Roadha Mihaaru
އޮންލައިންކޮށް ކިޔަވައިދިނުން އިތުރު ހަފުތާއަކަށް

މާލެ ސަރަހައްދުގެ ގްރޭޑް 6 އިން ދަށަށް އޮންލައިންކޮށް ކިޔަވައިދިނުން އިތުރު ހަފުތާއަކަށް

11 މާޗް 2021

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އަދިވެސް ކޮންޓްރޯލް ނުކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލުތަކުގެ ގްރޭޑް 6 އިން ދަށުގެ ދަރިވަރުންނަށް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވެސް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އަދިވެސް ކޮންޓްރޯލް ނުކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލުތަކުގެ ގްރޭޑް 6 އިން ދަށުގެ ދަރިވަރުންނަށް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވެސް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މާލެ ސަރަހައްދުގެ އެލްކޭޖީން ފެށިގެން ގްރޭޑު 6 އާ ހަމައަށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ. އެކަމަކު، އެންމެ ފަހުގެ ނިންމުމާ ޚިލާފަށް ގްރޭޑް 7 އިން 12 އާ ހަމައަށް ކިޔަވައިދޭނީ ސްކޫލުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުމަށް މިނިސްޓްރީން އަބަދު ވެސް ނިންމަނީ ދެ ހަފުތާއަށެވެ. އެ މުއްދަތަށްފަހު، ކިޔަވައިދޭނެ ގޮތެއް ނިންމަނީ ހާލަތު ރިއާޔަތްކުރުމަށް ފަހުގަ އެވެ. ނަމަވެސް މިނިސްޓްރީން މި ފަހަރު ނިންމާފައިވަނީ ކުރިއަށް އޮތް އެއް ހަފުތާގައި އޮންލައިންކޮށް ކިޔަވައިދިނުމަށެވެ.

ބަލީގެ ހާލަތު މާ ބޮޑަށް ގޯސްވުމުން މާލެ ސަރަހައްދުގެ ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ދެ ވަނަ ފަހަރަށް ސްކޫލު ބަންދުކުރިތާ މަހެއްވީ އެވެ. މި އަހަރު އެންމެ ފުރަތަމަ ބަންދުކުރީ ފައުންޑޭޝަނުން ފެށިގެން ގްރޭޑް 6އާ ހަމައަށެވެ. ނަމަވެސް ފަހުން އޮންލައިންކޮށް ކިޔަވައިދީފައިވަނީ ގްރޭޑް 8 އިން ފެށިގެން ދަށުގެ ދަރިވަރުންނަށެވެ.

މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް ގްރޭޑް 6 އިން ދަށުގެ ދަރިވަރުންނަށް މިދިޔަ އަހަރު ކިޔަވައިދީފައެއް ނުވެ އެވެ. އެހެންވެ، މިދިޔަ ޖެނުއަރީ 10 ގައި އަލުން ސްކޫލުތައް ހުޅުވުމަކީ، ދަށް ގްރޭޑުތަކުގެ ދަރިވަރުންނާއި ޓީޗަރުން ގާތްގަނޑަކަށް އަހަރެއް ފަހުން ބައްދަލުވި ފުރަތަމަ ދުވަހެވެ.