03 ޖެނުއަރީ 2020
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 3-2 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ބޮޑު ލީޑަކާ އެކު މާޒިޔާ އިން ދެ ވަނަ ބުރުގެ މެޗުތައް ނިންމާލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 3-2 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ބޮޑު ލީޑަކާ އެކު މާޒިޔާ އިން ދެ ވަނަ ބުރުގެ މެޗުތައް ނިންމާލައިފި އެވެ.
މާޒިޔާ އިން ދެން ލީގުގެ ތިން ވަނަ ބުރުގެ މެޗުތަކާ ކުރިމަތިލާއިރު، އެ ޓީމު މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާ އަށް 16 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް މާދަމާރޭ ކުޅެން ޝެޑިއުލްކޮށްފައިވާ މެޗުގެ ތިން ޕޮއިންޓާ އެކު 15 މެޗުން 30 ޕޮއިންޓް ހަމަވާނެ އެވެ. އީގަލްސް މާދަމާރޭ ކުޅެންޖެހޭ މެޗު އޮތީ ވިކްޓްރީއާ ދެކޮޅަށެވެ. ވިކްޓްރީ ސަސްޕެންޑްކޮށްފައިވާތީ އެ ޓީމު ކުޅެން ޝެޑިއުލްކޮށްފައިވާ މެޗުތަކުން އިދިކޮޅު ޓީމުތައް މޮޅުވި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ މެޗުގައި އެއްކޮށް ޑޮމިނޭޓްކުރީ މާޒިޔާ އިން ކަމަށާއި ފުޓްބޯޅަ ކުޅެން އުޅެގެން ރަނގަޅަށް މަސައްކަތްކުރީ ވެސް އޭނާގެ ޓީމުން ކަމަށެވެ. އަދި ފޯކައިދޫން ޖެހި ދެ ގޯލަކީ މާޒިޔާ ފަހަތަށް އައި ދެ ބޯޅައެއްގައި ސަމާލުނުވެވި ތިބުމުން ވަން ދެ ގޯލު ކަމަށް ސެކުލޮސްކީ ބުންޏެވެ.
މާޒިޔާ އިން މި މެޗަށް ނުކުތީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑުވެފައިވާ ހުސެއިން ނިހާން (ނިހާޓް) އާއި މޫސާ ޔާމިން (ޔާމްބެ) ނުލަ އެވެ. މީގެ ތެރެއިން ޔާމްބެ އަކީ ފަހަކަށް އައިސް ހުރިހާ މެޗެއްގައި ކުޅެމުން އައި ކުޅުންތެރިޔެކެވެ. ލީގުގެ ފުރަތަމަ ބުރުގައި ފޯކައިދޫން ވަނީ މާޒިޔާ ހިފަަހައްޓައިފަ އެވެ. އެ މެޗުގައި ފޯކައިދޫ އަށް ރަނގަޅު ކުޅުމެއް ދެއްކި އެ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު ޖައިލަމް (އޮގީ) އަށް ވަނީ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަަބަބުން ސީޒަަން ނިމިފަ އެވެ.
މިރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި މާޒިޔާ އަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ފޯކައިދޫގެ އޮފްސައިޑް މަޅިން ސަލާމަތްވެ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ހުސްކޮށްލާފައި އެ ޓީމަށް ކުޅޭ ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ޖައްސާލި ބޯޅަ ބާރުވުމުން ބޭނުންކުރެވޭ ގޮތެއްނުވި އެވެ.
މާޒިޔާ އިން ލީޑުނެގީ މެޗުގެ 15 ވަނަ މިނިޓްގައި ކޯނޭ ޖެހި ހިތްގައިމު ގޯލުންނެވެ. އޭރިއާބޭރުން ކޯނޭ ޖެހި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވީ ފޯކައިދޫގެ ގޯލުގައި ހުރި ޕާކިސްތާނުގެ ކީޕަރު ހަނީފް ސާގިބު އަތުގައި އަތްމަތިން ގޮހެވެ.
މާޒިޔާގެ ދާދު ފޮނުވާލީ ބޯޅައެއް ހުއްޓުވަން ފޯކައިދޫގެ ރުހާމް މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުރަތަމަ ހާފުގައި ފޯކައިދޫން ވެސް ވަނީ ފުރުސަތުތަކެއް ތަނަަވަސްކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ފޯކައިދޫގެ ކެޕްޓަން ހުސެއިން ފަޒީލާއި ކުރިއަށް ކުޅުނު ފޯވާޑް ހަސަން ފުވާދު (ޖެކް) އަށް ލިބުނު ބޯޅަތައް ރަނގަޅަށް ފޮނުވާނުލެވުނެވެ. ފޯކައިދޫން ނަތީޖާ ހަމަހަމަކުރީ މެޗުގެ 57 ވަނަ މިނިޓްގަ އެވެ. އަހުމަދު އަމްޖަދު ކޯނަރަކުން ނަގައިދިން ބޯޅަ ފަޒީލް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ މާޒިޔާ ކީޕަރު އޮވޭސް އަޒީޒީ އަތުގައި ޖެހިފަ އެވެ. ފޯކައިދޫން ނަތީޖާ ހަމަހަމަކުރީ ޖެހިޖެހިގެން ލިބުނު ތިން ވަނަ ކޯނަރުގަ އެވެ.
މާޒިޔާ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 64 ވަނަ މިނިޓްގައި އަސަދުﷲ ޖެހި ގޯލުންނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ހުސްކޮށްލާފައި ނަގައިދިން ބޯޅަ އަސަދުﷲ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ބަދަލުތައް ގެނެސްގެން ފޯކައިދޫން ނަތީޖާ ހަމަހަމަކުރަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. މާޒިޔާ އަށް ލީޑުފުޅާކޮށްދޭން އަސަދުﷲ އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެ ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި ކީޕަރު ހަނީފް ގައިގައި ޖެހިފައި އަސަދުﷲ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފަ އެވެ.
މާޒިޔާގެ ތިން ވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އިއްބެ ޖެހި ތިން ވަނަ ގޯލެވެ. ފޯކައިދޫގެ ދެ ވަނަ ގޯލަކީ މާޒިޔާ ކީޕަރު އަޒީޒީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފޯކައިދޫގެ މުހައްމަދު އިންޝާއު ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައި ކީޕަރު އަޒީޒީ ގައިގައި ޖެހިފަ އެވެ.
ފޯކައިދޫ ލީގުގެ ދެ ވަނަ ބުރު ނިންމާލީ ކުޅުނު 16 މެޗުން 20 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މާޒިޔާ އަށް މަރުހަބާ ކިޔާ ކަމަށާއި މެޗުގައި ފޯކައިދޫ އޮތް ހާލަތާ ބަލައި ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރާ ކަމަށެވެ. އަދި މި މެޗު ކުޅެން ފޯކައިދޫގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) އަށް ނާދެވުމަކީ ޓީމަށް ލިބުނު އުނިކަމެއްގެ ގޮތުގައި ނިސްތާރު ބުންޏެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ އެވެ.
ބޮޑު މޮޅަކާ އެކު މާޒިޔާ އަށް އިތުބާރު ބޮޑުވެއްޖެ
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
ފޯކައިދޫން ގަދަފަދަ މާޒިޔާ ހިފަހައްޓައިފި
ރެކޯޑަށް ވުރެ ސެކުލޮސްކީ އަށް މުހިއްމީ މާޒިޔާ މޮޅުވުން
ޓީސީ އާއި މާޒިޔާ އަށް އޮތީ ކިހާވަރެއްގެ ފުރުސަތެއް؟
"ރާއްޖޭގެ ޗެމްޕިއަންކަން ހޯދުން ފަސޭހައެއް ނޫން"
ޗެމްޕިއަން މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި
ޓީސީން ޗެމްޕިއަން މާޒިޔާ ހުއްޓުވައިފި
މާޒިޔާ އަށް ދަ ގްރާންޑޭ އަތުން އުނދަގޫ މޮޅެއް
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް