Roadha Mihaaru

ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީގެ ބައެެއް މެމްބަރުންގެ ތާއީދު

"އަޅުގަނޑުގެ ހަޔާތުގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖެއަށް ހިފައިގެން އަންނަ ވާހަކައެއް ނުދައްކާ، އެވަރުގެ އިންވެސްޓްމަންޓަކަށް މަރުހަބާ ކިޔާނަން،" ފ. އަތޮޅުގައި ހިންގަން އުޅޭ ބޮޑު މަޝްރޫއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވި އެވެ.

ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީ މެމްބަރުންގެ ތާއީދު
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

28 ފެބުރުއަރީ 2017

"އަޅުގަނޑުގެ ހަޔާތުގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖެއަށް ހިފައިގެން އަންނަ ވާހަކައެއް ނުދައްކާ، އެވަރުގެ އިންވެސްޓްމަންޓަކަށް މަރުހަބާ ކިޔާނަން،" ފ. އަތޮޅުގައި ހިންގަން އުޅޭ ބޮޑު މަޝްރޫއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާ އިން ފ. އަތޮޅުގައި ބޮޑު މަޝްރޫއުއެއް ހިންގަން އުޅޭ އަޑުތަކާ އެކު އެމްޑީޕީ އާއި ޕީޕީއެމް މެމްބަރުންގެ މެދުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް ވަނީ އުފެދިފަ އެވެ. އެކަމަކު ކޮންމެ މެމްބަރެއްގެ ވެސް ކަންބޮޑުވުމަކީ އެ މަޝްރޫއާ ބެހޭ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވުމެވެ.

މި މަޝްރޫއާ ބެހޭ ގޮތުން އެންމެ ބޮޑު ޝައުގުވެރިކަމެއް ފާޅުކުރެއްވީ އޭޑީކޭ ނާޝިދެވެ. މާލިއްޔަތު ކޮމެޓީގައި ނާޝިދު ވިދާޅުވީ ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެއަށް ވަޑައިގެން ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެންނަވަން އުޅުއްވާ ވާހަކަ ނޫސްތަކުގައި ލިޔާ ކަމަށެވެ.

އެހެންކަމުން ފ. އަތޮޅުގައި ހިންގަނީ ކޮން ކަހަލަ އިންވެސްޓްމަންޓެއްތޯ ސަރުކާރުގެ އިސް ބޭފުޅުންގެ އަރިހުން އޮޅުން ފިލުވުމަކީ ސަރުކާރާ މެދު އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި އެއްވެސް ސަރުކާރަކުން ރައްޔިތުންނާ މެދު ގޯސްކަމެއް ނުކުރާނެ އެވެ.

ރާއްޖެ މިސާލަކަށް ބަލައިގެން ހެދި ޕާމް އައިލެންޑް.

ރާއްޖެ މިސާލަކަށް ބަލައިގެން ހެދި ޕާމް އައިލެންޑް.

ނާޝިދު މިސާލު ނެންގެވީ ދުބާއީގައި "މޯލްޑިވްސް" ގެ ގޮތުގައި ރިސޯޓެއް ތަރައްގީކޮށް ޓޫރިސްޓުންނަށް ދޭ ހިދުމަތަށެވެ. ކަދުރު ރުއްތަކެއް ސިފަވާ ގޮތަށް ހެދި "ޕާމް އައިލެންޑް" ގައި ރާއްޖޭގެ ރަށެއްގެ ތަޖުރިބާ ކުރެވެ އެވެ. ހުރިހާ ކަމެއް އިންތިޒާމްކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓްތައް ނަމޫނާއަކަށް ބަލައިގެންނެވެ. މި ރަށް މިހާރު ހިމެނިފައި ވަނީ މުޅި ދުނިޔޭގެ ވެސް އެންމެ ރަނގަޅު ޕްރައިވެޓް އައިލެންޑްތަކުގެ ތެރޭގަ އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި ސައުދީން ތެލުގެ ވިޔަފާރީގައި ކުރިއަރައިގެން ނުދާތީ ދުނިޔޭގެ އެކި ތަންތަނުން ބިން ގަނެގެން ދުބާއީ މޮޑެލްއަށް ވިޔަފާރިކުރަން ޝައުގުވެރިކަން ދެ އެވެ.

