30 ޑިސެމްބަރ 2019
އެފްއޭއެމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގެ ކުރިންނާއި ފަހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތައް އެފްއޭއެމުން ކުއްލި ގޮތަކަށް ކެންސަލްކޮށްފި އެވެ.
އެފްއޭއެމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގެ ކުރިންނާއި ފަހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތައް އެފްއޭއެމުން ކުއްލި ގޮތަކަށް ކެންސަލްކޮށްފި އެވެ.
އެފްއޭއެމުން މިގޮތަށް ނިންމި ސަބަބު ސާފުކުރަން އެފްއޭއެމްގެ މީޑިއާ ވަޓްސްއަޕް ގްރޫޕުގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބެއް ނުދިނެވެ. އަދި "މިހާރު" އިން ކުރި މަސައްކަތުގައި ވެސް ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ.
ބެލެވޭ ގޮތުގައި ނޫސްވެރިންގެ ބައްދަލުވުންތައް ކެންސަލްކުރީ ފަހަކަށް އައިސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކޯޗުން އެފްއޭއެމަށް ފާޑުކިޔާތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ.
ލީގުގައި އިއްޔެ އާއި މިއަދު ކުޅެން ޝެޑިއުލް ކޮށްފައިވާ މެޗުތަކުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ނޫސްވެރިންނަށް ދައުވަތު ދިނީ ހޮނިހިރު ދުވަހު މެންދުރު ފަހު 2:30 އަށެވެ. އެކަމަކު ބައްދަލުވުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް އެފްއޭއެމުން ވަނީ ކެންސަލްކޮށްލައިފަ އެވެ. އަދި އިއްޔެ ހަވީރު ލީގުގައި ނިލަންދޫ އާއި ކްލަބް އީގަލްސް ކުޅޭ މެޗު ފެށި ފަހުން އެފްއޭއެމުން ވަނީ މެޗަށް ފަހު އޮންނަ ނޫސްވެރިންގެ ބައްދަލުވުން ނޯންނާނެ ކަމަށް ބުނެފަ އެވެ.
ބަދަލުތައް ގެނެސްގެން މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށައި، ގައުމީ ޓީމަށް ފުރުސަތު ދިނުމުގެ ގޮތުން ލީގު ވަނީ ހަތަރު ފަހަރެއްގެ މަތިން މެދުކަނޑާލައިފަ އެވެ. ކޮންމެ ބްރޭކަކަށް ފަހު އަލުން ލީގު ފަށާއިރު ޓީމުތަކަށް ދިމާވާ މައްސަލަތަކާ ބެހޭގޮތުން ކްލަބްތަކުގެ ކޯޗުން އައިސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޝަކުވާތަށް އޮއްސާލަ އެވެ. އެކަމަކު ގައުމީ ޓީމަށް ވަގުތު ދޭން ނަގާ ބްރޭކަކަށްވާތީ ޓީމުތަކުން މާ ބޮޑަށް އެ ވާހަކަ އިތުރަށް ދައްކަން ބޭނުމެއްނުވެ އެވެ.
އެންމެ ފަހުން ނެގި 50 ވަރަކަށް ދުވަހުގެ ބްރޭކަށް ފަހު އަލުން ލީގުގެ ކުޅުން މި މަހު 16 ވަނަ ދުވަހު ފެށިއިރު، ޓީމުތަކުގެ ހާލަތު އޮތީ ވަރަށް ދަށް ގޮސްފަ އެވެ. އެގޮތުން ބައެއް ޓީމުތަކުގެ ކުޅުންތެރިން ހަމަނުވާތީ ޕްރެކްޓިސް ނުކުރެވި އޮތެވެ. އަނެއް ބައި ޓީމުތަކަށް މުސާރަ ނުދެވޭތީ ކުޅުންތެރިން ރާއްޖޭގެ އެކި ރަށްރަށުގައި ކުޅޭ މުބާރާތްތަކަށް ވަނީ ގޮސްފަ އެވެ. އެހެންވެ ލީގުގައި ކުޅޭ ޓީމުތަކަށް މެޗަށް ޓީމު ހަމަކުރުމުގައި ވެސް ގޮންޖެހުންތަކެއް ހުރި ކަމަށް ކޯޗުން ފާހަގަކުރެ އެވެ.
ލީގުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމަށްވާ ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ދާދި ފަހުން ބުނީ 2019 ވަނަ އަހަރު ނިމި 2020 ވަނަ އަހަރު ފަށާއިރު ރާއްޖޭގެ ފުޓްބޯޅަ މި އޮތީ ދާނެ އެއްވެސް މިސްރާބެއް ސާފުނުވެ ކަމަށާއި މި ކަންތައްތައް ރަނގަޅުކުރަން ކަމެއް ކުރަން މަސައްކަތްކުރުމުގެ ވިސްނުމުގައި ވާހަކަ ދައްކަން ތިބީ ކޯޗުން ކަމަށެވެ.
