ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ވިއްކާ ބިންތައް އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭގައި ގަރާރެއް ފާސްކޮށްފި އެވެ.
01 މާޗް 2017
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ވިއްކާ ބިންތައް އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭގައި ގަރާރެއް ފާސްކޮށްފި އެވެ.
މާބްލް ހޮޓަލުގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ހުށަހެޅުއްވި ގަރާރުގައި ވަނީ، ރައްޔިތުންގެ ރުހުމާ ދެކޮޅަށް ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ވިއްކުމަށް ދެކޮޅު ހަދާ ކަމަށެވެ.
ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގެ ބިންތައް ވިއްކުމާ ދެކޮޅު ގަރާރު މާރިޔާ ރޭގައި ހުށަހަޅުއްވަނީ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ފ. އަތޮޅު ވިއްކާލުމަށް ރައްޔިތުން އިންތިހާ އަށް ދެކޮޅު ހަދާއިރު، އަނދިރީގައި މިފަދަ މުއާމަލާތްތައް ހިންގުމަކީ އެކަމުގައި ފޮރުވިފައިވާ ސިއްރުތަކެއް އެކުލެވޭ، އިޔާދަ ނުކުރެވޭ ގެއްލުންތަކެއް ގައުމަށާއި ރައްޔިތުންނަށް ލިބޭނެ ކަމެއް ކަމަށް ވެސް ގަރާރުގައި ވެ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ތެރޭގައި މިހާތަނަށް ކުރި "ވައްކަމާއި ކޮރަޕްޝަން" ގެ އަމަލުތަކުގެ ސަބަބުން ރާއްޖެ އަށާއި ރައްޔިތުންނަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ގަރާރުގައި ފާހަގަކޮށްފައި ވެ އެވެ. ގަރާރުގައި ބުނެފައިވާ ގޮތުން އެފަދަ ކަންކަމަކީ ބާތިލް މުއާމަލާތްތަކެކެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުން ކުރިއަށް ގެންދަނީ: ފ. އަތޮޅު ވިއްކުމާ ދެކޮޅަށް މުޒާހަރާ ކުރަން ޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވި.--- ފޮޓޯ: އެމްޑީޕީ
ގާނޫނާއި ގަވައިދާ ހިލާފަށް ދޫކުރާ ބިންތައް ފަދަ ތަންތަނުގެ މުއާމަލާތްތައް އެމްޑީޕީގެ ސަރުކާރެއްގައި ރޫޅާލައި، އެ ތަންތަން އަނބުރާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ހުށަހަޅާ ކަމަށް ގަރާރުގައިވެ އެވެ.
ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ތާއީދު ކުރެއްވި މި ގަރާރު ފާސްވީ 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ގަރާރަށް ބަހުސް ކުރެއްވި ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ރައްޔިތުން ތައްޔާރަށް ތިބުމަށް ގޮވާލައްވައިފަ އެވެ. އަދި ނުބައި ރޭވުމެއްގެ ދަށުން ފ. އަތޮޅު ވިއްކާލުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވައި، އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ޖެހޭ ކަމަށް ވެސް ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ފ. އަތޮޅާ ގުޅޭ ގޮތުން ސަރުކާރުން ކުރަމުންދާ މަޝްވަރާތައް ބެލޭނެ އެއްވެސް މުއައްސަސާއެއް ރާއްޖޭގައި ނެތް ކަމަށެވެ. ނަމަވެސް މިކަން ހުއްޓުމަކަށް ގެނެވޭނެ ބަޔަކީ ހަމައެކަނި އެމްޑީޕީ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގެ ބިންތައް ވިއްކުމާ ދެކޮޅު ގަރާރަށް އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ދިވެހިން ނުކުންނަން ޖެހޭ. ފ. އަތޮޅު ސަލާމަތް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އެމްޑީޕީން އޮތީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން މަޝްރޫއެއްގެ ވާހަކަ ދެއްކީމަ، އެ މަޝްރޫއަކުން ވައްކަން ނޫން ކަމެއް ނުކުރާނެ އެވެ. ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން ރަށްތައް ނުވިއްކާ އޮތީކީ ގަންނާނެ ބަޔަކު ނެތިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިފާޒް ފާހަގަކުރެއްވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޗައިނާގެ ބަޔަކު ރާއްޖޭގެ 29 ރަށް ގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެކަމަކު ރާއްޖޭގެ ބިމަކީ "ޗައިނާ ޓައުނަކަށް ވާން" ނަޝީދު ބޭނުންފުޅު ނުވީ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސަތަކަށް ދިވެހި އެއްވެސް ރައްޔިތަކު ތާއީދެއް ނުކުރާ ކަން އެމްޑީޕީން ދޮރުން ދޮރަށް ހިންގި ކެމްޕެއިންތަކުން އެނގޭ ކަމަށެވެ. ރާއްޖޭގެ ވެލިފުކެއް ވިޔަސް، ވިއްކަން ބަޔަކު އުޅޭނަމަ އެ ފުރުސަތު ނުލިބޭ ގޮތަށް އޮތުމަކީ ދިވެހިން ބޭނުންވާ ގޮތް ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރާއްޖޭގެ ވެލިފުކެއް ވެސް ރައީސް ޔާމީނާ ވިއްކުމަށް ހަވާލުކުރުމަކީ އަބަދުވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހުރި މިނިވަން މުއައްސަސާތައް ސަރުކާރުން އޮތީ ފުނޑާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގެ ބިންތައް ވިއްކުމާ ދެކޮޅު ގަރާރަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ފުޅަ އަޅައި މުޅިން ނިމި، [މުއައްސަސާތައް] ފަސާދަ ވެފައި ވަނީ. އެހެންވީމަ ރާއްޖޭގެ ފަސްގަނޑުން ބައެއް ބޭރުގެ ބަޔަކަށް ދިނުމަށް ކުރާ މަސައްކަތް ހުއްޓުވަން ޖެހޭ،" އިމްތިޔާޒް ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ފަހަރަކު ތަނެއް ވިއްކަމުން ގޮސް، ރައީސް ޔާމީން ގައުމު ދޫކުރައްވައި ވަޑައިގަންނަވާއިރު، ރާއްޖޭގައި މީހުން އުޅޭނެ ތަނެއް ނޯންނާނެ ކަމަށެވެ.
ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގެ ބިންތައް ވިއްކުމާ ދެކޮޅު ގަރާރަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ތަންތަން ވިއްކަން ފަށައިފިނަމަ، އަންނަން އޮތް ޖީލުތައް ބާކީ އެއްޗެއް ނޯންނާނެ. މިފަދަ ކަމެއް ކުރުމުގެ ކުރިން ރައްޔިތުންގެ ބަސް ލިބެން ޖެހޭނެ ކަމަށް ދެކެނީ،" ރޮޒެއިނާ ވިދާޅުވި އެވެ.
ފ. އަތޮޅުގައި ތަރައްގީގެ މަޝްރޫއު ހިންގުމަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފަ އެވެ. އަދި ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް 2015 ގައި ގާނޫނުއަސާސީ އަށް ގެނައި އިސްލާހަށް ވެސް އެމްޑީޕީގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. ނަމަވެސް ނަމަވެސް ގާނޫނުއަސާސީ އަށް ގެނައި އެ އިސްލާހު ބަދަލުކުރުމަށް މަޖިލިހަށް ހުށަހެޅުމަށް އެމްޑީޕީން ވަނީ ނިންމައިފަ އެވެ. އެކަމަކު އެއީ ވެރިކަން ކުރާ ޕީޕީއެމްގެ ފުރިހަމަ ބާރާ އެކުގައި ގެނެވޭނެ އިސްލާހެކެވެ.
ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ ވާހަކަތަކާ ގުޅިގެން ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.
ފ. އަތޮޅުގެ މުއާމަލާތް ހިނގަނީ އަނދިރީގެ ތެރޭގައި
ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީ މެމްބަރުންގެ ތާއީދު
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުން މަރުހަބާ ކިޔައިފި
ފ. ގެ މައްސަލާގައި ބިރުދެއްކުން ހުއްޓާލަން ގޮވާލައިފި
ފ. އަތޮޅު މަޝްރޫއާ ބެހޭ މައުލޫމާތު މަޖިލީހަށް ނުލިބޭ
ފ. އަތޮޅު ދީފި ނަމަ ހަރުކަށި ފިކުރު ފެތުރޭނެ
ފާޑު ކިޔުންތަކަށް މެމްބަރު ނާޝިދު ރައްދު ދެއްވައިފި
"ފ.އަތޮޅު ވިއްކާލުމަށް ތާއީދުކޮށް ވާހަކަ ނުދައްކަން"
ފ. މަޝްރޫއު ނުހުއްޓޭ، މަޝްރޫއު ގެންނާނެ:އަލީ އާރިފް
ނިހާނާއި ޑރ. ޝަހީދާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް