Roadha Mihaaru
އައްޑޫގައި ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފި!

އައްޑޫގެ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފި!

13 ޖެނުއަރީ 2020

އައްޑޫ މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފި އެވެ.

ވެކްސިން ނުޖަހައި ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަމަށް، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިއްޔެ ވިދާޅުވެފައިވާ ދަނޑިވަޅެއްގައި މި ވައްކަމުގެ ވާހަކައިން، ސިއްހީ ދާއިރާގެ ބައެއް މީހުންގެ ހިތުގައި ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.

"ވެކްސިން ނުޖަހާ ތިބި ކުދިންގެ ބުކްލެޓްގައި މިހާރު އެ ތައްގަނޑު ޖަހާފައި ހުރެދާނެ،" މި ވައްކަން ފަޅާއެރުމާ އެކު "މިހާރު"އާ ވާހަކަ ދެއްކެވި ޑޮކްޓަރަކު، ނުނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

މިދިއަ މަހެއްހާ ދުވަހުގެ ތެރޭގައި މަރަދޫފޭދޫގެ ދަމަނަވެށިން ތިން ފަހަރެއްގެ މަތިން ވަނީ ވައްކަންކޮށްފަ އެވެ. ވެކްސިން ޖެހިކަން އަންގައިދޭން ޖަހާ ތައްގަނޑުގެ އިތުރުން ރަސްމީ ލިޔެކިޔުންތައް ބަލަހައްޓާ ކޮމްޕިއުޓަރުގެ ސީޕީޔޫ ވެސް ވަނީ ވަގަށް ނަގައިފަ އެވެ.

ދަމަނަވެށި ހިންގެވުމާ ހަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު އިހުތިޝާމް ނަޖީބު "މިހާރު" އަށް ވިދާޅުވީ ވެކްސިން ތައްގަނޑާއި އޮފީހުގެ ރަސްމީ ތައްގަނޑާއި ރަސްމީ ލިޔުންތައް ހުރި ސީޕީޔޫގެ ބޭނުން ނާޖާއިޒު ގޮތުގައި ބަޔަކު ކޮށްފާނެ ކަމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަމަނަވެށިން ވައްކަންކުރި މައްސަލަ ފުރަތަމަ ރިޕޯޓްކުރީ މިދިޔަ މަހުގެ 26 ގައި ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އިހްތިޝާމް.

އިހްތިޝާމް.

"ވެކްސިން ޖެހިކަން އަންގައިދޭ ތައްގަނޑާއި ވެކްސިންގެ ކާޑްގެ ކޮޕީތަކާއި އަދި އޮފީހުގެ ރަސްމީ ހުރިހާ ލިޔެކިޔުންތަކެއް ހުރި ސީޕީޔޫ ވަގަށް ނަގާފައިވާތީ އެ އެއްޗެހީގެ ބޭނުން ބަޔަކު ނަހަމަ ގޮތުގައި ކޮށްފާނެ ކަމުގެ ބިރު އެބަ އޮތް. އަދި އެކަން ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް،" އިހްތިޝާމް ވިދާޅުވި އެވެ.

"އެހެންވެ އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް."

އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ ސީރިއަސްކަން ގުޅެނީ، ވެކްސިން ފުރިހަމަކޮށްފައި ނުވާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަމަށް ޑޮކްޓަރަކު ވިދާޅުވެފައިވާ ދަނޑިވަޅަކަށް ވާތީ އެވެ.

އިހުތިޝާމް ވިދާޅުވި ގޮތުގައި ކައިރިކައިރީގައި ތިން ފަހަރެއްގެ މަތިން ދަމަނަވެށި ފަޅާލައިގެން ކުރި ވައްކަމުގައި ކޮމްޕިއުޓަރެއްގެ މޮނީޓަރަކާއި ޕްރިންޓަރަކާއި ޓޫލް ބޮކްސްއަކާއި އޮފީހުގެ ވައްގަނޑުގައި އޮތް 1،800ރ. ހިމެނެ އެވެ. އެ ވައްކަން ކުރީ އޮފީހުގެ ކުޑަދޮރުތަކެއް ހަލާކުކޮށްލައިގެން ކަމަށް ވިދާޅުވި އެވެ.