Roadha Mihaaru
ވެކްސިން ނުދީ ވައްދާ ސްކޫލެއް އެބަހުރި: ޑރ.ފައިސަލް

ވެކްސިން ނުދީ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި އެބަހުރި: ޑރ. ފައިސަލް

12 ޖެނުއަރީ 2020

ވެކްސިން ނުޖަހައި ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަމަށް ވިދާޅުވެ އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވެކްސިން ނުޖަހައި ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަމަށް ވިދާޅުވެ އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ވެކްސިން ދިނުމަށް ބާރު އަޅުއްވައި ސޯޝަލްމީޑިއާގައި އާއްމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރައްވާ ފައިސަލް އެ ސްކޫލުގެ ވާހަކަ ވިދާޅުވީ ވެކްސިން ނުދޭ ކުޑަ އަންހެން ކުއްޖަކަށް ހިމަ ބިހި ޖެހިގެން މިދިޔަ ހަފުތާގައި ފަރުވާ ދީފައި ވަނިކޮށެވެ. ހިމަ ބިއްސަކީ ރާއްޖެ އިން ނައްތާލާފައިވާ ބައްޔެކެވެ.

ވެކްސިން ދިނުމާ ގުޅޭ ގޮތުން ފާޅުކުރާ ހިޔާލުތަކަށް ޖަވާބެއްގެ ގޮތުން ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެކްސިން ޖަހާފައި ތިބޭ ކުދިންނަށް ނުރައްކަލެއް ނެތް ކަމަށެވެ. އެ ކުދިންގެ ސަބަބުން އެހެން ކުދިން ނަށް ވެސް ނުރައްކަލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ނުޖަހައި ކުދިން ސްކޫލަށް ވެއްދުމެވެ. އެފަދަ ސްކޫލެއް އައްޑޫގައި ހިންގާ ކަމަށް ވިދާޅުވި ނަމަވެސް އެތަނުގެ ނަން އާއްމެއް ނުކުރައްވަ އެވެ.

"މާލޭގައި ވެސް އަދި އެހެން ރަށްރަށުގައި ވެސް އަޑިއަޑިން ވައްދާ. އެކަމަކު [އައްޑޫގެ] އެ ސްކޫލަކީ ގިނަ އަދަދެއްގެ ކުދިން ވެކްސިން ނުޖަހާ އުޅޭ ސްކޫލެއް،" ފައިސަލް ވިދާޅުވި އެވެ.

އޭނާގެ ވާހަކަ އަށް ތާއީދު ކުރެއްވި ޑރ. މުހައްމަދު އަލީ ވެސް ވިދާޅުވީ ވެކްސިން ނުޖަހައި ސްކޫލަށް ކުދިން ވެއްދުމަކީ ނުރައްކަލެއް ކަމަށެވެ. އަދި ވެކްސިން ޖެހުމާ ދެކޮޅަށް މަަސައްކަތް ކުރުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް އޭނާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ޑރ. ފައިސަލްގެ ޓުވީޓަށް ތާއީދު ކުރައްވައި ވެކްސިން ނުދޭ މައްސަލައިގައި ޑރ. މުހައްމަދު އަލީ ވެސް ކަންބޮޑުވުންފާޅުކުރައްވާފައި.

"މިކަން ހުއްޓުވުމަކީ ތިޔަ ބޭފުޅުންގެ ޒިންމާއެއް. މިކަން ހުއްޓުވާ،" ރައީސްް އިބްރާހީމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ޕޮލިސް ސާވިސް ޓެގް ކުރައްވައި ޑރ. މުހައްމަދު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ސްކޫލްތަކުން ގްރޭޑް އެކަކަށް ކުދިން ވައްދާ އިރު، އެ ކުދިން ވެކްސިން ޑޯޒުތައް ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރަން ޖެހެ އެވެ. ދެ ޑޮކްޓަރުންގެ ތުހުމަތާ ގުޅިގެން "މިހާރު"އިން ސުވާލު ދެންނެވުމުން އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަން ސިޓީ ކައުންސިލަށް މައުލޫމާތު ލިބިފައި ނެތް ކަމަށެވެ. އެފަދަ ސްކޫލެއް ހުރިކަން އެނގިއްޖެ ނަމަ އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގިފައެއް ނެތް އެފަދަ ސްކޫލެއް ހުރި ކަމެއް. އެކަމަކު ވަކި ވަކި ބައެއް ކުދިންނަށް ވެކްސިން ނުދޭކަން އެނގިގެން އަޅުގަނޑުމެން ހުންނާނެ ބެލެނިވެރިންނާ ވާހަ ދައްކައި، ވެކްސިން ދިނުމަށް ބާރު އަޅާފައި ވެސް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭން ނައްތާލައިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކޮށްފައިވާ ހިމަބިހި ރާއްޖޭން އަނެއްކާވެސް ފެނުމާ އެކު އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ބުނެ ބައެއް ޑޮކްޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ރާއްޖޭގައި ހިންގާ ގައުމީ ވެކްސިން ޕްރޮގްރާމްގެ ސަބަބުން ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލެވިފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިއުލާން ކުރީ ޖޫން 2017 ގަ އެވެ.

ނަމަވެސް ހިމަބިހި ޖެހިފައިވާ "މީހަކު" ރާއްޖެއިން ފެނިއްޖެ ކަމަށް، މިދިއަ ހަފުތާގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އާއްމުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިފައިވެ އެވެ.