ކުރިން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ހުރި ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މި އަހަރު ފެށި ފަހުން ފުޓްބޯޅަ އަށް ފާޑުކިޔުން ނުހުއްޓޭ ކަމަށާއި އެކަން ކޮށްގެން އަލިމަގެއް ފެންނަން ނެތް ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު ކުރިމަތިވެފައިމިވާ މާޔޫސްވާންޖެހޭ ފަދަ އުނދަގޫ ދަނޑިވަޅުގައި ކަންތައްތައް ރަނގަޅުކުރަން އޮތް ހައްލަކީ އަޑުއެހުމުގެ ގާބިލުކަން ހުރިހާ ފަރާތަކުން އިސްކޮށް މަޝްވަރާގެ މޭޒަކަށް އައުން ކަމަށް މޯހަން ބުންޏެވެ.
ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ފ. ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގެ ބޭނުމަކީ ޓެކްޓިކަލް އަދި ޓެކްނިކަލް ވާހަކަ ދެއްކުން ކަމަށާއި އެކަމަކު އޭނާ އަށް އެފަދަ ވާހަކައެއް ދެއްކެން ނެތް ކަމަށެވެ.
"މިއަށް ވުރެ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ޓީމުގެ މެނޭޖަރުންނަށް މީޓިންއެއް ބޭއްވި ނަމަ މާ ރަނގަޅު ވާނެ. އޭރަށް ޓީމުގެ ހާލަތު ހަމަގައިމު ވެސް ތިބޭފުޅުންނަށް ވަޒަންކޮށްލަން ތަންކޮޅެއް ފަސޭހަވީސް ކަންނޭގެ،" ފެސްކޯ ބުންޏެވެ.
އެފްއޭއެމުން މި ފަހަރުގެ ފުޓްބޯޅަ ކަލަންޑަރު ބައްޓަން ކުރުމުގައި ކްލަބްތަކާ މަޝްވަރާކުރިއިރު އޭރު މެޖޯރިޓީ ކްލަބްތަކުން މި ފޯމެޓަށް ތާއީދުކުރި އެވެ. އެކަމަކު އެންމެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު މި އޮތް ފޯމެޓްގައި ކުރިއަށް ނުދެވޭނެކަމަށް ގިނަ ކްލަބްތަކުގެ ކޯޗުން ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކްލަބްތަކަށް މާލީ ގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ދިމާވީ މިދިޔަ ދެ އަހަރު ސަރުކާރުގެ ކުންފުނިތަކުން ލިބެމުން އައި ފައިސާ ކުއްލިއަކަށް ނުދޭން ނިންމުމުން ކަމަށް ކްލަބްތަކުން ފާހަގަކުރެ އެވެ. އެ ފައިސާ ދިނުމުގައި ސަރުކާރުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބުނު ކަމަށް ބުނެ، ކްލަބްތަކަށް ފައިސާ ދޭން ނިންމީ އެފްއޭއެމުންނެވެ. އެފްއޭއެމުން މިހާތަނަށް ބައެއް ކްލަބްތަކަށް ފައިސާ ދީފައިވާއިރު، ބައެއް ކްލަބްތަކުން އެ ފައިސާ ލިބުމުގައި ދަތިތަކެއް ހުރިކަމަށް ބުނެފަ އެވެ.
ދިވެހި ލީގު ފަށަން ހުއްދަ އެބައޮތް: އެފްއޭއެމް
ޕްރީ ސީޒަނަށް އަތޮޅު ތެރެއަށް ދިއުމުގެ ފުރުސަތު
ސީޒަން އަވަހަށް ފެށޭތޯ އެފްއޭއެމުން މަސައްކަތްކުރަނީ
ދިވެހި ލީގުން އަތޮޅުތަކަށް ދޭ ޖާގަ މަޑުޖައްސާލައިފި
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ޑިސެމްބަރަށް؟
ކުޅުންތެރިންގެ ކަންބޮޑުވުންތައް ބަލައިގަންނަން: ބައްސާމް
ފުޓްބޯޅަ މުބާރާތްތަކާއި ޓްރެއިނިންތައް މެދުކަނޑާލައިފި
ސުޕަ ކަޕަށް ޖިއްދާއަށް: މައްސަލައެއް ނޫން! އެކަމަކު؟
ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފަށައިފި
އެފްއޭއެމުން ފައިސާ ނުދޭތީ ވީޓީވީން ލައިވް ހުއްޓާލައިފި