Roadha Mihaaru
މާޒިޔާގެ މަގާމާ މެދު ސެކުލޮސްކީ އަށް ބޮޑު ހިތްޖެހުމެއް

މާޒިޔާގެ މަގާމާ މެދު ސެކުލޮސްކީ އަށް ބޮޑު ހިތްޖެހުމެއް

04 ޖެނުއަރީ 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަަނައިގައި މި ވަގުތު މާޒިޔާ 11 ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު، އެ މަގާމާ މެދު ދުނިޔޭގެ ކޮންމެ ޓީމެއް ވެސް ހިތްހަމަޖެހޭނެ ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަަނައިގައި މި ވަގުތު މާޒިޔާ 11 ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު، އެ މަގާމާ މެދު ދުނިޔޭގެ ކޮންމެ ޓީމެއް ވެސް ހިތްހަމަޖެހޭނެ ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

މާޒިޔާ އަށް 16 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް މާދަމާރޭ ކުޅެން ޝެޑިއުލްކޮށްފައިވާ މެޗުގެ ތިން ޕޮއިންޓާ އެކު 15 މެޗުން 30 ޕޮއިންޓް ހަމަވާނެ އެވެ. އީގަލްސް މާދަމާރޭ ކުޅެންޖެހޭ މެޗު އޮތީ ވިކްޓްރީއާ ދެކޮޅަށެވެ. ވިކްޓްރީ ސަސްޕެންޑްކޮށްފައިވާތީ އެ ޓީމު ކުޅެން ޝެޑިއުލްކޮށްފައިވާ މެޗުތަކުން އިދިކޮޅު ޓީމުތައް މޮޅުވި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ދެ ވަނަ ބުރުގައި މާޒިޔާ ކުޅުނު ފަހު މެޗުން ރޭ ފޯކައިދޫ އަތުން 3-2 އިން މޮޅުވި މެޗަށް ފަހު ސެކުލޮސްކީ ބުނީ މާޒިޔާ މި ވަގުތު އޮތް ހިސާބާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެމެން އަތުގައި އެބައޮތް 16 މެޗުން 41 ޕޮއިންޓް. މި ވަރުގެ ލީޑެއްގައި ލިވަޕޫލް ވެސް ހިތްހަމަޖެހޭނެ. ބާސެލޯނާ ވެސް ހިތްހަމަޖެހޭނެ. ބަޔާން މިއުނިކް ވެސް ހިތްހަމަ ޖެހޭނެ. ޔުވެންޓަސް ވެސް ހިތްހަމަޖެހޭނެ. ދުނިޔޭގެ ކޮންމެ ޓީމެއް ވެސް ހިތްހަމަޖެހޭނެ. އެހެންވެ އަހަރެން ވެސް ހިތްހަމަޖެހޭ ވަރަށް ބޮޑަށް މި ލީޑާ މެދު،" ސެކުލޮސްކީ ބުންޏެވެ.

ލީގުގެ މެޗެއްގެ ތެރެއިން މާޒިޔާގެ ކޯޗު ސެކުލޮސްކީ (ވ) އާއި އެސިސްޓަންޓް ކޯޗު ސުޒެއިރު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީގުގެ މެޗެއްގެ ތެރެއިން މާޒިޔާގެ ކޯޗު ސެކުލޮސްކީ (ވ) އާއި އެސިސްޓަންޓް ކޯޗު ސުޒެއިރު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީގުގައި މިހާތަނަށް މާޒިޔާ އަތުން ޕޮއިންޓް ގެއްލުނީ ތިން މެޗެއްގަ އެވެ. އެއީ ފުރަތަމަ ބުރުގައި އީގަލްސް އާއި އެއްވަރުވި މެޗާއި ފޯކައިދޫއާ އެއްވަރުވި މެޗުގެ އިތުރުން ދެ ވަނަ ބުރުގައި އީގަލްސް އަތުން 1-0 އިން ބަލިވި މެޗެވެ. މާޒިޔާ އިން ދެ ވަނަ ބުރު ނިންމާލީ ޖެހިޖެހިގެން ހަ މޮޅު ހަމަކުރުމަށް ފަހު އެވެ.

"ކުޅުންތެރިންގެ ކޮންފިޑެންސް ލެވެލް ހުރި ހިސާބާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. ބައެއް ފަހަރު ހީވޭ އޯވަ ކޮންފިޑެންސް ވާ ހެން ވެސް. އެކަމަށް ހައްލެއް ގެނެވޭނެ،" މާޒިޔާ އަށް 2017 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

ބޮޑު ލީޑަކާ އެކު ލީގުގެ ތިން ވަނަ ބުރާ މާޒިޔާ އިން ކުރިމަތިލާއިރު، އެ ޓީމަށް މި ވަގުތު އޮތް ގޮންޖެހުމަކީ އެހެން ޓީމުތަކެކޭ އެއްގޮތަށް ތިން ވަނަ ބުރުގެ ޝެޑިއުލް ލިބިފައިނެތުމެވެ.

"މި ވަގުތަށް ބަލާއިރު ނެތް ކަމެއް ރޭވެން. އެއީ ކަމެއް ކުރެވެން އޮތީ ފިކްސްޗާސް ލިބިގެން. އަދިއެއް ނުލިބޭ،" ސެކުލޮސްކީ ބުންޏެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ.