Roadha Mihaaru
ހާއްޔަށް އެހެން ބަޔަކު ބިސްއަޅާނެ ކަމެއްނެތް: ނަޝީދު

އެމްޑީޕީގެ ހާއްޔަށް އެހެން ބަޔަކު ބިސް އަޅާނެ ކަމެއް ނެތް: ނަޝީދު

14 ޖެނުއަރީ 2020

މިއީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި އެ ހާއްޔަށް އެހެން ބަޔަކަށް ބިހެއް ނޭޅޭނެ ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިއީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި އެ ހާއްޔަށް އެހެން ބަޔަކަށް ބިހެއް ނޭޅޭނެ ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕިން، ތިލަދުއްމައްޗަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން، ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެހެން ބަޔަކަށް ހިންގަން އެނގޭނެ ނިޒާމެއް ނޫން ކަމަށެވެ. އެއީ އެމްޑީޕީގެ ނިޒާމެއް ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަޑުބަޑުކުރި ލާމަރުކަޒީ ނިޒާމް، އެމްޑީޕީން ވައުދުވި ގޮތަށް އަލުން އަނބުރާ އިއާދަކޮށްދީފައިވާ ކަމަށެވެ. އެންމެ ކުޑަ އުޖޫރަ އާއި ވަޒީފާ ހޯދާ މީހުންނަށް އިނާޔަތަކާއި ރިސޯޓު މުވައްޒަފުންގެ ސާވިސް ޗާޖާއި ޓިޕްސް ގަވައިދުން އޮންނަ އުސޫލުން ލިބެމުންދާންޖެހޭނެ ކަމަށް އެމްޑީޕީން ވައުދުވެފައިވާ ކަމަށެވެ.

އެ ވައުދުތައް ފުއްދުމަށް އެންމެ ފުރަތަމަ އަޅަންޖެހޭ ބިންގަލަކީ، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި ގޮތުގައި، ޝަރުއީ ނިޒާމް އިސްލާހުކުރުމެވެ. އެހެން ނޫންނަމަ އެކަން ނުކޮށް ހަދާ ގާނޫނު، އޭގެ އަނެއް ދުވަހު ބާތިލްކުރާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުމެންނަށް މަޖުބޫރުވީ ފުރަތަމަ ކުރަންޖެހޭ ކަންކަން ފުރަތަމަ ކުރުމަށް. އަޅުގަނޑުމެން ބުނަމުން މި އަންނަނީ ވަކި ހާއްސަ ހާލަތެއްގައި ވަކި ގޮތަކަށް ކުރުމޭ ތަރައްގީ އަކީ. މިއަދު ނާޖާއިޒް ފައިދާ ނެގުމަށް އަދި އަޅުގަނޑުމެންގެ ހާއްޔަށް ބިސް އެޅުމަށްޓަކައި އެބަ ބުނޭ ކޮބައިތޯއޭ ރިސޯޓު މީހުންނަށް ދޭން ޖެހޭ ޓިޕްސް. ކޮބައިތޯއޭ ސާވިސް ޗާޖުގެ ކަންކަން،" ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

ރައީސަކަށް ހުންނެވީ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި މަޖިލީހުގެ ރައީސަކަށް ހުންނެވީ އެމަނިކުފާނު ކަމަށް ވާއިރު، އެމްޑީޕީ ބަލިކުރެވޭނެ ތަނެއް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަޑުބަޑުކުރި ލާމަރުކަޒީ ނިޒާމް، އެމްޑީޕީން ވައުދުވި ގޮތަށް އަލުން އަނބުރާ އިޔާދަ ކޮށްދީފައިވާ ކަމަށެވެ. އެންމެ ކުޑަ އުޖޫރަ އާއި ވަޒީފާ ހޯދާ މީހުންނަށް އިނާޔަތަކާއި ރިސޯޓު މުވައްޒަފުންގެ ސާވިސް ޗާޖާއި ޓިޕްސް ގަވައިދުން އޮންނަ އުސޫލުން ލިބެމުންދާންޖެހޭނެ ކަމަށް އެމްޑީޕީން ވައުދުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން ވައުދުވަނީ ތަންދޮރު އެނގިގެން ކަމަށެވެ. އެއީ ކިހިނެއް ކުރާ ކަންތައްތަކެއްކަން ވެސް ސާފުވެގެން ކަމަށާއި "އެހެނޭ ކިޔާފައި ކޮވެއްޔަށް ޖެހޭނީ ހަމަ ކާޅުގެ ހާއްޔަށް ބިސް އަޅަން" ކަމަށް ވިދާޅުވި އެވެ.

"އެސޮރު ނުދަނޭ އޭގެ ހާލި ހަދާކަށް. އެސޮރު އަބަދު ވެސް ދަސްކޮށްފައި ހުރީ އެހެން މީހެއްގެ ތެރެއަށް އެރިގަންނަން. އަމިއްލަ ކަމެއް ނުކުރަން. އެހެން މީހަކު ކުރި ކަމަކުން ނޫނިއްޔާ ތިމަންނައަށް ކަމެއް ނުވާނެ ގޮތަކަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑީޕީ

އެހެން ޕާޓީތަކަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ނިޒާމު ވެސް އެބޭފުޅުން އުޅެނީ އަދިވެސް އޮޅުން ނުފިލައިގެން ކަމަށެވެ. އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވަން ހަދާނެ ގޮތެއް ވެސް ނޭނގޭ ކަމަށާއި ތިމަންނަ ދަންނަ ގާތް ތިމާގެ މީހަކަށް ކެންޑިޑޭޓުކަން ދިނުން ނޫން ގޮތެއް ނެތްކަމަށް ވިދާޅުވި އެވެ. ޕްރައިމަރީއެއް ބާއްވައިގެން އިންސާފުވެރިކަމާ އެކު ކެންޑިޑޭޓުން ނެރެގެން އެމްޑީޕީއާ ވާދަކުރާކަށް އެ ޕާޓީތަކަށް ނާދެވޭނެ ކަމަށް ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ އެ ފެންވަރެއް ނެތް. އަޅުގަނޑުމެން މިކަން ކުރާނީ. ހަގީގަތުގައި އެ ބޭފުޅުން އެކަމުގައި ބައިވެރިވާނެ ކަމެއް ވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ.

"ބިސްއަޅާނީ ވެސް އަޅުގަނޑުމެން. ބިސް ފީކުރާނީ ވެސް އަޅުނޑުމެން. އެ ފިޔޮއް ނެރޭނީ ވެސް އަޅުގަނޑުމެންނޭ. އެ ކުކުޅު ކާނީ ވެސް އަޅުގަނޑުމެންނޭ،" ނަޝީދު ވިދާޅުވި އެވެ.