Roadha Mihaaru
ގްރޫޕަކުން މީހަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ

ގްރޫޕަކުން މީހަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ

10 ޖެނުއަރީ 2020

މާލޭ މަގުމަތީގައި ބޮޑު ގްރޫޕަކުން މީހަކަށް ހަމަލާދީ ބިންމައްޗަށް ވައްޓާލުމަށް ފަހު އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

މާލޭ މަގުމަތީގައި ބޮޑު ގްރޫޕަކުން މީހަކަށް ހަމަލާދީ ބިންމައްޗަށް ވައްޓާލުމަށް ފަހު އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ 45 ސިކުންތުގެ ވީޑިއޯ ފެށޭއިރު ފެންނަނީ މަގުމަތީ އިށީނދެ އިން މީހެއްގެ މޫނުމަތީގައި މީހަކު އަތުން ޖަހަނިކޮށެވެ. ހަމަލާ ދިން މީހާއާ އެކު އިތުރު ތިން މީހަކު ހުންނަ ތަން ފެނެ އެވެ. އެތަނުން އެކަކު، މަގުމަތީ ވެއްޓިފައި އިން މީހާގެ ބުރަކަށީގައި ކޮޅުފައިން ޖަހާ ވަގުތު ސައިކަލެއްގައި އައި ދެ މީހަކު ގޮސް މަގުމަތީ އިން މީހާގެ ގައިގައި ވަރަށް ބާރަށް ސައިކަލުން ޖައްސަ އެވެ.

ދެތިން ސިކުންތު ފަހުން ދެން ފެންނަނީ ދުވެފައި އައި ބަޔަކާއި ދެ ސައިކަލެއްގައި އައި ދެ މީހަކު ވެސް ހަމަލާ ދިނުމުގައި ބައިވެރިވާ ތަނެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެ ރޭ މެންދަމު 12:36 ގައި، ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް ސިލޯން ކުރިމަތީގައި ބަޔަކު މާރާމާރީއެއް ހިންގާތީ ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެތަނަށް ފުލުހުން ދިޔައިރު، މާރާމާރީ ހިންގި މީހުން އެތަނުން ގޮސްފައިވާ ކަމަށާއި މި މައްސަލާގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިއީ އެ މާރާމާރީގެ ވީޑިއޯ ކަމަށް ވަނީ އެނގިފަ އެވެ.

ގާތްގަނޑަށް ދިހަ ވަރަކަށް މީހުން ވެގެން، މަގުމަތީ އިން މީހާގެ ގައިގެ އެތަންމިތަނުގައި ކޮޅުފައިން ތަޅައި އަނިޔާކުރުމަށް ފަހު އެތަން ދޫކޮށް ދަނީ، ވީޑިއޯ އިން ފެންނަ ގޮތުގައި، ފުލުހުންގެ މީހަކު އަންނަ ތަން ފެނުމުންނެވެ. އެކަމަކު ފުލުހަކު ދިޔައިރު ވެސް ބައެއް މީހުން އޭނާއަށް އަނިޔާކުރި އެވެ. އަދި ސައިކަލްގައި ދަމުން ވެސް ގައިގައި ފައިން ޖަހާ ތަން ފެނެ އެވެ.

ފުލުސް މީހާ ގޮސް، މަގުމަތީގައި އޮތް މީހާ ނަގައި އެތަނުން ގެންދާތަން ފެނެ އެވެ. އަނިޔާ ލިބުނު މީހާ ވެސް ދަނީ ހިނގާލައިފަ އެވެ.

މިއީ ކޮން ކަމަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމެއް އަދި މާރާމާރީގައި އަނިޔާ ލިބުނީ ކާކަށް ކަމެއް އެނގޭ ގޮތެއް ނުވި އެވެ.

ބިރުވެރި މި ވީޑިއޯ އަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ މަގުމަތީގައި އަމާންކަމެއް އަދި ރައްކާތެރިކަމެއް ވެސް ނެތްކަން މި ވީޑިއޯ އިން ހާމަވާ ކަމަށެވެ.