Roadha Mihaaru

ފޭނުންނާ އެކު ސެލްފީ ނަގަން އެމީލިއާ ކްލާކް ބޭނުމެއް ނޫން

ފޭނުންނާ އެކު ސެލްފީ ނެގުމަކީ އެއްވެސް ވަރަކަށް ގަޔާވާ ކަމެއް ނޫން ކަމަށާއި އެކަން ކުރަން ބޭނުން ވެސް ނުވާ ކަމަށް މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ބަތަލާ އެމީލިއާ ކްލާކް ބުނެފި އެވެ.

ފޭނުންނާ އެކު ސެލްފީ ނަގަން އެމީލިއާ ބޭނުމެއް ނޫން
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

25 ޑިސެމްބަރ 2019

ފޭނުންނާ އެކު ސެލްފީ ނެގުމަކީ އެއްވެސް ވަރަކަށް ގަޔާވާ ކަމެއް ނޫން ކަމަށާއި އެކަން ކުރަން ބޭނުން ވެސް ނުވާ ކަމަށް މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ބަތަލާ އެމީލިއާ ކްލާކް ބުނެފި އެވެ.

އިނގިރޭސިވިލާތަށް އުފަން 33 އަހަރުގެ ބަތަލާ ޕޮޑްކާސްޓް ޝޯ "ޓޭބަލް މެނާޒް" އަށް ދިން އިންޓަވިއުއެއްގައި ބުނީ ފޭނުންނާ އެކު ސެލްފީ ނަގަން ބޭނުން ނުވާ ސަބަބަކީ ގިނަ ފަހަރަށް މޫޑާއި ހާލަތަށް ނުބަލައި ފޭނުން ސެލްފީ ނަގަން އެދުމަކީ އެހާ ކަމުދާ ގޮތަކަށް ނުވާތީ އެވެ.

އެފަދަ އެއް ތަޖުރިބާ ހިއްސާކުރަމުން އެމީލިއާ ބުނީ އެއް އެއް ދުވަހަކު ދުވަހަކު އޭނާ އެއާޕޯޓުން ނުކުތީ ޕެނިކް އެޓޭކެއް އައިސްގެން އުޅުނު ވަގުތެއް ކަމަށާއި އޭރު ފޯނުން މަންމަ އަށް ހާލަތު ކިޔައިދެމުން ދިޔައީ ރޮވިފައި ވެސް ހުރެގެން ކަމަށެވެ.

"އޭރު އަހަރެން ހުރީ ނޭލާވާން ދަތިވެ، ވަރަށް ބޮޑަށް ހާސްވެ ހަދާނެ ނަހަދާނެއެއް ނޭނގިފައި. އަދި ލޮލުން ކަރުނަ ފައިބާ. އެ ހާލަތުގައި ވެސް ފޭނުން އަހަރެންގެ ހާލަތަށް ބެލުމެއް ނެތި ސެލްފީ ނަގަން އެދި ވަށާލުން ވެގެން ދިޔައީ ވަރަށް ހިތްދަތި ތަޖުރިބާއަކަށް،" އެމީލިއާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ ހާދިސާ އަކީ ފޭނުންނާ ކުރިމަތިލާނެ ގޮތާ ގުޅޭ ގޮތުން ފުންކޮށް ވިސްނަން މަޖުބޫރުވި ކަމެކެވެ.

"ސެލްފީ އަކީ އަހަންނަށް އެހާ ކަމުދާ ކަމެއް ނޫން. އެހެންވީމަ އެބަޖެހޭ ހަގީގަތުގައި އެއަށް ވުރެ މާނަހުރި އެހެން ގޮތަކަށް ފޭނުންނާ އިންޓަރެކްޓްވާނެ ގޮތެއް ހޯދަން. މިސާލަކަށް ބައްދަލުވެ މެސެޖެއް ދިނުން ނޫނީ ކޮންމެވެސް ކަހަލަ މުހިއްމު ވާހަކައެއް ހިއްސާކޮށްލުން ނުވަތަ ކުރީގެ އޮންނަ ގޮތަށް އޮޓޯގްރާފެއް ދިނުން ކަހަލަ ކަމެއް މާ ރަނގަޅު ވާނެ ސެލްފީއަކަށް ވުރެ،" އެމީލިއާ ބުންޏެވެ.

"ޓާމިނޭޓާ ޖެނެސިސް" އާއި "މީ ބިފޯ ޔޫ" އާއި "ސޯލޯ: އަ ސްޓާ ވޯސް ސްޓޯރީ" ފަދަ ފިލްމުތައް ކުޅުނު އެމީލިއާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ ނޮވެމްބަރު މަހު ރިލީޒްކުރި "ލާސްޓް ކްރިސްމަސް" އިންނެވެ.