Roadha Mihaaru
އެޗްއައިވީ ވެކްސިން ޓެސްޓްކުރަން ފަށަނީ

ކޮވިޑް ވެކްސިންގެ ޓެކްނޮލޮޖީން ހެދި އެޗްއައިވީ ވެކްސިން ޓެސްޓްކުރަން ފަށަނީ

21 އެޕްރީލް 2021

މިހާތަނަށް ސީދާ ކަށަވަރު ވަކި ފަރުވާއެއް ހޯދިފައި ނުވާ އެއިޑްސް ޖައްސާ އެޗްއައިވީއާ ދެކޮޅަށް، ކޮވިޑް ވެކްސިންގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރި ވެކްސިންތަކެއް ޓެސްޓްކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް ސީދާ ކަށަވަރު ވަކި ފަރުވާއެއް ހޯދިފައި ނުވާ އެއިޑްސް ޖައްސާ އެޗްއައިވީއާ ދެކޮޅަށް، ކޮވިޑް ވެކްސިންގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރި ވެކްސިންތަކެއް ޓެސްޓްކުރަން ތައްޔާރުވެއްޖެ އެވެ.

މި ވެކްސިންތަކަކީ މިހާރު މުޅި ދުނިޔެ ތަޖުރިބާކުރަމުންދާ ކޮވިޑް-19 އަށް އުފެއްދި ވެކްސިންތައް އުފައްދަން ބޭނުންކުރި ޓެކްނޮލޮޖީ އާއި އެ މަސައްކަތު ތަޖުރިބާގެ އަލީގައި އުދައްދާފައިވާ ދެ ވެކްސިނެވެ. ދެ ވެކްސިންގެ ތެރެއިން އެއް ވެކްސިންގެ ފަހަތުގައި ތިބީ އޮކްސްފޯޑް-އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން އުފެއްދި އޮކްސްފޯޑް ޔުނިވަސިޓީގެ ޖެނާ އިންސްޓިޓުޓެވެ. އަނެއް ވެކްސިނަކީ އެމެރިކާގެ މޮޑާނާ އާއި ސްކްރިޕްސް ރިސާޗް ގުޅިގެން އުފައްދާފައިވާ ވެކްސިނެވެ.

ދެ ތަނުގެ ވެކްސިންތަކަށް ބަލާއިރު އޮކްސްފޯޑްގެ ސައިންސްވެރިންގެ ޓީމްގެ އެޗްއައިވީ ވެކްސިނަކީ ޗިމްޕެންޒީ އަށް ޖެހޭ އަރިދަފުސް ރޯގާގެ ވައިރަސް ކަމަށްވާ އެޑެނޯވައިރަސް މޮޑިފައިކޮށްގެން އުފައްދާފައިވާ އެއްޗެކެވެ. މޮޑާނާގެ ވެކްސިނަކީ މެސެންޖާ ރައިބޯނިއިކްލިއޭކް އެސިޑް (އެމްއާރްއެންއޭ) އަށް ބިނާކޮށްފައިވާ ވެކްސިނެކެވެ.

ދެ ދެ މެތަޑަކީ ވެސް މިދިޔަ އަހަރު ކޮވިޑްގެ ވެކްސިންގެ ތެރެއިން އިންސާނުންނަށް ދީގެން ކާމިޔާބު ޓްރައިލްތަކެއް ކުރިއަށް ގެންދެވި އޭގެ ސަބަބުން އިންސާނުންގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭކަން ކަށަވަރުވެފައިވާ ދެ ގޮތެވެ.

އެހެންވެ ސައިންސްވެރިންގެ އުންމީދަކީ އެޗްއައިވީ ވެކްސިން ވެސް އެ ދެ ގޮތުން ކާމިޔާބުކުރެވޭނެ ކަމަށެވެ. އޮކްސްފޯޑް ޓީމުން އެ މީހުންގެ ވެކްސިން މި މަހުގެ ތެރޭގައި ޓެސްޓްކުރަން ފަށާ އިރު އެއިޑް ބައްޔަށް ފަރުވާ ހޯދާ 18-50 އަހަރާ ދެމެދުގެ މީހުން އެކަމަށް ބޭނުންކުރާނެ އެވެ. ޓެސްޓްގެ ފުރަތަމަ ފޭސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތާއި ކެންޔާ، ޔުގެންޑާ އަދި ޒެމްބިއާ އެވެ.

މޮޑާނާގެ އެޗްއައިވީ ޓެސްޓްކުރަން ފަށާނީ މި އަހަރުގެ ފަހުކޮޅު އެވެ.

