Roadha Mihaaru
ޔޫވީ އާއި ދަ ގްރާންޑޭ އެއްވަރުވެއްޖެ

ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭ އެއްވަރުވެއްޖެ

31 ޑިސެމްބަރ 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 1-1 އިން އެއްވަރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 1-1 އިން އެއްވަރުވެއްޖެ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ދަ ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓްރީ ވެސް ވަނީ ލީގުގައި ކުރިއަށް ޖެހިލައިފަ އެވެ. ދަ ގްރާންޑޭ ފަސް ވަނަ އަށް އެރީ ހަ ވަަނައިގައި އޮތް ފޯކައިދޫއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުންނެވެ. ދެ ޓީމަށް ވެސް 15 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ދަ ގްރާންޑޭގެ ފައިދާ ދެ ގޯލު އެބައޮތެވެ.

ޔުނައިޓެޑް ވިކްޓްރީ ލީގުގެ ހަތް ވަނަ އަށް ޖެހިލީ އަށް ވަނައިގައި އޮތް ނިލަންދޫއާ އެއްވަރަށް 15 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ނިލަންދޫ އަށް ގެއްލުން 30 ގޯލު އޮތްއިރު، ޔުނައިޓެޑް ވިކްޓްރީގެ އޮތީ 17 ގޯލެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ މުހައްމަދު އާދަމް ހަވާލުވެ، އެ ޓީމު ގޮވައިގެން މީގެ ކުރިން ނުކުތް މެޗުތަކުން ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑް ވިކްޓްރީއާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ އުއްމީދުގައި މުހައްމަދު ހަވާލުވި ނަމަވެސް މިހާރު އެކަން ކުރެވޭނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

"ކޮންމެ ގޮތެއްވިޔަސް މިހާރު އިވޭ އަޑުތަކަށް ބަލާއިރު ޔޫވީ އަށް މި އޮތީ މުބާރާތް ނިމިފައި. އެއީ މުބާރާތް ފެށިއިރު ތިން ވަނަ ބުރުގައި އަށް ޓީމު ކުޅޭ ގޮތަށް މި އޮތީ. މިހާރު އިވޭ އަޑުތަކަށް ބަލާއިރު މުބާރާތް ނިމިފައި މީނީ. އެގޮތަށް ބަލާއިރު އީގަލްސް އަތުން ފޯކައިދޫ މޮޅުވި ހިސާބުން އަހަރެމެންގެ ބާރު ގޮސްފި. ބްރޭކުގެ ފަހުން އަހަރެމެންނަށް ވާދަކުރެވޭނަމަ (ތިން ވަނަ ބުރުގައި ކުޅެވޭނަމަ) އެންމެ ޓޮޕްގައި އުޅޭ ޓީމުތަކާ ވެސް ވާދަކުރެވޭނެ،" މި ސީޒަނުގައި ވިކްޓްރީން ކުރިން ފެނުނު މުހައްމަދު ބުންޏެވެ.

ދަ ގްރާންޑޭ އިން މިރޭގެ މެޗަށް ނުކުތްއިރު ފުރަތަމަ އެގާރަ އަށް ވަނީ ތިން ބަދަލެއް ގެންނަން ޖެހިފަ އެވެ. އެ ގޮތުން އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ އަހުމަދު ނިޒާމް (ނިޒާމްބެ) އާއި ޔަސްފާދު ހަބީބު (މުލަކޭ) އަދި ބިދޭސީ މިޑްފީލްޑަރު ކްރިސްޓިއަން ޑޯޑްޒީ ވަނީ ކާޑު ހަމަވުމުގެ ސަބަބުން މި މެޗަށް ސަސްޕެންޑްވެފަ އެވެ.

ލަނޑު ޖެހުމަށް ފަހު ދަ ގްރާންޑޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ލަނޑު ޖެހުމަށް ފަހު ދަ ގްރާންޑޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދަ ގްރާންޑޭ އަށް މެޗުގެ 19 ވަނަ މިނިޓްގައި ލީޑުނަގައިދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ. އޭރިއާ ތެރެއިން އަޔާޒް އަހުމަދު (އަޔާ) ފޮނުވާލި ހަމަލާއެއްގައި ޔުނައިޓެޑް ވިކްޓްރީ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައި އާއްކޮ އަށް ލިބުމުން އޭނާ ވަނީ އެ ބޯޅަ ގޯލުގެ މަތީ ކަަނަށް އަމާޒުކޮށްލައިފަ އެވެ.

