Roadha Mihaaru

ޖޯނަސް ބްރަދާޒްގެ ފޮތް "ބްލަޑް" ނޮވެމްބަރުގައި

ތިން ބެއިން ހިމެނޭ އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންޑް "ޖޯނަސް ބްރަދާޒް" ގެ ވާހަކަ ކިޔައިދޭ ފޮތް "ބްލަޑް" މި އަހަރުގެ ނޮވެމްބަރު މަހު ނެރެން ނިންމައިފި އެވެ.

ޖޯނަސް ބްރަދާޒްގެ ފޮތް "ބްލަޑް" ނޮވެމްބަރުގައި
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

11 ޖޫން 2021

ތިން ބެއިން ހިމެނޭ އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންޑް "ޖޯނަސް ބްރަދާޒް" ގެ ވާހަކަ ކިޔައިދޭ ފޮތް "ބްލަޑް" މި އަހަރުގެ ނޮވެމްބަރު މަހު ނެރެން ނިންމައިފި އެވެ.

މި ފޮތް ނެރޭކަން އިއުލާންކުރީ 2019 ގަ އެވެ. "ބްލަޑް" ނެރެން މިހާރު ތާވަލުކޮށްފައި އޮތީ ނޮވެމްބަރު މަހުގެ 9 ގަ އެވެ. މި ފޮތް ލިޔެފައި ވަނީ ބޭންޑްގެ ތިން މެމްބަރުން އަދި އެއްބަނޑު އެއްބަފާ ތިން ބެއިން ކަމަށްވާ ނިކް، ކެވިން އަދި ޖޯ ޖޯނަސް އާއި ލިޔުންތެރިޔާ ނީލް ސްޓްރޯސް ގުޅިގެންނެވެ.

ނިކް އަކީ އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ އެވެ. އަދި ޖޯ އަކީ ހޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ރޯލެއް ކުޅުނު ސޯފީ ޓާނާގެ ފިރިމީހާ އެވެ.

މިހާރު ޕްރީ-އޯޑަރަށް ވެސް ހުޅުވާލާފައި "ބްލަޑް" ގައި "ޖޯނަސް ބްރަދާޒް" ގެ މިއުޒިކް ކެރިއަރުގެ ވާހަކަތަކާއި އާއިލީ އަދި އެ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ވެސް ކިޔައިދީފައި ހުންނާނެ އެވެ. "ބްލަޑް" ގެ އޯޑިއޯ ބުކް ވެސް ނެރެން ނިންމާފައިވެ އެވެ.

ތިން ބެއިން އީ! އަށް ދީފައިވާ އިންޓަވިއުއެއްގައި ވަނީ ފޮތުގައި "ޖޯނަސް ބްރަދާޒް" ކުރިން ރޫޅެން ދިމާވި ސަބަބުތަކާއި އޭގެ ސަބަބުން މެމްބަރުންގެ ތެރޭގައި ޖެހުނު ކުނިތަކާއި އެކަމަކު އަނެއްކާ ވެސް އަލުން އެންމެން އެކަތިގަނޑަކަށްވެ، ބޭންޑް އާ ފެށުމަކުން މިއުޒީ ދަތުރު ފަށައި ގަތުމުގެ ވަރަށް ޖަޒުބާތީ ވާހަކަތައް ވެސް ހިމެނޭނެ ކަމަށެވެ.

"ޖޯނަސް ބްރަދާޒް" އަކީ 2005 ގައި އުފެއްދި ބޭންޑެކެވެ. އެކަމަކު ބޭންޑް 2013 ގައި ރޫޅި އަލުން އަނެއްކާ ވެސް އެކީގައި މަސައްކަތް ފެށީ 2019 ގަ އެވެ. ބޭންޑުން މިހާތަނަށް މަގުބޫލު އެތައް ލަވައެއް ގެނެސްދީފައިވާ އިރު، ފަސް އަލްބަމް ނެރެފައިވެ އެވެ. އެންމެ ފަހުގެ އަލްބަކީ 2019 ގެ "ހެޕިނެސް ބިގިންސް" އެވެ.

"ބްލަޑް" ގެ ނަމުގައި "ޖޯނަސް ބްރަދާޒް" ގެ ފޮތް ނެރޭ އިރު 2019 ގައި އެ މީހުންގެ ވާހަކަ ކިޔައިދިން ޑޮކިއުމަންޓަރީއެއް އެމެޒޯން ޕްރައިމް ވީޑިއޯ އިން "ޗޭޒިން ދަ ހެޕިނެސް" ގެ ނަމުގައި ގެނެސްދީފައިވެ އެވެ.