Roadha Mihaaru
ފ. އަތޮޅު ދީފި ނަމަ ހަރުކަށި ފިކުރު ފެތުރޭނެ

ފ. އަތޮޅު ސައުދީ އަށް ދީފި ނަމަ ހަރުކަށި ފިކުރު ފެތުރޭނެ: ނަސީމް

03 މާޗް 2017

ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅުންތަކެއް މަޝްރޫއެއް ހިންގުމަށް ފ. އަތޮޅު ދީފި ނަމަ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އިތުރަށް ފެތުރޭނެ ކަމަށް އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅުންތަކެއް މަޝްރޫއެއް ހިންގުމަށް ފ. އަތޮޅު ދީފި ނަމަ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އިތުރަށް ފެތުރޭނެ ކަމަށް އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ބޮޑު މަޝްރޫއުއެއް ހިންގުމަށް ފ. އަތޮޅުގެ ބައެއް ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅުންތަކަކަށް ދޭން ނިންމާފައިވާ މައްސަލައާ ގުޅޭގޮތުން، ޓައިމްސް އޮފް އިންޑިއާ އަށް ނަސީމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެ އާއި އީރާނާ ގުޅުން ކަނޑާލުމަކީ، ސައުދީގެ ސަބަބުން ހަރުކަށި ފިކުރު އުފެދިގެންދާނެ ކަން ސާފުވާ ހެއްކެއް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ ދިވެހި ސަރުކާރުން އީރާނާ ގުޅުން ކަނޑާލީ ސައޫދީގެ ނުފޫޒުން ކަމަށް ބުނެ ދައްކާ ވާހަކަތަކަށެވެ.

ނަސީމް ފާހަގަކުރެއްވި ގޮތުގައި އެކި ގޮތްގޮތުން ރާއްޖެ އަށް ސައޫދީން އެހީވަނީ ހަރުކަށި ފިކުރު ފެތުރުމަށެވެ. އޭނާ ވިދާޅުވީ ފ. އަތޮޅު ސައޫދީ އަށް ދިނުމަކީ އެ ފިކުރު އިތުރަށް ފެތުރޭނެ ސަބަބެއް ކަމަށެވެ.

ފ. އަތޮޅު ދޫކުރުމުގެ މައްސަލާގައި ރައްޔިތުން ބޭނުންވާ ގޮތް ބަލަން ސަރުކާރުން ބޭނުން ނުވާ ކަމަށް ނަސީމް ވިދާޅުވި އެވެ. ކުރީ ޒަމާނުގައި ނަމަ އެފަދަ ކަންކަމަކީ ދައުލަތަށް ޣައްދާރުވުމުގެ ބޮޑު ކުށެއް ކަމަށް ބެލެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކުރީ ޒަމާނުގައި ބޭރު ބަޔަކަށް ރާއްޖެ އިން ބިމެއް ވިއްކުމަކީ މަރުގެ އަދަބު ދެވޭ ފަދަ، ގައުމަށް އެންމެ ބޮޑު ޣައްދާރު ވުމުގެ އަމަލެއް ކަމަށް ބެލެވޭ" މިހާރުގެ ރައީސް އަބްދުﷲ ޔާމީން ޓްރޭޑް މިނިސްޓަރުކަން ކުރެއްވިއިރު، އެ މިނިސްޓްރީގެ ދަށުން ހިންގި ފޮރިން އިންވެސްޓްމަންޓް ސާވިސް ބިއުރޯ އާ ހަވާލު ހުންނެވި ނަސީމް ވިދާޅުވި އެވެ.

ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ގޮތުން ނަސީމް ކަންބޮޑުވުން ފާޅުކުރެއްވިއިރު، ދިވެހި ސަރުކާރުން ވަނީ އޭނާގެ ޕާސްޕޯޓް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބާތިލުކޮށްފަ އެވެ. މިހާރު ސްރީ ލަންކާގައި ދިރިއުޅުއްވާ ނަސީމްއާ ގުޅޭ ގޮތުން ދިވެހި ފުލުހުން ކުރާ ތަހުގީގަކަށް ހާޒިރުވުމަށް އޭނާ އަށް މިދިޔަ އަހަރުގެ އޮގަސްޓް 12 ގައި 14 ދުވަހުގެ ނޯޓިހެއް ފުލުހުން ނެރުނެވެ. އެކަމަކު ނަސީމް މިހާތަނަށް ވެސް ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ.

ފ. އަތޮޅު ސައުދީ އަށް ދޭން ނިންމުމާ ގުޅިގެން އިންޑިއާގެ މީޑިއާތަކުން ދަނީ އެކަމުގެ ނުރައްކާ އިންޑިއާ އަށް އެބައޮތް ކަމަށް ބުނަމުންނެވެ.

ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މިހާރު އޭޝިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ. މި މަހުގެ ތިންވަނަ ހަފުތާގައި ރަސްގެފާނު ރާއްޖެ އަށް ކުރައްވާ މި ދަތުރުފުޅުގައި ފ. އަތޮޅުގެ މަޝްރޫއުގެ ކަންކަމުގެ މަޝްވަރާތައް ކުރައްވާނެ އެވެ.