Roadha Mihaaru
މައްސަލަ ބޮޑު ގާނޫނު ދިފާއުކުރަން ބީޖޭޕީ ނުކުންނަނީ

މައްސަލަ ބޮޑުު ގާނޫނު ދިފާއުކުރަން ބީޖޭޕީ މަގުމައްޗަށް ނުކުންނަނީ

25 ޑިސެމްބަރ 2019

މުސްލިމް ތިން ގައުމަކުން އިންޑިއާއަށް އެތެރެވާ ހަމައެކަނި އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް އެ ގައުމުގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލާ ދެެކޮޅަށް މުޒާހަރާތައް ކުރަމުން ދަނިކޮށް ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އެ ބަދަލާ އެއްކޮޅަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މުސްލިމް ތިން ގައުމަކުން އިންޑިއާއަށް އެތެރެވާ ހަމައެކަނި އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް އެ ގައުމުގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލާ ދެެކޮޅަށް މުޒާހަރާތައް ކުރަމުން ދަނިކޮށް ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އެ ބަދަލާ އެއްކޮޅަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބަދަލާ ދެކޮޅަށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކުރި ވަރުގަދަ މުޒާހަރާތަކުގައި މިހާތަނަށް 20 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ގާނޫނަށް ގެނައި އެ ބަދަލާ މެދު ނުރުހޭ މީހުން ކުރަމުން އަންނަ މުޒާހަރާތައް ނުހުއްޓެނީސް ބީޖޭޕީން މަގުމައްޗަށް ނުކުންނަން އުޅޭތީ ސަރުކާރުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބައެއް ސަރަހައްދުތަކުން އިންޓަނެޓް ވެސް ވަނީ ކަނޑާލަ އެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކްރިސްމަސްއާ ގުޅިގެން އަންނަ ބަންދުގައި އެގައުމުގެ ހުރިހާ ސްޓޭޓްތަކެއްގެ ސަލާމަތީ ހުރިހާ އޮފިޝަލުން ވެސް ޑިއުޓީގައި ތިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ފުލުހުން، ހަމަނުޖެހުން ފެތުރުން ހުއްޓުވަން. އެކަމަކު އަޅުގަނޑުމެންނަށް އެނގޭ ކޮންޓްރޯލުން ނެއްޓޭ ހާލަތެއް ވެސް އަތުވެދާނެކަން. އެހެންވެ، މާރުކޭޓްތަކާއި އާއްމު އެހެން ތަންތަނަށް ޕެރަމިލިޓަރީ ބާރުތައް ފޮނުވޭނެ،" ވެރިރަށް ނިއު ދިއްލީގައި ހުންނެވި، ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވި އެވެ.

ރަށްވެހި ކަމުގެ ގާނޫނަށް ގެނައި ބަދަލާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކުން ވެސް އަންނަނީ ކްރިސްމަސްގެ ބަންދާ ދިމާކޮށް ވީހާ ގިނަ ބަޔަކު މަގުތަކަށް ނެރެން ސޯޝަލް މީޑިއާ މެދުވެރިކޮށް ބާރުއަޅަމުންނެވެ. އަދި އެ ބަދަލާ އެއްކޮޅަށް މުޒާހަރާކުރަން އުޅޭ މީހުން ވެސް ގެންދަނީ ހަމަ އެގޮތަށް މަސައްކަތް ކުރަމުންނެވެ.

ދެބައި މީހުން އެއް ފަހަރާ މުޒާހަރާއަށް ނުކުމެއްޖެ ނަމަ ބޮޑު ހަމަނުޖެހުމެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.