"ދުބާއީ މޮޑެލް ސައުދީގައި ނުކުރެވޭނެތީ ރާއްޖެއަށް އައިސް ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެކަން ކުރުމަކީ އަޅުގަނޑުމެން މަރުހަބާ ކިޔާނެ ކަމެއް،" ނާޝިދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނޭ މިތަނަށް ވަޒީރުން ގެންނަވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް."

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ: ސީމެގްގެ ހުށަހެޅުންތަކަށް ސަރުކާރުން އަމަލުކުރަން އޭނާ ބާރު އެޅުއްވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ: ސީމެގްގެ ހުށަހެޅުންތަކަށް ސަރުކާރުން އަމަލުކުރަން އޭނާ ބާރު އެޅުއްވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ފ. އަތޮޅާ ގުޅޭ ގޮތުން ބޭރުގެ އެއްވެސް ފަރާތަކާ އެކީގައި ސަރުކާރުން އެއްބަސްވުމެއް ގާއިމުކޮށްފައި ވާ ނަމަ، އެ މައުލޫމާތެއް ކޮމެޓީއަށް ގެންނަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން އެ ޕްރޮޖެކްޓް ހުއްޓުވަން މަސައްކަތް ނުކުރާނެ އެވެ. އެކަމަކު އެ ޕްރޮޖެކްޓްގެ ތަފްސީލް އެނގުމަކީ މާލިއްޔަތު ކޮމެޓީގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ސަރުކާރުން ފ. އަތޮޅު ވިއްކޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ. ގާނޫނުއަސާސީގައިވާ ގޮތުން ވަކި ކަހަލަ ޝަރުތުތަކެއް ހަމަވާ ވަކި އުސޫލަކުން ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކޭނީ ގާނޫނެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިން ވިއްކުމާ ގުޅޭ ގާނޫނެއް ރާއްޖެއަކު ނެތް. ގާނޫނާ ހިލާފަށް އެކަން އެއްވެސް ބަޔަކު ކުރާނެ ކަމަކަށް ގަބޫލެއް ނުކުރަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅޭ އެއްވެސް ކަމެއް އެމްޑީޕީން ނުކުރާނެ ކަމަށާއި އެއީ ގައުމަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ. އަދި އެމްޑީޕީގެ މަސައްކަތަކީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި ގޮތުގައި ފ. އަތޮޅާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ސާފުވާން ޖެހެ އެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް ލިބިގެން ނޫނީ އެކަމުގެ ހަގީގަތް ނޭނގޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އޭނާ ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުން މިހާތަނަށް އެކަމުގެ މައުލޫމާތު ހާމަނުކުރަނީ "ނުބައި ކަމެއް" އުޅޭތީ އެވެ.

މެމްބަރުންގެ ވާހަކަތަކާ ގުޅިގެން ކޮމެޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާނު ވިދާޅުވީ ސަރުކާރުން ފ. އަތޮޅާ ގުޅޭ ޕްރޮޖެކްޓް ކުރިއަށް ދިއުމުގެ ކުރިން އެ މައުލޫމާތު މަޖިލީހާ ހިއްސާ ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން މަޖިލީހަށް ވަޒީރުން ހާޒިރުކޮށްގެން އެ ކަމުގެ ސުވާލު ކުރުމުގެ ފުރުސަތު އޮތްކަން ނިހާނު ފާހަގަކުރެއްވި އެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ފަތުރާ މައުލޫމާތުތަކާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ.

ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.

ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ބޭރު ފަރާތަކުން ރާއްޖޭގައި މަޝްރޫއުއެއް ހިންގާ ނަމަ އެ މަޝްރޫއުއެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރަން ޖެހެ އެވެ.