadha Mihaaru
ވެކްސިނާ ދެކޮޅު ނަމަ އެޅޭނެ ފިޔަވަޅު ބަލާނަން: ޕީޖީ

ވެކްސިން ދިނުމާ ދެކޮޅު މީހުންނަށް މިވަގުތު އެޅޭނެ ފިޔަވަޅުތައް ބަލާނަން: ޕީޖީ

15 ޖެނުއަރީ 2020

ކުޑަކުދިންނަށް ވެކްސިން ނުދޭ މީހުންނާ މެދު ގާނޫނީ ގޮތުން މިވަގުތު އެޅެން ހުރި ފިޔަވަޅުތައް ބައްލަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުދިންނަށް ވެކްސިން ނުދޭ މީހުންނާ މެދު ގާނޫނީ ގޮތުން މިވަގުތު އެޅެން ހުރި ފިޔަވަޅުތައް ބައްލަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން ބަލިތަކުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ދިނުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމް ކަމެކެވެ. އަދި އެކަންކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭ ގޮތަށް ވެސް އެ ގާނޫނުގައި ހިމަނާފައިވެ އެވެ. އެކަމަކު އެ ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ މަހު އެވެ.

ވެކްސިން ދިނުމާ ދެކޮޅު ފަރާތްތަކަށް އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމާ ބެހޭގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަހުމަދު ޖަމްޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު އޮތްގޮތުން އެ ގާނޫނަށް އަމަލު ކުރަން ފެށޭނީ އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެކަމަކު ގާނޫނީ ގޮތުން އެކަމަށް އެޅެންހުރި އެހެން ފިޔަވަޅުތައް ބައްލަވާނެ ކަމަށް ވެސް ޝަމީމްގެ ޓްވީޓްގައިވެ އެވެ.

ޝަމީމްގެ ޓްވީޓް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން ސިއްހީ ގޮތުން ކުއްޖާ ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވުމުގެ ސަބަބުން ކުއްޖަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އެއީ ތިން އަހަރަށް ޖަލަށް ލެވޭނެ ކުށެކެވެ. އަދި އެ ނޫނަސް، އެ ކުއްޖާއާ މެދު މައިންބަފައިން ނުވަތަ ބެލެނިވެރިންގެ މައްޗަށް އޮތް ޒިންމާއަކާ ޚިލާފަށް އަމަލުކޮށްފި ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރެވިދާނެ ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.

ކުޑަކުދިންނަށް ވެކްސިން ނުދިނުމުގެ ބައެއް މައްސަލަތައް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. ރާއްޖެއިން ދާދިފަހުން ފުރަތަމަ ފަހަރަށް ހިމަބިހި ފެނުނީ ވެސް ވެކްސިން ނުދީ ހުރި ތިން އަހަރުގެ ކުއްޖެއްގެ ގައިންނެވެ.