Roadha Mihaaru
ފޯކައިދޫން ގަދަފަދަ މާޒިޔާ ހިފަހައްޓައިފި

ފޯކައިދޫން ގަދަފަދަ މާޒިޔާ ހިފަހައްޓައިފި

30 ޖޫން 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ށ. ފޯކައިދޫން، މި ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވި ގަދަފަދަ މާޒިޔާއާ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ށ. ފޯކައިދޫން، މި ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވި ގަދަފަދަ މާޒިޔާއާ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އަދި އެޓޭކިން ޑިޕާޓްމަންޓް އެހާމެ ވަރުގަދަ މާޒިޔާ އިން އެންމެ ފަހުން ކުޅުނު މެޗުން ރެކޯޑް ނަތީޖާއެއް ކަމަށްވާ 13-0 އިން ފ. ނިލަންދޫ އަތުން މޮޅުވެފައިވާތީއާ އެކު ބެލެވުނީ މިރޭ ވެސް އެ ޓީމު އުނދަގުލެއް ނެތި މޮޅުވާނެ ކަމަށެވެ.

އެކަމަކު މިރޭ ފެނިގެން ދިޔައީ މެޗުގެ ކުރިން ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނި ފަދައިން، މާޒިޔާ އަށް ޕްރެޝަރާ ކުރިމަތިލާން ޖެހުނުތަނެވެ. ނިސްތާރު ބުނީ އޭނާގެ ޓީމުން ނަތީޖާއެއް ނެރެފާނެ ކަމަށް ބަޔަކު އުއްމީދުނުކުރާނެ ކަމަށާއި މޮޅުވުމުގެ ހުރިހާ ޕްރެޝަރެއް އޮންނާނީ މާޒިޔާ އަށް ކަމަށެވެ.

މާޒިޔާ އަށް ލަނޑެއް ނުޖެހި އިތުރުވި ކޮންމެ މިނެޓަކާ އެކު އެ ޓީމު ދިޔައީ ޕްރެޝަރަށް ވެއްޓެމުންނެވެ. އަނެއްކޮޅުން ފޯކައިދޫ އަށް އެގޮތުގައި ވޭތުވި ކޮންމެ ސިކުންތަކާ އެކު އިތުބާރު ލިބި، ވަރުގަދަ ޑިފެންސިވް ކުޅުމެއް ދެއްކި އެވެ. އަދި ކައުންޓާ އެޓޭކުގައި ނުރައްކާކޮށް މެޗުގެ ފަހު ވަގުތު މޮޅުވުމާ ގާތަށް ވެސް ދިޔަ އެވެ.

"ރަނގަޅު ނަތީޖާއެއް މިއީ، ކުދިން ކުރި މަސައްކަތް ފެނިގެން މިދިޔައީ. ސަތޭކަ ޕަސެންޓް ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅުނީ،" ނިސްތާރު ބުންޏެވެ.

އޭނާ ބުނީ ފަހު ވަގުތު މޮޅުވާން ފުރުސަތު ލިބި އެކަން ނުވި ނަމަވެސް އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ކުޅުންތެރިން މެކްސިމަމް ދިން ކަމަށެވެ. އަދި މި ނަތީޖާއާ އެކު ލީގުގެ ތެރެއަށް ވަނުމަށް އިތުބާރު ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު: މާޒިޔާ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް މެޗުގެ ކުރިން ވެސް ބުނި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު: މާޒިޔާ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް މެޗުގެ ކުރިން ވެސް ބުނި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ނަތީޖާ އަކީ ފުރަތަމަ ޑިވިޝަނުގެ ކޯޗިންގެ ތެރެއަށް ދާދި ފަހުން ވަން ނިސްތާރުގެ ކެރިއަރުގައި ވެސް ފާހަގަކޮށްލެވެ ނަތީޖާއެކެވެ. އެކަމަކު އޭނާ ބުނީ އެއްވެސް ކްރެޑިޓެއް ނަގަން ބޭނުންނުވާ ކަމަށާއި ހުރިހާ ވެސް ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށެވެ.

ނިލަންދޫ އަތުން 13 ލަނޑުން މޮޅުވި މެޗަށް ފަހު މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮސްކީ ބުނެފައިވަނީ އެންމެ ލަނޑެއް ޖަހައިގެން ވެސް މޮޅުވެވިއްޖެއްޔާ ފުދޭނެ ކަމަށެވެ. މިރޭ އޭނާ ބުނީ، އެންމެ ލަނޑެއް ޖަހަން ވެސް ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށާއި އެކަމަކު ނިންމާނުލެވުނީ ކަމަށެވެ.

"ކުޅުންތެރިން މަރުހަބާ ކިޔަން އެއީ ފަހު މިނެޓާ ހަމަޔަށް ވެސް މަސައްކަތްކުރީތީ. މިއީ ހަގީގަތުގައި ފަސޭހަ މެޗެއް ނޫން. އެއީ އިދިކޮޅު ޓީމުން ވަރަށް ސަމާލުކަންދީގެން ޑިފެންސްކޮށް އަދި ކައުންޓާ އެޓޭކުގައި ވެސް ނުރައްކާކުރި،" ސެކުލޮސްކީ ބުންޏެވެ.

