Roadha Mihaaru
ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރެއް ނުދެން: އިޔާޒް

ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރެއް ނުދެން: އިޔާޒް

22 ޑިސެމްބަރ 2019

ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދީފައި ނުވާނެ ކަމަށް ވިދާޅުވެ، ބައެއް އިލްމުވެރިން ހިމެނޭ މަކްތަބާ ސަލަފިއްޔާ އަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް މިއަދު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދީފައި ނުވާނެ ކަމަށް ވިދާޅުވެ، ބައެއް އިލްމުވެރިން ހިމެނޭ މަކްތަބާ ސަލަފިއްޔާ އަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް މިއަދު ރައްދު ދެއްވައިފި އެވެ.

މަކްތަބާ ސަލަފިއްޔާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އިޔާޒް ފަދަ މަޝްހޫރު ބައެއް ދީނީ އިލްމުވެރިން ދީނުގެ ނަމުގައި މީހުން މެރުމާއި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައި ހުރި ކަމަށް ބުނެ އިލްމުވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

ދީނީ އެ ޖަމިއްޔާގެ ތުހުމަތުތަކަށް ރައްދު ދެއްވައި އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އަކީ އެއްވެސް އިރެއްގައި އެއްވެސް ބަޔަކު ހިންގާ ޓެރަރިސްޓު އަމަލުތަކަށް ހިތްވަރު ދެއްވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންތައްތަކަށް ތާއީދު ކުރައްވާފައި ނުވާނެ ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.

"ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް އެފަދަ ކަމެއް ނުކުރާނަމެވެ،" ޓުވިޓާގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި އިޔާޒް ވިދާޅުވި އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިލުމަށް އެންމެ ބޮޑަށް އަޑު އުފުއްލެވި އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިޔާޒް ވަނީ މަކްތަބާ ސަލަފިއްޔާ އަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

އިޔާޒް ވިދާޅުވި ގޮތުގައި މީސްތަކުން ކެޓަގަރައިޒްކޮށް ތިމަންނަގެ ފިކުރާ ދިމާ ނުވާ ބަޔަކާ ހަތަރު ކަޅި ހަމަނުކޮށް ސަލާމް ގޮވިޔަސް ބަލައިނުގަނެ މޫނު އަނބުރާލާފައިދާ މަކްތަބާ ސަލަފިއްޔާގެ ބޭފުޅުންގެ އަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމީ އުސޫލަށް ފެތޭނެ ކަންތައްތަކެއް ނޫނެވެ.

"އެއް މުސްލިމަކު އަނެއް މުސްލިމަކާ ބައްދަލުވާ ހިނދު ސަލާމް ކޮށްލައިފި ނަމަ އެކަމުން ވަރަށް މަތިވެރި ދަރަމަ ލިބޭ. އަހާގެ މޫނުމަތީގައި ހިނިތުން ވެލުމަކީ ވެސް ސަދަގާތެއް މިހެން މިކަން އޮތް އިރު ވެސް ކުނި މޫނު ދައްކައިގެން މީސްތަކުން މަންހަޖުން ބޭރުކޮށް ދީނީ ދައުވަތު ފުނޑާލަން ފުރުސަތު ދެވިގެން ނުވާނެ. ތިމާމެންގެ މަންހަޖަށް ފެތޭ ބަޔަކަށް ނޫނީ ދަރުސް ދެވޭ ކަމަކަށް ނުވޭ،" އިޔާޒް ވިދާޅުވި އެވެ.

"ބޮޑެތި ކާފަރުންނާއި ހެވިފައި ވާހަކަ ދެއްކޭ. ނަމަވެސް މުސްލިމް އަހަކީ ތިމާގެ މަންހަޖަށް ނުފެތޭ މީހަކަށްވާތީ ކުޑަމިނުން ސަލާން ގޮވާ ނުލެވޭ. މީތޯ ރަސޫލާގެ މަންހަޖަކީ؟"

އިޔާޒް ވަނީ ފިތުނަ ފަސާދަ އުފައްދަން ނޫޅޭ އިސްލާހުގެ މަގު އިހްތިޔާރު ކުރުމަށް މަކްތަބާ ސަލަފިއްޔާގެ ހުރިހާ ދީނީ އިލްމުވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން މިހާރު ދަނީ ރ. މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ފަށައި، ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އަދި ދީނީ ހަރުކަށި ފިކުރަށް ރާއްޖޭގައި ޖާގަ ނުދޭނެ ކަމަށް ސަރުކާރުން ވެސް ދާދިފަހުން ވަނީ ބުނެފަ އެވެ.