Roadha Mihaaru
ބާސްކެޓްބޯޅަ ލީގު ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

ބާސްކެޓްބޯޅަ ލީގު ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

04 އޮކްޓޯބަރ 2016

ފަހު މެޗުގައި ވާދަވެރި ރެޑްލައިން ކްލަބުގެ 74-70 ޕޮއިންޓުން ކުރި ހޯދައި 11 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކްލަބް ރޭ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފަހު މެޗުގައި ވާދަވެރި ރެޑްލައިން ކްލަބުގެ 74-70 ޕޮއިންޓުން ކުރި ހޯދައި 11 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކްލަބް ރޭ ހޯދައިފި އެވެ.

ދެ ޓީމަށް ވެސް އަށް މެޗުން 13 ޕޮއިންޓް ލިބުނުއިރު، ޓީރެކްސް އަށް ޗެމްޕިއަންކަން ކަށަވަރުވީ މެޗުތަކުގައި ހޯދި ޕޮއިންޓުުން ކުރި ލިބޭތީ އެވެ. ޓީރެކްސް އިން 714 ޕޮއިންޓް އެއްކޮށްފައިވާއިރު ރެޑްލައިން ހޯދާފައިވަނީ 700 ޕޮއިންޓެވެ. ބާރަ ޕޮއިންޓާ އެކު ލީގުގެ ތިން ވަނަ ހޯދީ ދަ ބައުސް އެވެ. ހަތަރު މަގާމް ލިބުނީ 10 ޕޮއިންޓާ އެކު ކުޑަހެންވޭރު ޔުނައިޓެޑަށެވެ. އަދި ފަސް ވަނަ އަށް ދިޔައީ ނުވަ ޕޮއިންޓް ހޯދި އެލްޓީ ސްޕޯޓްސް ކްލަބެވެ.

ފަހު މެޗުން ރޭ ރެޑްލައިނުގެ މައްޗަށް 70-74 ޕޮއިންޓުން ޓީރެކްސް ކުރި ހޯދިއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީރެކްސްގެ ރިކިން ޕެތާނީ އެވެ. އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ވެސް، 24 ޕޮއިންޓާ އެކު ޕެތާނީ އެވެ. ރެޑްލައިނަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 23 ޕޮއިންޓާ އެކު މުހައްމަދު ޒިލާލެވެ.

ޓީރެކްސްގެ ކުޅުންތެރިން ލީގުގެ ޓްރޮފީ އުފުލާލަނީ. --ފޮޓޯ: އެމްބީއޭ

ޓީރެކްސްގެ ކުޅުންތެރިން ލީގުގެ ޓްރޮފީ އުފުލާލަނީ. --ފޮޓޯ: އެމްބީއޭ

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިދިޔަ އަހަރުގެ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ ޓީރެކްސްގެ އިބްރާހިމް ރަޝްވާން (ޗިކު) އެވެ. އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔަކީ ރެޑްލައިނުގެ އަލެން ޓްރަޕަލޮވަޗެވެ. އޭނާ ޖުމްލަ 157 ޕޮއިންޓް ހޯދި އެވެ. މުބާރާތުގެ އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާގެ މަގާމަށް ޓީރެކްސްގެ ރިކިން ޕެތާނީ ހޮވުނުއިރު ބެސްޓް ޕޮއިންޓް ގާޑުގެ މަގާމް ލިބުނީ ރެޑްލައިނުގެ ޒިލާލަށެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑް ހާސިލްކުރީ ޓީރެކްސްގެ ކޯޗު އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިލްޔާސް އިބްރާހިމް (އިއްލަ) އެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށާއިރު މުބާރާތުގައި ވާދަކުރާނީ ލީގުގެ ގަދަ ހަތަރެެއް ކަމަށްވާ ޓީރެކްސް، ރެޑްލައިން، ބައުސް އަދި ކުޑަ ހެންވޭރެވެ. ތިން ސެމީ ފައިނަލުގެ އުސޫލުން ކުޅުމަށް ފަހު ކުޅޭ ގައުމީ ފައިނަލް މެޗު އޮންނާނީ މި މަހުގެ 8 ވަނަ ދުވަހުގެރެ އެވެ.