މިއީ ކުރީ މެޗުގެ ތަފާތު ބޮޑު ނަތީޖާއާ އެކު، ކުޅުންތެރިން ފަސޭހަކޮށްލުމުން ވީކަމެއްތޯ އެހުމުން ސެކުލޮސްކީ ބުނީ މިއީ އެފަދަ ކަމެއްހެން ހީނުވާ ކަމަށެވެ.

މެޗު ފެށުނީއްސުރެ މާޒިޔާ އިން ބޯޅަ ހިފަހައްޓައިގެން އެޓޭކްކުރި ނަމަވެސް ފުރަތަމަ ހާފުގައި އުފެއްދުނީ ނުރައްކާތެރި އެންމެ ހަމަލައެކެވެ. އެއީ 34 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ދިން ބޯޅައެއް އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) ގޯލް ކުރިމަތިން ޖެހުމުން ހުރަސް ދަނޑި މަތިން ދިޔަ ބޯޅަ އެވެ.

ފުރަތަމަ ހާފުގައި މާޒިޔާ ހިފަހައްޓާލެވުމާ އެކު ދެ ވަނަ ހާފުގައި ފޯކައިދޫ ފެނިގެން ދިޔައީ އިތުރަށް ޑިފެންސަށް ސަމާލުކަންދިން މަންޒަރެވެ. އެކަމަކު ފަހަތުން ބޯޅަ ޖެހުމުގެ ބަދަލުގައި، މާޒިޔާ ކުޅުންތެރިން އަތުން ބޯޅަ ހޯދައި ފޯކައިދޫން މަސައްކަތްކުރީ އެޓޭކްކުރާށެވެ. އެގޮތުން އުފެއްދި ހަމަލައެއްގައި ލިބުނު ހިލޭ ޖެހުމަކުން ފޯކައިދޫގެ ޖަމާލް ހަލީލް މާޒިޔާ އަށް ނުރައްކާކުރި އެވެ.

ޗެރިޓީ ޝީލްޑް މެޗުގެ ދެ ވަނަ ލެގަށް ނުކުތް ފޯކައިދޫ ޓީމު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޗެރިޓީ ޝީލްޑް މެޗުގެ ދެ ވަނަ ލެގަށް ނުކުތް ފޯކައިދޫ ޓީމު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ ފަހު 20 މިނެޓުގައި މާޒިޔާ އިން ފޯކައިދޫ އަށް ވަރަށް ބޮޑަށް ނުރައްކާކޮށް ދެންމެދެންމެ ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެގޮތުން 78 ވަނަ މިނެޓުގައި ފޭދޫ އިއްބެ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ފޯކައިދޫގެ ގޯލްކީޕަރު ޕާކިސްތާނުގެ ހަނީފް ސާގިބަށް އަތުނުވެ، މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި ދާދު އަށް ލިބިލިބި އޮއްވާ ފޯކައިދޫގެ ޑިފެންޑަރަކު އެ ބޯޅަ ސާފުކުރި އެވެ.

އޭގެ މިނެޓެއް ފަހުން ފޭދޫ އިއްބެ ފޮނުވާލި ބާރު ޝޮޓެއް ހަނީފް މަތަކުރިއިރު، ޖެހިގެން އައި މިނެޓުގައި ކޯނަރަކުން ދާދި ހުރަސްކުރި ބޯޅަ އަބްދުﷲ ހަނީފް (ބެންޖޯ) ހުހަށް އަރައި ބޮލުން ޖެހުމުން ވެސް ކީޕަރު ނެގީ އެވެ.

ދެން ފެނިގެން ދިޔައީ ފޯކައިދޫން ލަނޑެއް ޖެހުމާ ގާތަށް ދިޔަ މަންޒަރެވެ. އެގޮތުން 89 ވަނަ މިނެޓުގައި އަންސަރު އިބްރާހިމް (އަންކޮ) އޭރިއާ ތެރެއިން ގޯލަށް ބޯޅަ ޖަހަޖަހާ އޮއްވާ މާޒިޔާ ޑިފެންޑަރަކު އެ ބޯޅަ ބްލޮކްކުރީ އެވެ. އަދި މުޅި މެޗުގައި ވެސް ފެނިގެން ދިޔަ އެންމެ ނުރައްކާތެރި ހަމަލާގައި ފޯކައިދޫން އިތުރު ވަގުތުގެ ތެރޭ ގޯލެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި އަދި މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި އަލީ ޝާމިސް (ތޮއްޕެ) ފަޅިން ކުރިއަށް އަރައި މާޒިޔާގެ ތިން ކުޅުންތެރިން ކައިރިން ދެމި ގަނެ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލާ ސީދާ ނުވެ ދިޔައީ ބޭރަށެވެ.

މިރޭ މޮޅުނުވި ނަމަވެސް، މާޒިޔާ ވަނީ ހަތް ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު ދަ ގްރާންޑޭ އެވެ. ފޯކައިދޫ އޮތީ ހަތަރު ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.