Roadha Mihaaru
ސުޕަ ކަޕަށް ޖިއްދާއަށް: މައްސަލައެއް ނޫން! އެކަމަކު؟

ސުޕަ ކަޕަށް ޖިއްދާއަށް: މައްސަލައެއް ނޫން! އެކަމަކު؟

16 ޖެނުއަރީ 2020

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެ ވިދާޅުވީ ތެދުފުޅެކެވެ؛ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުގައި ކުޅޭ މެޗެއް ބަލާލަން ލިބޭ ފުރުސަތެއް ދޫކޮށްލާނީ ކާކު ހެއްޔެވެ؟ އަދި އަމުދުން ދިވެހި ސަރުކާރުން އެންމެ ރުފިޔާއެއް ވެސް ހަރަދުނުކޮށް އެކަން ކުރެވެން އޮވެއްޖެ ނަމަ އެވެ. މިނިސްޓަރާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސައޫދީ އަރަބިއާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ވީއައީޕީ ބޮކްސްގައި ތިއްބަވައިގެން ދުނިޔޭގެ ފުޓްބޯޅައިގެ ދެބާރު ކުޅޭ މެޗަކުން ހިތްހަމަޖެހުން ހޯއްދަވާލެއްވުމަކީ ހަމަ އެއްވެސް މައްސަލައެއް ނޫނެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެ ވިދާޅުވީ ތެދުފުޅެކެވެ؛ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުގައި ކުޅޭ މެޗެއް ބަލާލަން ލިބޭ ފުރުސަތެއް ދޫކޮށްލާނީ ކާކު ހެއްޔެވެ؟ އަދި އަމުދުން ދިވެހި ސަރުކާރުން އެންމެ ރުފިޔާއެއް ވެސް ހަރަދުނުކޮށް އެކަން ކުރެވެން އޮވެއްޖެ ނަމަ އެވެ. މިނިސްޓަރާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސައޫދީ އަރަބިއާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ވީއައީޕީ ބޮކްސްގައި ތިއްބަވައިގެން ދުނިޔޭގެ ފުޓްބޯޅައިގެ ދެބާރު ކުޅޭ މެޗަކުން ހިތްހަމަޖެހުން ހޯއްދަވާލެއްވުމަކީ ހަމަ އެއްވެސް މައްސަލައެއް ނޫނެވެ.

އެކަމަކު ދިވެހި ފުޓްބޯޅަ އަނގަޔާ އަތާ ދިމާނުވާ ހާލަތުގައި އޮއްވާ އެފަދަ މަންޒަރުތައް މިނިސްޓަރާއި ބައްސާމްގެ ފަރާތުން ފެންނަ ނަމަ ފުޓްބޯޅަ ސަޕޯޓަރުންނަށް އެކަން މައްސަލައަކަށް ވާނެ އެވެ. އެކަން އެ ދެ ބޭފުޅުން ވެސް ގަބޫލުކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. ދިވެހި ފުޓްބޯޅައިގެ ހާލަކީތޯ އެވެ. މަޝްހޫރު ފުޓްބޯޅަ ކޯޗަކު ބުނިހެން "ބޯޅަ ހޮވާ ކުއްޖާ އަށް ވެސް އެއްޗެއް ދިއްކޮށްލެވޭނެ ވަރު ވެސް ނެތީ" އެވެ.

ރާއްޖޭގެ ޕްރިމިއާ ފުޓްބޯޅަ ލީގުގެ ތިން ވަނަ ބުރެއް ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން އުޅެފި އެވެ. މިއީ ކުރިއަށް އޮންނަ ހަތަރު އަހަރަށް ފުޓްބޯޅަ ކަލަންޑަރު ހަދައި ހަމަޖެހިލައިގެން ބައިނަލްއަގްވާމީ ފުޓްބޯޅަ އޮތް ޒަމާނެއްގައި، މީހުން ޖޯކަކަށް ހަދާނެ ކަންކަމެވެ. ލީގުގެ ގަވާއިދުގައި އޮތީ އަށް ޓީމާ އެކު ތިން ވަނަ ބުރު ކުޅެން ޖެހޭނެ ކަމަށެވެ. މަޝްވަރާކުރަން ޖެހޭނެ ތަނެއް ނެތެވެ. އެކަމަކު ދެ ވަނަ ބުރުގެ ފަހު މެޗުތަކާ ކުރިމަތިލިއިރު ވެސް ތިން ވަނަ ބުރު ކުޅޭނީ އަށް ޓީމުގެ މެދުގައިތޯ، ހަ ޓީމުގެ މެދުގައިތޯ ނުވަތަ ތިން ވަނަ ބުރެއް އޮންނާތޯ އޮތީ ސުވާލު އުފެދިފަ އެވެ. އެންމެ ފަހުން ނިމުނީ ހަ ޓީމާ އެކު ތިން ވަނަ ބުރު ކުޅޭގޮތަށެވެ.

ކްލަބްތަކުގެ ހާލަތުގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ބައެއް ޓީމުތަކުގެ ހާލަތު އޮތީ ބޮޑު ޗުއްޓީގައި ރަށްރަށުގައި ބާއްވާ ކުދިކުދި މުބާރާތްތަކުގައި ވާދަކުރާ ޓީމުތަކަށް ވުރެ ދެރަވަރުކޮށް ކަމަށް ބުނެވިދާނެ އެވެ. ފުރަތަމަ ޑިވިޝަނުގެ ބައެއް ޓީމުތަކުން މުސާރަ ނުދޭތީ އެ ކުޅުންތެރިން ތިބީ ރަށްރަށުގެ ޓީމުތައް އަތުން ބޮޑު ޗުއްޓީ މުބާރާތުގައި ކުޅެން އެޑްވާންސް ފައިސާ ނަގައިގެންނެވެ. އެހެންވެ ލީގަކާ ލީގެއް ދޫކޮށްފައި އެ ކުޅުންތެރިން ފުރަފުރައިގެން އެ ދަނީ އެ ރަށްރަށަށެވެ. އެ ކުޅުންތެރިން ހިފެހެއްޓޭނެ ގޮތެއް ނެތެވެ. އެހެންވެ ބައެއް ޓީމުތަކުން ރަނގަޅަށް ޕްރެކްޓިސް ނުކޮށް ޓީމު ހަމަކޮށްލަނީ ސީދާ މެޗަށެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓްރީ އަށް އެ ފުރުސަތު ނެތީ އެ ދެ ކްލަބުން އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ދެކެވޭ ވާހަކައިގައި އާރުލާ ކަމަށް ބެލެވެނީ މިހާރު ލީގުން މި ފެންނަ މަންޒަރުތަކުންނެވެ. ފައިސާ ދެވޭނެ ގޮތެއް ނެތުމުން އަދަބު ލިބެނީ ވަކި ބަޔަކަށެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފު (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް ފޮޓޯއަކަށް ހުއްޓިވަޑައިގެން.

ސްޕޯޓްސް މިނިސްޓަރު މަހުލޫފު (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް ފޮޓޯއަކަށް ހުއްޓިވަޑައިގެން.

ގަލޮޅު ދަނޑާއި އެތަނުގެ ފަޅުކަމުގެ ވާހަކައަކީ މިހާރު އިވި ބާވެފައިވާ ވާހަކައެކެވެ. ފަޅުކޮށް ހުންނަ ޖާގަ ބޮޑު ތަންތަނުގެ ބޭނުން ހިފާހެން އެތަނުގެ ބޭނުން ވެސް މިހާރު ކުރެ އެވެ. ސްޕޯޓްސް މިނިސްޓްރީން ޕާކު އަޅަން ގެންނަ ސާމާނު ރައްކުރާށެވެ. ބިދޭސީން ގަވާއިދަށް ފައްތަން އިކޮނޮމިކް މިނިސްޓްރީން ޕްރޮގްރާމް ހިންގާށެވެ. ދަނޑުގެ މީޑިއާ ރޫމާއި ވީއައިޕީ ބޮކްސް ބޭނުންކުރަނީ އެ މަސައްކަތަށެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ކުޅުނު މެޗުގެ ރަސްމީ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ވީއައިޕީ ބޮކްސްގައި ހަދާފައިވާ އިދާރީ ޔުނިޓެއްގަ އެވެ. އެ ބައްދަލުވުމަށް ދެ ޓީމުގެ ކޯޗުންނާއި ނޫސްވެރިން ދިޔައިރު ވެސް އެތަނުގައި އިދާރީ މަސައްކަތް ހިނގަ އެވެ.

ދަނޑަށް ނުވަދެ މެޗެއް ބަލާލަން ބޭނުންވާ މީހަކަށް މިހާރަކު އަމުދުން އެ ފުރުސަތެއް ނެތެވެ. ޓީވީ ރައިޓްސް އިން ދުނިޔޭގެ އެހެން ގައުމުތަކުން ބޮޑު އާމްދަނީއެއް ހޯދާއިރު އެފަދަ މެކޭނިޒަމެއް ނުރޭވި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން މިއޮތީ ޓީވީ ޗެނަލެއްގެ ދަށުވެފަ އެވެ. މި ފަހަރުގެ ލީގު މެޗުތައް ދައްކަން އެފްއޭއެމުން ފުރުސަތު ދިން ވީޓީވީން އިން ވަނީ އެފްއޭއެމުން ފައިސާ ނުދޭތީ މެޗުތައް ދެއްކުން ހުއްޓާލައިފަ އެވެ. އެފްއޭއެމުން މިހާރު އެ ފައިސާ ދައްކާފައިވާ ކަމަށްވެ އެވެ. އެކަމަކު އެއްބަސްވުން ކުރިއަށް ނުގެންދާތީ މެޗުތައް ފެންނާނެ ގޮތެއް ނެތެވެ. ކުޅުންތެރިންނަށާއި ކުޅުންތެރިންގެ އާއިލާ އާއި ރަށްޓެހިންނަށް އެ ކުޅުންތެރިން ކުޅެލާ މެޗެއްގެ މަންޒަރެއް ފެންނަނީ ޕީއެސްއެމް އިން އުސްއަލިތައް ދައްކާތީވެ އެވެ. ޒަމާނުއްސުރެ ފުޓްބޯޅަ ދައްކަމުން އައި ޕީއެސްއެމް އަށް މި ފަހަރު އެ ފުރުސަތު ނުދިން ސަބަބެއް ވެސް ނޭގެ އެވެ.

ފުޓްބޯޅައަކީ މިއަދު ދުނިޔޭގައި އެންމެ ބޮޑަށް މާކެޓްކުރެވޭ އަދި އެންމެ ބޮޑު އާމްދަނީއެއް ހޯދާ ކުޅިވަރެވެ. އެކަމަކު ދިވެހި ފުޓްބޯޅަ މިއޮތީ މާ ކުރީ ޒަމާނެއްގައި ތާށިވެފަ އެވެ. ޒަމާނުގެ ވަސީލަތެއް ނެތި ހޮޓާހޮޓާ ހިންގައިގެންނާއި މަހަށް ގޮސްގެން ފައިސާ ހޯދައިގެން ކްލަބްތައް ހިންގި އިރަށް ވުރެ މިހާރު ހާލަތު ދެރަ އެވެ. ކްލަބްތަކުން އެކުވެރިކަމުގެ މެޗުތައް ކުޅެގެން ފައިސާ އެއްކޮށްގެން ތަރައްގީ ކުރި ގަލޮޅު ދަނޑު މިއޮތީ އޭރަށް ވުރެ ދެރަ ހާލަތުގަ އެވެ. ދިވެހިންގެ ލޭކައްކުވާލާ މި ކުޅިވަރުގައި ލިބުނު ހަމައެކަނި ކުރިއެރުމަކީ ކުޅުންތެރިންގެ ވަކިވަކި ހުނަރު ތަރައްގީވުމެވެ. މިއަދު އީރާނަށް ރާއްޖެ ކޮޅަށް 17 ލަނޑެއް ނުޖެހޭނެ އެވެ. އެކަމަކު ފުޓްބޯޅައިގެ ހިންގުމާއި މާކެޓްކުރުން ފަދަ ކަންކަން ކުރިއަރައި ނުދަންޏާ، ކުޅުންތެރިންގެ ހުނަރު ތަރައްގީ ވިޔަސް ފުޓްބޯޅަ އެހެން ހަރުފަތަކަށް ނުގެންދެވޭނެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި އީގަލްސް ކުޅެނީ: ފުޓްބޯޅައިގެ ފޯރިވަނީ ކެނޑިފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި އީގަލްސް ކުޅެނީ: ފުޓްބޯޅައިގެ ފޯރިވަނީ ކެނޑިފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުނިފޫހިފިލުވުމުގެ ޒަމާނީ ވަސީލަތްތައްކާ އެކު ކުރިން ވަންނަ ވަރަށް ދިވެހިން މިއަދު އޮލިމްޕަހަށް ނުވަނަސް ދިވެހިން ފިލްމް ދައްކައިގެން އަދިވެސް ރަނގަޅު އާމްދަނީއެއް ލިބެ އެވެ. ދިވެހި ފުޓްބޯޅަ އަށް އެވަރު ވެސް ނުވެ އެވެ. އެހެން ގައުމުތަކުގައި އެ ގައުމެއްގެ ލޯކަލް ފުޓްބޯޅަ އާއްމުން ބަލަނީ އެ ގައުމުތަކުން ޓީވީން އިނގިރޭސި ޕްރިމިއާ ލީގު ނުފެންނާތީކީ ނޫނެވެ. އެ ގައުމެއްގެ އަމިއްލަ ލީގާއި ކްލަބްތަކާ މެދު ހާއްސަ ލޯތްބެއް އޮންނާތީވެ އެވެ. އެ ގައުމެއްގެ ކުޅިވަރު ކްލަބްތަކުގެ ސަލާމަތަށް އެ ގައުމެއްގެ ސަރުކާރާއި އެސޯސިއޭޝަންތަކުން ވިސްނާތީވެ އެވެ. އެކަމަކު ރާއްޖޭން މި ފެންނަނީ އޭގެ އިދިކޮޅެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން މެމްބަރުންގެ ކިބައިން މެމްބަރުކަން ނަގާލި ގޮތަށް އެފްއޭއެމްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން މި ފެނުނީ ކްލަބްތަކުގެ ކިބައިން މެމްބަޝިޕް ނަގާލަން އުޅޭ މަންޒަރެވެ.

މިއަދު އެފްއޭއެމް އެއޮތީ އެތަނުން ރަނގަޅު ނިޔަތެއްގައި ކަމެއް ކުރިޔަސް، އެކަމެއް އާއްމުން ބަލައިނުގަންނަ ހިސާބުގަ އެވެ. މާޔޫސްކަން ބޮޑުވެ ދިވެހި ފުޓްބޯޅަ ސަޕޯޓަރުން އެތިބީ އެއް ގޯސްވެފަ އެވެ. ކްލަބްތައް އެތިބީ ނާށިގަނޑު ދިއްކޮށްލައިގެންނެވެ. ފުޓްބޯޅަ މި ހާލަތުގައި އޮއްވާ އެކަމާ ބެހޭގޮތުން މިނިސްޓަރުގެ ބަސްފުޅެއް ވެސް ނީވި ކުއްލިއަކަށް ކުރެއްވި ޓްވީޓުން ފެނުނު މަންޒަރަކީ ޖިއްދާ ސްޓޭޑިއަމުގެ ވީއައިޕީ ބޮކްސްގެ ކަމަށްވާ ނަމަ ފުޓްބޯޅަ ސަޕޯޓަރުން މާޔޫސްވާނެ އެވެ. ރަނގަޅެވެ. ކުޅިވަރު އެސޯސިއޭޝަންތަކަކީ "މިނިވަން" ތަންތަނެވެ. އެތަނުން ކޮންމެ ކަމެއް ކުރިޔަސް މިނިސްޓަރު ޒިންމާ ނަންގަން ނުޖެހޭނެ އެވެ. އެކަމަކު ވޮލީބޯޅަ އެސޯސިއޭޝަނަށް ކޯޗުން ހަމަޖައްސައިދެއްވީ މިނިސްޓަރެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގެ ކާމިޔާބީގެ އުފާފާޅުކުރެއްވުމުގައި އެންމެ އިސްސަފުގައި ހުންނެވީ މިނިސްޓަރެވެ. އެހެންވިއްޔާ ދިވެހި ކުޅިވަރުގެ އަނދިރި ފަރާތުގެ ކަންކަން ވެސް މިނިސްޓަރު ތިލަކުރައްވައި އެކަންކަމަށް ހައްލު ހޯދައިދެއްވަންވާނެ އެވެ. ހަނދާނަށް ގެންނަވާށެވެ. "ފުޓްބޯޅަ ދަނޑުތައް އަލުން ފުރާލުން" މިއީ މަނިކުފާނުގެ ސަރުކާރުގެ ވައުދެކެވެ.