Roadha Mihaaru
ނަޝީދުގެ ވާހަކަފުޅާ މެދު ޝަހީމްގެ ނުރުހުން!

ޝަހީމްގެ ނުރުހުން ނަޝީދަށް: ސައުދީ އަރަބިއްޔާ ބަދުނާމު ނުކުރައްވާ!

17 ޑިސެމްބަރ 2019

އަނިޔާވެރި އަމަލުތަކަށް އަރައިގަންނަ ހަރުކަށި ފިކުރާ، ސައުދީ އަރަބިއްޔާއާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ސުވާލަކާ މެދު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަނިޔާވެރި އަމަލުތަކަށް އަރައިގަންނަ ހަރުކަށި ފިކުރާ، ސައުދީ އަރަބިއްޔާއާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ސުވާލަކާ މެދު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

އަނިޔާވެރި އަމަލުތަކަށް އަރައިގަންނަ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގައި ވަކި ހިއްޕާލައި، އެ ޖަމާއަތުގެ ވާގިވެރިވުމާ އެކު މިދިޔަ 12 އަހަރުގެ ތެރޭގައި ހިންގި އަމަލުތައް ސަލާމަތީ ބާރުތަކުން އިއްޔެ އާއްމު ކުރެއްވުމުން ނަޝީދު ވަނީ 11 ސުވާލެއް ކުރައްވައިފަ އެވެ.

އޭގެ ތެރޭގައި އެއްސެވި އެއް ސުވާލަކީ "ސައޫދީ އަރަބިއްޔާ އާއި އެހެން ވެސް ހަރުކަށި ފިކުރުގެ ހިޔާލު އާލާކޮށް ހަދާ ގައުމުތަކުގެ ޔުނިވާސިޓީތަކަށް ދަރިވަރުން ފޮނުވާ އިރު، އެ ޔުނިވަސިޓީތަކުގެ މަންހަޖު އެނގިވަޑައިގަންނަވާތޯ އާއި ކިޔަވައިގެން އެނބުރި ރާއްޖެ އަންނަނީ ރާއްޖެ އަށް ބޭނުންވާ މައުލޫމާތު ހިފައިގެންތޯ" އެވެ.

ކައުންސިލަރުންނަށް ބޭއްވި "ވިއަވަތި" މަހާސިންތާގައި، ނަޝީދު މި ސުވާލު އަމާޒު ކުރެއްވި ޕެނަލްގައި ހިމެނިވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލެވެ.

މަޖިލީހުގެ ރައީސްގެ މި ސުވާލު ކުރެއްވީ ޝަހީމް ދެކެވަޑައިގަތް ގޮތުގައި ސައުދީ އަރަބިއްޔާ ބަދުނާމު ކުރެއްވުމުގެ ގޮތުންނެވެ.

ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސައުދީ އަރަބިއްޔާ އަކީ ހައްދުފަހަނައަޅާފައިވާ ވިސްނުން ފަތުރާ ގައުމެއް ނޫން ކަމަށެވެ. އެ ގައުމުގެ ޔުނިވާސިޓީތަކަކީ ވެސް އެފަދަ ފިކުރު ފަތުރާ ތަންތަން ނޫން ކަމަށް ވިދާޅުވި އެވެ.

"ސައުދީން ކިޔެވި ދަރިވަރުން ރާއްޖޭގެ ހުރިހާ ސަރުކާރެއްގެ ވަރަށް މަތީ މަގާމްތައް އަދާކޮށްފައިވޭ. ސައުދީ އަރަބިއްޔާ ބަދުނާމް ނުކުރައްވާ،" ޝަހީމް އެދިވަޑައިގަތެވެ.

ޝަހީމް: އޭނާ އެދިވަޑައިގަތީ ސައުދި އަރަބިއްޔާ ބަދުނާމް ނުކުރަން. ---ފޮޓޯ: ޕީޕީއެމް

ޝަހީމް: އޭނާ އެދިވަޑައިގަތީ ސައުދި އަރަބިއްޔާ ބަދުނާމް ނުކުރަން. ---ފޮޓޯ: ޕީޕީއެމް

ސައުދީ އަރަބިއްޔާ އިން މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނާ ގުޅުވައި ނަޝީދު އެއްސެވި ސުވާލަށް ޕެނަލިސްޓުން ޖަވާބެއް ނުދެއްވަ އެވެ. އޭގެ އިތުރުން ވެސް އެމަނިކުފާނު ގިނަ ސުވާލުތަކެއް ކުރެއްވި އެވެ.

އެމަނިކުފާނުގެ ފުރަތަމަ ސުވާލަކީ އަނިޔާވެރި އަމަލުތައް ހިންގައި އެކި ކަންކޮޅުތަކަށް ފަތުރާ އައިއެސްގެ ދިވެހިރާއްޖޭގައި ސެލްއެއް ފާހަގަކުރެވޭ ގޮތަކީ ކޮބައިތޯ އާއި ކިތައް ސެލް ހަރަކާތްތެރިވަމުންދޭތޯ އެވެ. މީހުން މަރަން ފަސް ނުޖެހޭ ހަރުކަށި ފިކުރުގައި 1،400 މީހުން ތިބިއިރު އެއީ ކޮންބައެއްތޯ އާއި އެ މީހުން ހައްޔަރު ނުކުރާ ސަބަބާ މެދު ސުވާލު ކުރެއްވި އެވެ.