ޔުނައިޓެޑް ވިކްޓްރީން ވަނީ މެޗުގެ 24 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލައިފަ އެވެ. ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ އަލީ ހައިޝަމް (ޗުމްޕު) ބޮލުން ފޮނުވާލިއިރު، ދަ ގްރާންޑޭގެ ޑިފެންޑަރު މުހައްމަދު ނިޒާމް ބޮލުގައި ޖެހިފައި އެ ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޔޫކްރޭނުގެ ސިލިޗް ކީރްލޯ (ކީރާ) ވަނީ އެ ޓީމުގެ ކެޕްޓަން އަހުމަދު ނާޝިދު (ނައްޓޭ)ގެ ބަދަލުގައި ކުޅެން އަރުވައިފަ އެވެ. ނައްޓޭ ބަދަލުކުރީ އަނިޔާވުމުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ފަސް މިނިޓް ތެރޭ ލީޑުފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ޔުނައިޓެޑް ވިކްޓްރީގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ހުސްކޮށްލާފައި އަޔާ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ލިބުނު ފުރުސަތެއްގައި އަޔާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ 72 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީ އަށް ލިބުނު ކޯނަރަކުން އަލީ ޝަމާލް ނެގި ބޯޅަ ޗުމްޕު ބޮލުން ފޮނުވާލުމުން ދަ ގްރާންޑޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. ލީޑުފުޅާކުރަން މެޗުގެ 80 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ކުޅުންތެރިން ގާތްގާތުގައި ފޮނުވާލި ދެ ބޯޅަ ޔުނައިޓެޑް ވިކްޓްރީ ކީޕަރު ތޮލާލް ހަސަން (ތޮލާ) ވަނީ މަތަކޮށްފަ އެވެ. ދަ ގްރާންޑޭ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ ޔުނައިޓެޑް ވިކްޓްރީން ނަތީޖާ ހަމަހަމަކުރުމެވެ. ކޯނަރަކުން ޝަމާލް ނަގައިދިން ބޯޅަ ކީރާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މުހިއްމު ތިން ކުޅުންތެރިން ނުލައި ކުޅެން ޖެހުމުން އޭގެ އުނދަގޫތަކެއްދިމާވި ކަމަށާއި ޕްރެކްޓިހުގައި ޓީމުގެ ހާޒިރީ އޮތްގޮތުންނާއި ޓްރެއިނިންތައް ކުރިއަށްގެންދެވޭ ގޮތަށް ބަލާއިރު މެޗެއް އެއްކޮށް ކުޅުމުގައި ދަ ގްރާންޑޭގެ ކުޅުންތެރިންނަށް އުނދަގޫތަކެއް އެބަހުރި ކަމަށެވެ.

"މިހާރަކަށް އައިސް އޯވަރޯލްކޮށް 80 މިނިޓަށް ފަހު ކޮންސަންޓްރޭޝަން މި ދަނީ. ސަބަބުތަކެއް ވެސް އެބަހުރި. ޓްރެއިނިންގެ ހާލަތާއި ކުޅުންތެރިން އެޓެންޑްވުމުގެ ކަންތައްތައް ހުރި ގޮތުން އެއީ. ޓީމު މެއިންޓެއިން ކުރަމުން މިދަނީ. ގެއްލުވާނުލައި. ކުޅުންތެރިންނަށް ކުރެވޭނެ މަސައްކަތާ ބަލާއިރު ވަރަށް އެފަޓް ލައިފި. ގައިގައި ހުރި ވަރެއް ލެވޭނީ. ގައިގައި ނެތް އެއްޗެއް ނުލެވޭނެ. އެ ޓަޔަޑްނަސްއާ އެކު ވަރުބަލިވެގެން ފަހުން އެ ދިޔައީ،" އިންމަ ބުންޏެވެ.

ލީގުގައި މި ހަފްތާގެ މެޗުތަކުގެ ކުރިން އެފްއޭއެމުން ވަނީ ނޫސްވެރިންގެ ބައްދަލުވުންތައް ކެންސަލްކޮށްފަ އެވެ. އާދީއްތަ ދުވަހު އީގަލްސް އާއި ނިލަންދޫ ކުޅުނު މެޗަށް ފަހު ވެސް ނޫސްވެރިންގެ ބައްދަލުވުން ނުބާއްވަ އެވެ. އެކަމަކު އިއްޔެގެ ދެ މެޗަށް ފަހު އަލުން ވަނީ ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ފަށައިފަ އެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ށ. ފޯކައިދޫ އަތުން 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ވަނީ މުހިއްމު މޮޅެއް ހޯދައިފި އެވެެ. މި މޮޅާ އެކު ޓީސީ ލީގުގެ ހަތަރު ވަނައިގައި އޮތީ ތިން ވަަނަައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވުރެން އެއް ޕޮއިންޓް މަދުން ހޯދައިގެންނެވެ. ގްރީން ސްޓްރީޓްސް އަށް 15 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ޓީސީން 25 ޕޮއިންޓް ހަމަކުރީ 13 މެޗުންނެވެ. ލީގުގެ ދެ ވަނައިގައި އޮތް އީގަލްސް އަށް 14 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް މާޒިޔާ އަށް 15 މެޗުން ވަނީ 38 ޕޮއިންޓް ލިބިފަ އެވެ.

ޓީސީން ޖެހި ހަމައެކަނި ލަނޑު މެޗުގެ 87 ވަނަ މިނިޓްގައި ޖެހީ ޒުވާން ޑިފެންޑަރު މުހައްމަދު އަޖުފާން އެވެ. އޭނާ މި ލަނޑު ޖެހީ އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ނަަގައިދިން ހުރަހަކުންނެވެ. އަޖުފާން ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.