03 މާޗް 2020
ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށް ރާއްޖޭގެ ޗެމްޕިއަންކަން ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށް މި ފަހަރުގެ ލީގު ތަށި މާޒިޔާ އަށް ހޯދައިދިން ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށް ރާއްޖޭގެ ޗެމްޕިއަންކަން ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށް މި ފަހަރުގެ ލީގު ތަށި މާޒިޔާ އަށް ހޯދައިދިން ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.
މިއީ ސެކުލޮސްކީ މާޒިޔާއާ އެކު ހޯދި ދެ ވަނަ ތަށްޓެވެ. އޭނާ ވަނީ އެންމެ ފުރަތަމަ 2017 ވަނަ އަހަރު މާޒިޔާއާ ހަވާލުވެ ހުރިއިރު އެ ފަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު އެ އަހަރު ފަހުން ކުޅުންތެރިންގެ އަނިޔާގެ މައްސަލަ ދިމާވުމާއި ޓީމުގެ ހާލަތު ދަށްވުމުގެ ސަބަބުން ސެކުލޮސްކީ ވަނީ ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން ކޮންޓްރެކްޓް ހަމަވާން ގާތްވުމުން ޓީމާ ވަކިވެފަ އެވެ.
އަލުން މި ސީޒަނުގައި ހަވާލުވެ، ސެކުލޮސްކީ ވަނީ ލީގުގައި ރަނގަޅު މަސައްކަތްތަކެއްކޮށްފަ އެވެ. މުޅިން އާ ފޯމެޓަކަށް ފުޓްބޯޅަ ސީޒަން ހަދައި ލީގު ކުރިއަށްގެންދަން ޖެހުނީ ގިނަ ބްރޭކްތަކެއް ލައިގެންނެވެ. އެކަމުން ކުރިމަތިވި އުނދަގޫތަކާ އެކު ވެސް ސެކުލޮސްކީ ވަނީ ނަތީޖާ ނެރެވޭނެ ގޮތަކަށް ޓީމަށް ހައްލުތަކެއް ހޯދައިފަ އެވެ.
"ވަރަށް އުފާވޭ އަދި ވަރަށް ހިތްހަމަ ވެސް ޖެހޭ މި ކާމިޔާބީއާ މެދު. މިއީ ފަސޭހަކަމެއް ނޫން. ރާއްޖޭގެ ޗެމްޕިއަނުންނަށް ވުމަކީ ފަސޭހަކަމެއް ނޫން،" ލީގުގެ ފަހު މެޗުގައި ރޭ އީގަލްސް އަތުން 2-1 އިން ބަލިވި މެޗަށް ފަހު ސެކުލޮސްކީ ބުންޏެވެ.
އެ ގޮތުން މުޅިން އާ ފޯމެޓަކަށް ޖޫން މަހު ސީޒަން ފަށައިގެން ކުރިއަށްގެންދިޔައިރު، ގިނަ ބްރޭކްތަކެއް ވަނީ ނަގައިފަ އެވެ. އެ ހުރިހާ ކަމަކަށް ބަލާއިރު މި ކާމިޔާބީއާ މެދު ސެކުލޮސްކީ ވަރަށް ހިތްހަމަޖެހެ އެވެ. މާޒިޔާ ލީގު ހޯދީ ކުޅުނު 21 މެޗުން 51 ޕޮއިންޓާ އެކު އެވެ. އެ ޓީމު ވަނީ 16 މެޗުން މޮޅުވެފަ އެވެ. ތިން މެޗުން އެއްވަަރުވިއިރު، ބަލިވީ ލީގުގެ ދެ ވަނަ ބުރާއި ރޭ ލީގުގެ ފަހު މެޗުގައި ކްލަބް އީގަލްސް އަތުންނެވެ.
މިއީ މާޒިޔާ އިން ލީގު ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އެ ޓީމުން 2016 ވަނަ އަހަރު ލީގު ކާމިޔާބު ކުރުމާއި މި ފަހަރާ އެއްގޮތް އެއް ކަމެއް އެބަހުއްޓެވެ. އެއީ މި ފަހަރު ވެސް ލީގު ކާމިޔާބުކުރީ ބާކީ ތިން މެޗު އޮއްވަ އެވެ. ސެކުލޮސްކީ ބުނީ ކާމިޔާބީގެ ކްރެޑިޓް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށެވެ.
"ފުރަތަަމަ ކަމަކަށް ކުޅުންތެރިންނަށް މަރުހަބާ ކިޔަން ބޭނުންވަނީ. ދިހަ މަސް ވަންދެން އަހަރެމެންގެ ޑިއުޓީ ވަރަށް ރަނގަޅަށް އަދާކުރެވިއްޖެ. ދެން 45 ދުވަސްކުރިން އަހަރެމެންނަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރެވިއްޖެ. އަހަރެމެން 45 ދުވަސް ވަންދެން މި ޝީލްޑްގެ އިންތިޒާރުގައި ތިބީ،" ސެކުލޮސްކީ ބުންޏެވެ.
މާޒިޔާ ޕްރެކްޓިހުގެ ތެރެއިން އެ ޓީމުގެ ކޯޗު ސެކުލޮސްކީ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ސީޒަނަށް މާޒިޔާ އިން ކަނޑައެޅި ދެ ޓާގެޓެއް މިހާރު އޮތީ ހާސިލްވެފަ އެވެ. އެއީ ލީގު ޗެމްޕިއަންކަމުގެ އިތުރުން އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުން ކުރި ހޯދައި މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ މާޒިޔާ އިން ހޯދީ ޕްލޭއޮފްގައި އިންޑިއާގެ ގަދަބާރު ބެންގަލޫރުވ ދެ ލެގުން ވެސް ބަލިކޮށްފަ އެވެ.
މާޒިޔާގެ ސްކޮޑުގެ ފެންވަރަށް ބަލާއިރު ކޮންމެ ތަށްޓަކަށް ވެސް އެންމެ ބޮޑަށް ވާދަކުރާނީ އެ ޓީމެވެ. ސީޒަނުގައި ކުރިއަށް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އޮތްއިރު، ސެކުލޮސްކީ ބުނީ ޓީމުގެ ކޮންފިޑެންސް ލެވަލް ރަނގަޅު ކަމުގައިވިޔަސް މީގެ ވިސްނަން ޖެހޭ ކަމަކީ އަނިޔާގެ މައްސަލަތަކާއި މެޗުތައް ރޭވިފައި އޮތް ގޮތް ކަމަށެވެ.
"ކޮންފިޑެންސް ލެވަލް ރަނގަޅު އަބަދުވެސް މާޒިޔާ ކުޅުންތެރިންގެ. އެއީ އަހަރެމެންގެ އަނިޔާގެ މައްސަލަތަކުގެ ސަބަބުން މިހުރި އުނދަގޫތަކަށް ބެލިޔަސް ކޮންފިޑެންސް ލެވަލް ރަނގަޅު. އަހަރެމެންގެ ޓީމް ވޯކްއާ އެކު މި އަންނަނީ އެންމެ ރަނގަޅު ކުޅުން. ކޮންފިޑެންސެއް ނޫން މި ވަގުތު ފިކްސްޗާސް މި އޮތް ގޮތުން ހުރި އުނދަގުލެއް އޮތީ. އެހެންވިޔަސް އަހަރެމެންނަށް މި ކަންކަމާ ކުރިމަތިލާން އެނގޭ." ސެކުލޮސްކީ ބުންޏެވެ.
ރޭ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ބޮޑުބައިގައި މާޒިޔާ އިން ބޭނުންކުރީ އާންމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިން ފަހަކަށް އައިސް ފުރުސަތު ނުލިބޭ ކުޅުންތެރިންނެވެ. އަނިޔާގެ ސަބަބުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރިއިރު، ޒުވާން ފޯވާޑް ނާއިޒު ހަސަން (ދާދު) ވެސް ހުރީ އަނިޔާގަ އެވެ.
މާޒިޔާ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ މާޒިޔާ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
ޓީސީ އާއި މާޒިޔާ އަށް އޮތީ ކިހާވަރެއްގެ ފުރުސަތެއް؟
ޗެމްޕިއަން މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި
ޓީސީން ޗެމްޕިއަން މާޒިޔާ ހުއްޓުވައިފި
މާޒިޔާ އަށް ދަ ގްރާންޑޭ އަތުން އުނދަގޫ މޮޅެއް
މާޒިޔާ، ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފި
ބޮޑު މޮޅަކާ އެކު މާޒިޔާ އަށް އިތުބާރު ބޮޑުވެއްޖެ
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
މާޒިޔާގެ މަގާމާ މެދު ސެކުލޮސްކީ އަށް ބޮޑު ހިތްޖެހުމެއް
ބޮޑު ލީޑަކާ އެކު މާޒިޔާ ދެ ވަނަ ބުރު ނިންމާލައިފި