ފުލުސް އޮފީހާއި ސިފައިންގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ފާހަގަކުރަން ގެންގުޅޭ މިންގަނޑާއި އެ ދެ މުއައްސަސާގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން ސޯޝަލް މީޑިއާގައި އައިއެސްގެ ލޯގޯ ޖަހައިގެން ބައެއް މީހުން އުޅޭއިރު، އެއީ ހަރުކަށި ފިކުރުގެ މީހުން ކަން ސާފުނުވޭތޯ ވެސް ޕޮލިސް ކޮމިޝަނަރު އަރިހުން ނަޝީދު އެއްސެވި އެވެ.

ބޭރުގެ ޖާސޫސީ އިދާރީތަކަށް މައުލޫމާތު ދެއްވުމުގައި، ޚާއްސަކޮށް އިމިގްރޭޝަންގެ މައުލޫމާތު ހިފަހައްޓަވާ ސަބަބާއި ހަރުކަށި ފިކުރު ފަތުރާ ސްކޫލްތައް ހިންގުމާ ސަރުކާރުން ހަވާލުވުމުގެ މަސައްކަތް ކުރަންތޯ އާއި މަދަރުސާތަކުގެ މަންހަޖު ބަދަލުކުރަން މަސައްކަތް ކުރާނީ ކޮން އިރަކުތޯ ވެސް އެއްސެވި އެވެ.

ދެން އެއްސެވީ ރާބޯ މީހަކު ހައްޔަރުކުރަން ކިތައް ރުފިޔާ ހަރަދުވޭތޯ އެވެ. އެއާ ވިއްދައިގެން ކުރެއްވި ސުވާލަކީ ސައޫދީ އަރަބިއްޔާ އާއި އެހެން ވެސް ހަރުކަށި ފިކުރުގެ ހިޔާލު އާލާކޮށް ހަދާ ގައުމުތަކުގެ ޔުނިވާސިޓީތަކަށް ދަރވަރުން ފޮނުވާ އިރު، އެ ޔުނިވަސިޓީތަކުގެ މަންހަޖު އެނގިވަޑައިގަންނަވާތޯ އާއި ކިޔަވައިގެން އެނބުރި ރާއްޖެ އަންނަނީ ރާއްޖެ އަށް ބޭނުންވާ މައުލޫމާތު ހިފައިގެންތޯ ވެސް ސުވާލު ކުރެއްވި އެވެ.

މިއުޒިކާއި މުނިފޫހިފިލުވުން ކުރިއަރުވައި އާލާކުރަން އޮތް ޕްރޮގްރާމަކީ ކޮބައިތޯ ދައުލަތުގެ ބަޖެޓުން އެކަން ފާހަގަވާން ނެތް ކަމަށް ވިދާޅުވި އެވެ. އެންމެ ފަހު ވާހަކަފުޅެއްގެ ގޮތުގައި ވިދާޅުވީ ހަރުކަށި ފިކުރުގެ އެއްވެސް ކައުންސިލަރަކަށް ތާއީދު ނެތް ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި ވެސް އެ ފިކުރުގެ މީހަކު ކައުންސިލަށް އިންތިޚާބު ނުވޭތޯ ކުރެއްވެން ހުރި މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ނަޝީދުގެ މި ވާހަކަފުޅުގެ އިތުރުން، ވެސް ކައުންސިލްތަކުގެ ބަޖެޓާ ގުޅުވައި ނަޝީދު އިއްޔެ ދެއްކެވި ވާހަކަފުޅަކާ މެދު ވެސް އިދިކޮޅުގެ ހިތްހަމަނުޖެހުން އަމާޒުވެފައިވެ އެވެ.

ކައުންސިލްތަކަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބޮޑު ބަޖެޓު ހޭދަ ކުރައްވާނެ ގޮތާ މެދު ހިޔާލު ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ ކުރިން އަމަލުކުރި ގޮތަށް ކުދިކުދި ކަންކަމަށް ބަޖެޓު ހުސްކޮށްލުމުގެ ބަދަލުގައި ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް ފައިދާ ލިބިލިބި ހުންނާނެ ކަންކަމަށް ހޭދަކުރަން ޖެހޭ ކަމަށެވެ. ކައުންސިލުން ޕްލޭނެއް ނެތި ރޯދަ މަހަށް ކަރަންޓް ހިލޭ ކޮށްލުމާއި ދުރު ގައުމުތަކުން ވައުޟު ދޭން މީހުން ގެންނަން ކައުންސިލް ބަޖެޓުން ހޭދަކުރުމާއި ޕާކް ހެދުން ފަދަ ކުދިކުދި ކަންކަމުގެ ބަދަލުގައި ވިޔަފާރި ކޮށްގެން ފައިދާ ދެމެހެއްޓޭނެ ފަދަ ކަންކަމަށް ހޭދަކުރަން އިސްކަންދޭން ނަޝީދު އެދިވަޑައިގަތެވެ.

އަންނަ އަހަރަށް ބޮޑު ބަޖެޓެއް ދީފައިވާ އިރު ކައުންސިލްތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި ހޭދަނުކޮށް ފޭލްވެއްޖެ ނަމަ އެއީ މުޅި ލާމަރުކަޒީ ނިޒާމަށް ވެސް ބޮޑު ނާކާމިޔާބީއަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.