އެޗްއައިވީ ވެކްސިން ޓެސްޓްކުރާ އިރު އެފްރިކާ ބައްރުގެ ގައުމުތަކަށް އިސްކަން ދޭނެ އެވެ. ސަބަބަކީ އެއިޑްސް ބަލީގެ މީހުންނާއި ކުޑަކުދިން ގިނަވުމެވެ. އެހެންވެ ވެކްސިންގެ ނަތީޖާ އިން އެފަދަ މީހުންނަށް އާދައިގެ ދިރިއުޅުމެއް ހޯދައި ދިނުމަކީ އެންމެ ބޮޑު މަގުސަދެވެ.

އެޗްއައިވީ ވެކްސިން އުފެއްދި ޓީމްތަކުން ބުނެފައިވާ ކޮވިޑް ކޮވިޑް ވެކްސިން ކާމިޔާބު އެއްޗަކަށް ވިޔަސް އެޗްއައިވީ ވެކްސިނާ މެދު 100 ޕަސަންޓް ދިނުމަކީ އަދި ގޮންޖެހުމަކަށް ވާނެ އެވެ. ސަބަބަކީ އެ ބައްޔަކީ ދިގު މުއްދަތަކަށް ފަރުވާކުރަން ޖެހޭ، އަދި ބަލީގެ ގޮތުން ޑީއެންއޭ އަށް ވެސް ގުޑުން އަރުވާ ބައްޔަކަށްވާތީ ވެކްސިނާ އެކު ބަލިން ދާއިމީކޮށް ފަސޭހަވުމަށް ހުރަސްތަކެއް ހުރެދާނެތީ އެވެ.

"އެންމެ ބޮޑު ސަބަބަކީ އެޗްއައިވީ ވައިރަހާ އެކު އިންސާނާގެ ހަށިގަނޑު މަދުވެގެން އަށްޑިހަ ހާސް ވައިރަހުގެ ވޭރިއަންޓްތަކާ ހަނގުރާމަކުރަން ޖެހޭތީ،" އޮކްސްފޯޑްގެ ޕްރޮފެސަރު ޓޯމަސް ހާންކީ ވިދާޅުވި އެވެ. "އަހަރެމެންގެ ވެކްސިން އަކީ ޓީ ސެލްސްއާ ދެކޮޅަށް މަސައްކަތްކުރާނެ ވެކްސިނަކަށް ވާނެ. އޭގެ ސަބަބުން އެހެން ވައިރަސްތަކުގެ ސެލްތައް ހަލާކުކޮށްލުމުގެ ފުރުސަަތު އޮންނާނެ."

ޓޯމަސް ވިދާޅުވި ގޮތުގައި އެޗްއައިވީ ވެކްސިންތަކާ ދޭތެެރޭ ދެކެން ޖެހެނީ އުންމީދީ ނަޒަރަކުންނެވެ. އެހެންވެ ޓެސްޓްތައް ފެށުމާ އެކު، ހިތްހަމަޖައްސައިލެވޭ ވަރުގެ ނަތީޖާއެއް ލިބޭނެކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ އެބަ އުންމީދުކުރެވޭ މި އަހަރުގެ އޮގަސްޓް ހިސާބުގައި އަހަރެމެންގެ ވެކްސިނަކީ އެޗްއައިވީ އަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރަން ފެށޭނެ އެއްޗެއް ކަމަށް." އޭނާ ވިދާޅުވި އެވެ.

މޮޑަނާ އާއި ސްކްރިޕްސް އިން ބުނީ އެ މީހުންގެ ވެކްސިނަކީ މިހާތަނަށް ހެދި ޓްރައިލްތަކަށް ބަލާ އިރު 97 ޕަސަންޓް ގެރެންޓީއެއް އޮތް އެއްޗެއް ކަމަށެވެ.

"އަހަރެމެންގެ ވެކްސިނަކީ އެއިޑްސް ބައްޔާ ދެކޮޅަށް ގެނެވޭ އިންގިލާބީ ބަދަލަކަށް ވާނެ." މޮޑަނާގެ ޔޫރަޕިއަން ހެޑް ޑޭން ސްޓޭނާ ވިދާޅުވި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ދުނިޔެއިން އެއިޑްސް ބަލި 1981 ގައި ފެނުނު ފަހުން މިހާތަނަށް އެ ބަލީގައި މިހާތަނަށް 32 މިލިއަން މީހުން މަރުވެފައިވެ އެވެ. އަދި ބަލީގެ މީހުންގެ އަދަދު މިހާރު 38 މިލިއަނަށް އަރަ އެވެ.