Roadha Mihaaru

ފ. އަތޮޅުގެ މުއާމަލާތް ހިނގަނީ އަނދިރީގެ ތެރޭގައި: އިބޫ

ފ. އަތޮޅު ވިއްކުން ނުވަތަ ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް މައުލޫމާތެއް ހާމަ ނުކުރާ ކަމަށާއި އެކަން ހިނގަމުން ދަނީ "އަނދިރީގެ ތެރޭގައި" ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

ފ. އަތޮޅުގެ މުއާމަލާތް ހިނގަނީ އަނދިރީގެ ތެރޭގައި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

01 މާޗް 2017

ފ. އަތޮޅު ވިއްކުން ނުވަތަ ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް މައުލޫމާތެއް ހާމަ ނުކުރާ ކަމަށާއި އެކަން ހިނގަމުން ދަނީ "އަނދިރީގެ ތެރޭގައި" ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

މާބްލް ހޮޓަލުގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން، ގާނޫނުއަސާސީން ލިބޭ ހަނި ފުރުސަތުގައި ރާއްޖެ ވިއްކަމުން ގޮސް ހުސް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންވެ، އެކަމާ ދެކޮޅަށް ފިޔަވަޅުު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނދިރީގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގައި ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދަ ހިމެނޭނެ. ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއްގެ ގޮތުގައި ތިބެ، މިކަމާ ދޭތެރޭގައި ފިޔަވަޅު ނާޅައި ތިބެވޭކަށް ނެތް،" މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ "ފައިސާ ފޮއްޗެއް" ފެނިއްޖެ ނަމަ، އޭގައި ހިއްޕަވާނެ ބޭފުޅެކެވެ. އަދި އަދަދު ބޮޑުވެއްޖެ ނަމަ، "ހިތްކިޔާ ވަރު މާ ބޮޑު" ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުން މާބުލް ހޮޓެލްގައި ކުރިއަށް ދަނީ. ފ. އަތޮޅު ވިއްކުމާ ދެކޮޅަށް މުޒާހަރާ ކުރަން ޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުން މާބުލް ހޮޓެލްގައި ކުރިއަށް ދަނީ. ފ. އަތޮޅު ވިއްކުމާ ދެކޮޅަށް މުޒާހަރާ ކުރަން ޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ނަމަ، ރައީސް ޔާމީންގެ ހިތް ކިޔާނެ،" ފ. އަތޮޅުގައި ހިންގަން އުޅޭ ޕްރޮޖެކްޓާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ ފ. އަތޮޅާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ހިންގާފައިވާ ނަމަ، އެ މައުލޫމާތު ހޯދަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅުއްވާފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ. އަދި ފ. އަތޮޅު ވިއްކުމާ އެއްކޮށް މަޖިލިސް އެއްވެސް މެމްބަރަކު ވާހަކަ ދައްކަވާފައި ނުވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ފ. އަތޮޅުގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގުމަށް ތާއީދު ކުރައްވާ ކަމަށް އެ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފަ އެވެ. ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް 2015 ގައި ގާނޫނުއަސާސީ އަށް ގެނައި އިސްލާހަށް ވެސް އެމްޑީޕީގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

އެމްޑީޕީން ވަނީ ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ވިއްކާ ބިންތައް އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް ގަރާރެއް ފާސްކޮށްފަ އެވެ.

މި ގަރާރަށް ބަހުސް ކުރެއްވި ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ރައްޔިތުން ތައްޔާރަށް ތިބުމަށް ގޮވާލައްވައިފަ އެވެ. އަދި ނުބައި ރޭވުމެއްގެ ދަށުން ފ. އަތޮޅު ވިއްކާލުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވައި، އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ޖެހޭ ކަމަށް ވެސް ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.

ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ ވާހަކަތަކާ ގުޅިގެން ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.