Roadha Mihaaru
ރެކޯޑަށް ވުރެ ސެކުލޮސްކީ އަށް މުހިއްމީ މާޒިޔާ މޮޅުވުން

ރެކޯޑަށް ވުރެ ސެކުލޮސްކީ އަށް މުހިއްމީ މާޒިޔާ މޮޅުވުން

29 ޖޫން 2019

މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ ޓާގެޓަކީ ވަކި ކަހަލަ ރެކޯޑްތަކެއް ހެދުމެއް ނޫން ކަމަށާއި ބޭނުންވަނީ އަބަދުވެސް ރަނގަޅު ކުޅުމެއް ދައްކައި މެޗުތަކުން މޮޅުވުން ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ ޓާގެޓަކީ ވަކި ކަހަލަ ރެކޯޑްތަކެއް ހެދުމެއް ނޫން ކަމަށާއި ބޭނުންވަނީ އަބަދުވެސް ރަނގަޅު ކުޅުމެއް ދައްކައި މެޗުތަކުން މޮޅުވުން ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ލީގަށް އެންމެ ފުރިހަމަ އަށް ތައްޔާރުވި މާޒިޔާ އިން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަމަ މެޗުން ގްރީން ސްޓްރީޓްސް އަތުން 3-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުން މިދިޔަ އަންގާރަ ދުވަހު ފ. ނިލަންދޫ އަތުން މޮޅުވީ 13-0 އިންނެވެ. މިއީ މީގެ ތިން އަހަރު ކުރިން ފެށި ދިވެހި ޕްރިމިއާ ލީގުގެ ތާރީހުގައި މިހާތަނަށް ޓީމަކުން ހޯދި އެންމެ ބޮޑު މޮޅެވެ.

ސެކުލޮސްކީ ބުނީ އޭނާ އަށް އަބަދުވެސް މުހިއްމުވާނީ ޓީމުގެ ފަރާތުން ފެންނަ ކުޅުން ރަނގަޅު ލެވެލެއްގައި ހުރެ ނަތީޖާ ރަނގަޅުވުން ކަމަށެވެ.

"ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ބޮޑު މޮޅުކަން އެނގުނީ މެޗަށް ފަހު. އެހެންވީމަ އެއީ ޓާގެޓްކޮށްގެން ކުރި ކަމެއް ނޫން. މާޒިޔާ ނޫނަސް ވަރުގަދަ ޓީމުތައް ޕްރިިމިއާ ލީގުގައި އެބައޮތް. އަބަދުވެސް ބޭނުންވަނީ ދަނޑުމަތީގައި ކުޅުންތެރިން 100 ޕަސެންޓް ދައްކައިގެން މޮޅުވުން. އެކަމަކު ފުޓްބޯޅައިގައި އަބަދު މޮޅުވެގެން ފޭބުމަކީ ފަސޭހަ ކަމެއް ނޫން. މާޒިޔާއިން ރެކޯޑަކާ މެދު ނުވިސްނާނެ. އަބަދުވެސް ކުރިއަށް އޮތް މެޗު މުހިއްމުވާނީ،" ސެކުލޮސްކީ ބުންޏެވެ.

"މުހިއްމު ކަމަކީ ވަކި ކުޅުންތެރިޔަކު ގޯލެއް ޖެހުމެއް ނޫން. މުހިއްމު ކަމަކީ މާޒިޔާ ލަނޑު ޖެހުން. އެއީ ޓީމުގެ ރޫހު އޮތް ގޮތަކީ."

ސެކުލޮސްކީ ބުނީ މާޒިޔާގައި މިހާރު އޮތް ސްކޮޑުގެ ކުޅުންތެރިންގެ ކިބައިގައި ޕްރޮފެޝަނަލް ވިސްނުން ހުރުމަކީ އޭނާ އަށް އޮތް ހިތްހަމަޖެހުމެއް ކަމަށާއި އުއްމީދަކީ މިިދިޔަ ދެ މެޗުގައި ވެސް ފެނުނު ހިތްވަރު މި ސީޒަނުގައި ތަކުރާރުކުރުން ކަމަށެވެ.

ލީގުގައި މިރޭ ފޯކައިދޫއާ ދެކޮޅަށް ކުޅެން ނުކުންނައިރު ސެކުލޮސްކީގެ ނަޒަރުގައި މިއީ އުނދަގޫވާނެ މެޗެކެވެ.

"ފޯކައިދޫން ހަތަރު މެޗު ކުޅެފި. ދެ މެޗަކީ ޗެރިޓީ ޝީލްޑް މެޗު. ދެ މެޗު ޕްރިމިއާ ލީގުގައި. އެ ދެ މެޗުގައި ވެސް އެ މީހުން ރަނގަޅަށް ކުޅުނު. ތަޖުރިބާ ހުރި ކުޅުންތެރިންނާއި ރަނގަޅު ހަތަރު ބިދޭސީ ކުޅުންތެރިން އެބަތިބި. އަހަންނަށް މައުލޫމާތު ލިބޭ ގޮތުގައި ފޯކައިދޫގެ 80 ޕަސެންޓް އޮތީ މިދިޔަ އަހަރެކޭ އެއް ސްކޮޑެއް. އޭގެ މާނަ އަކީ އެ މީހުންގެ ޓީމްވޯކް ރަނގަޅުވާނެޔޭ،" 2017 ވަނަ އަހަރު މާޒިޔާ އަށް މާލޭ ލީގު ކާމިޔާބު ކޮށްދިން ސެކުލޮސްކީ ބުންޏެވެ.

މާޒިޔާ އިން އެއްވެސް ޓީމަކާ ދެކޮޅަށް ނުކުންނައިރު ފަސޭހަ މެޗެއް ކަމަށް ދެކިގެން މެޗަށް ތައްޔާރުނުވާނެ ކަމަށާއި އަދި ސީޒަނުގެ ކުރީކޮޅުގައި މެޗުތަކުގައި ސަމާލުވާނެ ކަމަށް ސެކުލޮސްކީ ބުންޏެވެ.

"އަހަންނަށް މުހިއްމުވާނީ އިދިކޮޅު ޓީމެއް ނޫން. އަބަދުވެސް އަަހަންނަށް މުހިއްމުވާނީ އަހަރެންގެ ޓީމު ދަނޑުމަތީގައި 100 ޕަސެންޓް ފޯކަސް ބަހައްޓައިގެން ކުޅުން. އިދިކޮޅަށް ނުކުންނަ ޓީމެއްގެ ނަމެއް ނޫނީ ތާވަލުގައި އޮތް ހިސާބެއް ބެލުމަށް ވުރެން އަމިއްލަ ޓީމުގެ ތައްޔާރީތައް މި ދަނޑިވަޅުގައި މުހިއްމުވާނެ،" ސެކުލޮސްކީ ބުންޏެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ފޯކައިދޫގައި މިހާރު އޮތް ސްކޮޑުގައި މިދިޔަ އަހަރުގެ 80 ޕަސެންޓް ކުޅުންތެރިން ނުތިބޭނެ ކަމަށާއި ޓީމު ބަދަލުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

"މާޒިޔާގެ ކޯޗުގެ ތި މައުލޫމާތު އެންމެ ރަނގަޅެއް ނޫން. އަށްޑިހަ ޕަސެންޓަކީ އާ ޕްލޭޔަރުން ބިލްޑް ކުރަން ޖައްސާފައި އޭނީ. މިދިޔަ އަހަރު އެއީ މިނިވަން ޗެމްޕިއަންޝިޕާއި ޕްރިމިއާ ލީގުގެ ދެމެދުން ލިބުނު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކުރެވުނު މަސައްކަތް. އެކަމު މިހާރު ތަފާތު،" ކުރިން އއ. މާޅޮހާ އެކު ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ނިސްތާރު ބުންޏެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު: މާޒިޔާ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ވަނީ ބުނެފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު: މާޒިޔާ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ވަނީ ބުނެފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ ފޯކައިދުން ނުކުންނާނީ ރަނގަޅު މެޗެއް ކުޅުމަށް ކަމަށާއި މާޒިޔާ އިން ފޯކައިދު އަކީ ދަށް ޓީމެއްގެ ގޮތުގައި ނުދެކޭނެކަން ޔަގީންވާނެ ކަމަށެވެ. އަދި މި ވަގުތުގެ ހާލަތަށް ބަލާއިރު މޮޅުވުމުގެ ޕްރެޝަރު ބޮޑަށް އޮތީ މާޒިޔާ އަށް ކަމަށް ގަބޫލުކުރާކަމަށް ނިސްތާރު ބުންޏެވެ.

"އަޅުގަނޑުމެންނަށް ވުރެ ބޮޑަށް މާޒިޔާ އަށް ކަންނޭނގެ ޕްރެޝަރު އިންނާނީ ދެއްތޯ. އެއްވެސް ބަޔަކު އުއްމީދެއް ނުކުރޭ އަޅުގަނޑުމެން މާ ބޮޑު ރިޒަލްޓެއް ނެރޭނެކަމަކަށް. އެހެންވީމަ އެއީ އަޅުގަނޑުމެންނަށް އޮތް އެޑްވާންޓޭޖް. އެހެންވީމަ ޕްރެޝަރު އޮތީ މާޒިޔާ އަށް،" ނިސްތާރު ބުންޏެވެ.

މީގެ ހަފްތާއެއް ކުރިން ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުމަށް ފަހު ފޯކައިދު އަށް ވަނީ މިރޭގެ މެޗަށް ތައްޔާރުވާން ހަތް ދުވަސް ލިބިފަ އެވެ. ނިސްތާރު ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި ޓީމުގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވެފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މޯޓިވޭޝަނާއި ފިޓްނަސް ވަރަށް ރަނގަޅު. ކުރިން އަނިޔާވެފައި ތިބި ކުޅުންތެރިން ވެސް އަނބުރާ އައިސްފި. އެހެންވީމަ ރަނގަޅު ހަަމަ،" ނިސްތާރު ބުންޏެވެ.